އަންނަ މަހު އިންޑިއާގައި އޮންނަ އާންމު އިންތިހާބުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ވާދަ ކުރައްވާނެ ކަމަށް ބެލެވޭ އިދިކޮޅުގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރު އަރްވިންދް ކެޖިރްވާލް ހައްޔަރު ކޮށްފިއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގެ ޗީފް މިނިސްޓަރު އަދި އާމް އާދަމީ ޕާޓީގެ ލީޑަރު ކެޖިރްވާލް ހައްޔަރު ކުރީ ދިއްލީގައި ރާވިއްކުމަށް އޮތް އުސޫލުތައް ބަދަލުކޮށް ސަރުކާރުގެ މޮނޮޕޮލީ ދުއްވާލައި އާންމު ފަރާތްތަކަށް އެ ވިޔަފާރިއަށް ވަދެވޭގޮތް ހެދުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެއެވެ.

2022 ގައި އެ ސިޔާސަތު ގެނައި އިރުވެސް ޗީފް މިނިސްޓަރު ކަމުގައި ހުންނެވީ އޭނާއެވެ.

އިންޑިއާގެ ފައިނޭންޝަލް ކްރައިމް އެޖެންސީން އޭނާ ހައްޔަރު ކޮށްފައި ވާ އިރު, ހަމަ އެކޭސްގައި އޭނާގެ ދެ ޑެޕިއުޓީން މީގެ ކުރިން ވަނީ ހައްޔަރު ކޮށްފައެވެ.

މިއާއެކު އޭނާ ނިސްބަތްވާ ޕާޓީން ބުނީ, ހައްޔަރު ކުރީ ސިޔާސީ މަގުސަދެއްގައި ކަމަށާއި ހައްޔަރު ކުރި މައްސަލަ ސީދާ ސްޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށެވެ. އިތުރަށް އެޕާޓީން ބުނީ ކެޖިރްވާލް ހައްޔަރު ކުރީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބީޖޭޕީން ރާވައިގެން ކަމަށެވެ.

ފައިނޭންސްޝަލް ކްރައިން ޑިޕާޓުމަންޓުން ތަހުގީގު ކުރާ މައްސަލައަކީ ކޮންޓްރޯލެއް ނެތި ރާ ވިއްކުމަށް ސަރުކާރުން ފުރުސަތު ހުޅުވާލަ ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބަލާ މައްސަލައެކެވެ. އެ މައްސަލައިގައި އާމްއާދަމީ ޕާޓީގެ އިސްވެރިން ބައިވެރިވާކަމަށް ތުހުމަތު ކުރެއެވެ.

އެ ޕޮލިސީ އޭރު ތަންފީޒު ކުރަން ފެށުމާއެކު އުފެދުނު ސިޔާސީ ހަމަނުޖެހުންތަކާ ހުރެ އޭގެ ދުވަސްކޮޅެއްގެ ފަހުން ކެޖިރްވާލްގެ ސަރުކާރުން [ދިއްލީ ސަރުކާރު] އިން ވަނީ އެ ސިޔާސަރު އަނބުރާ ނަގާފައެވެ.

ކޮރަޕްޝަން ނައްތާލުމުގެ ޝިއާރާއެކު އުފަންވެގެން އައި އާމްއާދަމީ ޕާޓީގެ ލީޑަރު ކެޖިރްވާން ވިދާޅުވީ "އޭނާ ކޮރަޕްޓް ނަމަ ކޮރަޕްޓް ނޫން އެކަކުވެސް ދުނިޔޭގައި ނުހުންނާނެ" ކަމަށެވެ.

ކެޖިރްވާލްގެ މައްޗަށް ތުހުމަތު ކުރާ މައްސަލައިގައި މިއަދުގެ ވަގުތެއްގައި ކޯޓަށް ހާޒިރުކޮށް ދައުވާ އިއްވާނެ ކަމަށް ހަބަރުތައް ބުނެއެވެ.

އިންޑިއާގައި 6 ހަފްތާއަށް ދެމިގެންދާ ގޮތަށް އަންނަ މަހު ފަށާ އާންމު އިންތިހާބުގައި ބޮޑުވަޒީރު މޯދީ އާ ވާދަ ކުރަން 27 ޕާޓީ ގުޅިގެން އުފެއްދި 'އިންޑިއާ' ކޯލިޝަން ތަމްސީލު ކުރުމުގެ ފުރުސަތު އޮތް އެއް ކެންޑިޑޭޓަކީ ކެޖިރްވާލްއެވެ. އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކޮށްފައި ވާ އިރު ދެން ހުންނެވި ކެންޑިޑޭޓް, ކޮންގްރެސް ޕާޓީގެ ލީޑަރު ރާހޫލް ގާނދީ އާ ދެކޮޅަށް ވެސް ސަރުކާރުން ގެންދަނީ ދައުވާތަލެއް އުފުލައި އޭނާ އެއްފަރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އާންމު ރެލީއެއްގައި އޭނާ "މޯދީ ކިޔާ މީހުންނަކީ ވަގުން" ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފައި ވާތީ ވަނީ 2 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް މިވަގުތު އޭނާ ކަފާލާތުގެ ދަށުން މިނިވަންވެފައި ހުރި ނަމަވެސް ދައުވާ އަދި ނުނިމެއެވެ.