ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގުގެ ނުނިމި އޮތް ބައި އަވަސްކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް، ފުލުހުންނާ މަޝްވަރާ ކުރައްވައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، ފުލުހުންނާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެ މައްސަލައިގެ މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާއި އެ މަސައްކަތްތައް ނިންމާނެ ގޮތުގެ ވަގުތު ރޮނގަކާބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ. އަދި އެ މަސައްކަތުގައި ދައުލަތުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާއި އެ މައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތައް ޕީޖީ އޮފީހަށް ހުށަހަޅައި، ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަ ކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން މަޝްވަރާކޮށް ގޮތްތަކެއް ނިންމާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ޕީޖީ އޮފީހުން ބުނީ 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި ބައްސާމް ވަނީ ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ)ގެ ފަރާތުން އެފްއޭއެމް އަށް ދިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުންކުރި ކަމުގެ ތުހުމަތު ކޮށްފަކަމަށެވެ.

އަދި އޭނާ އެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވަނީ ޑޮލަރުގެ ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެ، ބޭންކު ޗާޖުގެ ގޮތުގައި ފަސް ޑޮލަރު ކެނޑުމަށް ފަހު ޖުމުލަ 9،999 ޑޮލަރު ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. މިކުށް ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލާނެއެވެ.

ބައްސާމްގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލާފައިވަނީ 9،999 އެމެރިކާ ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން 1,910 އެމެރިކާ ޑޮލަރު 2 ސެޕްޓެންބަރު 2018 ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕވޓ ލޓޑގެ ކަންކަމަށް ބޭނުންކޮށްފައި ވާތީއެވެ.

100،000 ރުފިޔާއާއި 1،000،000 ރުފިޔާއާއި ދެމެދު އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް މިކުށް ސާބިތުވެއްޖެނަމަ ޖަލަށް ލާނެއެވެ.

މިމައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާކަމަށާއި އިތުރު ބައިތަކުގެ ތަހުގީގު ނިމެމުންދާ ވަރަކަށް އެބައިތަކާ ގުޅިގެން ދައުވާ ކުރަންޖެހޭ މީހުންގެ މައްޗަށް ދައުވާ ކޯޓަށް ހުށަހަޅަމުންދާނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.