އާލާސްކަންފުޅާ އުޅުއްވާތީ ސާޖަރީއެއް ހެދުމަށްޓަކައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ތަރާވީހް ނަމާދު އިމާމުވެ ކުރެއްވުން މެދުކަނޑާލައްވައިފިއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި އޭނާގެ ސިއްހީ ހާލުކޮޅުގެ މާ ބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސް، ޝަހީމް މިއަދު ވިދާޅުވީ އޭނާ އަށް ދިމާވެފައި ވަނީ ގިނައިރު ކޮޅަށް ހުރުމަށް ދަތިވާ މައްސަލައެއް ކަމަށާއި، އެހެންކަމުން ޑޮކްޓަރުންގެ ލަފާގެ މަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީހް ނަމާދުކުރެއްވުން މެދުކަނޑާލެއްވީ ކަމަށެވެ.

"އަވަސް ސާޖަރީއަކަށް ދާތީވެ އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންގެ ހެޔޮ ދުއާ އަށް އެދެން، ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް ނުހަނު އުންމީދުކުރަން،" ޝަހީމްގެ ޕޯސްޓުގައި ވެއެވެ.

އިމާމުކަމަކީ އޭނާ ކުޑައިރުން ފެށިގެން ޝައުގުވެރިކަމާ އެކު ކުރައްވަމުން ގެންދަވާ ކަމެއް ކަން ޝަހީމް ފާހަގަކުރެއްވިއެވެ.

މިދިޔަ ރަމަޟާން މަހުން ފެށިގެން ޝަހީމް އިމާމުވެ ތަރާވީހް ނަމާދު ކުރައްވަމުން ގެންދަވަނީ ހުޅުމާލޭގައި ހުންނަ ރަޝީދު މިސްކިތުގައެވެ.