ދިރިއުޅުމަށްޓަކައި ހަލާލުގޮތުގައި އާމްދަނީ ހޯދުމަށް، އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫނެވެ. ބޭނުންވަނީ އެ މަސައްކަތެއް ކުރުމުގެ ކެރުމާ، ހިތްވަރެވެ. ހީވަގިކަމާ، މުރާލިކަމެވެ. މިއީ އުމުރުން އެންމެ 9 އަހަރުގައި މަންމަ މަރުވެ، ދިރިއުޅުމުގެ މައިދާނަށް ނުކުތް ޏ.ފުވައްމުލަކަށް އުފަން މޫސާ އަބްދުﷲ (މޫސާދީދީ) އަބަދުވެސް ގަބޫލުކުރި ގޮތެވެ.

މިހާރު އައްޑޫ ސިޓީ މީދޫގައި ދިރިއުޅެމުން އަންނަ މޫސާދީދީ އަކީ އަބަދުވެސް އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސަމުން އައި މީހެކެވެ. ވަރަށް ކުޑައިރު މަންމަ މަރުވެ، އެއްބަނޑުއެއްބަފާ 4 މީހުން، އާއިލާގެ އެކި މެންބަރުންގެ ބެލުމުގެ ދަށަށް ގޮސް 4 ބެއިން ވަކިވީއެވެ. އުފަން ފަސްގަނޑު ދޫކޮށް މާލެއަށް ބަދަލުވެ އުމުރުން އެންމެ 13 އަހަރުގައި މޫސާދީދީ މަސައްކަތު މާހައުލަށް ނުކުތީ އެއްވެސް މަސައްކަތެއް ކުރަން އެނގިގެނެއް ނޫނެވެ.

އޭރު އެއީ ހިކި އަނަރޫފަކޮށް ހުރި ކުޑަކުއްޖެކެވެ. އެހެން ނަމަވެސް އޭރުވެސް މޫސާދީދީގެ އަޒުމަކަށްވީ އެއްވެސް މީހަކަށް ބުރައަކަށް ނުވެ ދިރިއުޅުމެވެ. އެންމެ ފުރަތަމަ ކުރި މަސައްކަތަކީ މާލޭގެ މަޝްހޫރު ވިޔަފާރިވެރިއަކު ހިންގި ވަޑާންގެއެއްގައި ކުރަން ޖެހުނު ކުދިކުދި މަސައްކަތްތައް ކުރުމެވެ. އެއަށްފަހު އެމީހުން ހިންގަމުން ދިޔަ ރޭނުމާ، ސިމެންތީގެ އެކިއެކި މަސައްކަތުގައި އަތްގާތް ކޮށްދޭން އުޅުނު އިރު މުސާރައަކަށް ލިބުނީ އެންމެ 30 ރުފިޔާއެވެ.

އަބްދުﷲ މޫސާ (މޫސާދީދީ)

އެ މަސައްކަތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު މާލޭ ޕަބްލިކް ވޯކްސްގެ މަސައްކަތުގައި ވެސް 7 އަހަރު އޭނާ ހޭދަ ކުރިއެވެ. އެތަނުގެ ވަޒީފާގައި ހޭދަވި ކޮންމެ ދުވަހަކީ ވެސް ދިރިއުޅުމަށްޓަކައި އާ މަސައްކަތްތަކެއް ދަސްވެގެން ދިޔަ ދުވަހެއް ކަމަށް މޫސާދީދީ ގަބޫލު ކުރެއެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި ކޮންސްޓްރެކްޝަން މަސައްކަތް ކުރުމުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުނު މޫސާދީދީ ބުނީ އައްޑޫ ސިޓީ މީދޫގައި ވަޒަންވެރި ވެވުނީ ކޮންސްޓްރެކްޝަން މަސައްކަތް ކުރަން އުޅުނު މީދޫ ގުރޫޕަކާ އުފެދުނު ރަހްމަތްތެރިކަމުގެ ސަބަބުން ކަމަށެވެ. މީދޫއިން މީހަކާ ކައިވެނިކޮށްގެން އެ ރަށުގައި މޫސާދީދީ ދިރިއުޅެން ފެށިއިރު ފުވައްމުލަކުގައި އޭނާގެ ދެ ކުދިން ތިއްބެވެ. އެހެންނަމަވެސް ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެ ވަގުތު އާއިލާއަށް ދޭނެ އެއްވެސް އެއްޗެއް އޭނާގެ އަތުގައި ނެތެވެ.

އާމްދަނީ ހޯދުމަށް ކުރާނެ އެއްވެސް މަސައްކަތެއް ނެތެވެ. އެހެންނަމަވެސް އެއްވެސް މަސައްކަތެއް ނެތި ހުރުމަކީ އޭނާގެ ޒަމީރު އެއްގޮތަކަށް ވެސް ގަބޫލުކުރި ކަމެއް ނޫންކަމުން މަޑުމަޑުން ރޭނުމާ، ސިމެންތި ޖެހުން ފަދަ މަސައްކަތްތައް ދަސްކުރިއެވެ.

އަބްދުﷲ މޫސާ (މޫސާދީދީ) އޭނާގެ އާއިލާ އާއެކު
"އަމިއްލަ ބޯހިޔަލެއް ހޯދަންޖެހުނު ހިސާބުން އެންމެ ފުރަތަމަ މި ހުރިހާ މަސައްކަތެއް ދަސްކުރަން ބޭނުންވީ. ގެ ރޭނުމުގެ މަސައްކަތުގެ ތެރެއިން ރޭނުމާ، ސިމެންތި ޖެހުމާ، މުށި ޖެހުމާ، ވައިރު ކުރުމާ ހުރިހާ މަސައްކަތެއް ދަސްވެގެން ދިޔައީ."
މޫސާދީދީ

އެހާ ހިސާބުން ދެން ނުކުތީ މީހުންގެ ގޭގޭ ރާނާ ދިނުމުގެ މަސައްކަތަށެވެ. އޭރު މީދޫގައި މި މަސައްކަތް ކުރާ މީހުންވެސް ވަރަށް މަދެވެ. އެހެން ނަމަވެސް މޫސާދީދީ އޭރު ބޭނުންވީ ރަށުގައި ހުރެގެން ކިތަންމެ މަދު އާމްދަނީއެއް ލިބުނު ކަމުގައި ވިޔަސް އާއިލާ ކައިރީ މަޑު ކުރާށެވެ.

އޭރުވެސް މޫސާދީދީގެ އެންމެ ބޮޑު އެއް އަޒުމަކަށްވީ ހަލާލު ގޮތުގައި މަސައްކަތްކޮށް އާއިލާގެ ހުރިހާ ޒިންމާއެއް އަދާ ކުރުމެވެ. ރަށުގައި ހުރެގެން ލިބޭ މަދު އާމްދަނީ އިން އާއިލާގެ ކަންތައްތައް ބެލެހެއްޓުމެވެ. މި އަޒުމާއެކު މޫސާދީދީ ނުކުރާ މަސައްކަތެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަސްކައްކާ ހިއްކުމުގެ މަސައްކަތާއި، ރުކަށް އެރުމާ، މާލެ އާއި އައްޑޫ އާއި ދޭތެރޭ ދަތުރު ކުރުމާ، ދަނޑުވެރިކަމާ، ގާޑިޔާގެ ވިޔަފާރީގެ އިތުރުން ފަރުމަސްވެރިކަން ވެސް ކުރިއެވެ. މިއިން ކޮންމެ މަސައްކަތެއް ވެސް ދަސްކުރީ މީހުން ކުރާ މަސައްކަތްތައް ބަލައިގެން އަމިއްލައަށެވެ. އެކުގައި އުޅުނު މަސައްކަތްތެރި މީހުންގެ އިރުޝާދުތައް އަހައިގެންނެވެ.

މީދޫގައި ޕަބްލިކް ވޯކްސް ހުޅުވުމަށް މީހުން ނެގިއިރު އެ ވަޒީފާ ލިބިގެން ދިއުންވެގެން ދިޔައީ މޫސާދީދީއަށް ލިބުނު ވަރަށް ބޮޑު ނަސީބަކަށެވެ. އެތަނުގައި މަސައްކަތްކުރި ދުވަސްވަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ރަށްރަށަށް އެހީވެ، އެ ރަށްތައް ސާފުކުރަން ދިޔައިރު އެ ފެނުނު ހިތްދަތި މަންޒަރަކީ އަދިވެސް ހަނދާނުން ފޮހެވިގެން ނުދާ މަންޒަރުތަކެއް ކަމަށް މޫސާދީދީ ބުންޏެވެ. ގިނަ ދުވަސްތަކެއް ވަންދެން ޕަބްލިކް ވޯކްސްގައި މަސައްކަތްކުރުމަށް ފަހު، ރައީސް ނަޝީދުގެ ވެރިކަމުގައި އެތަނުގެ އޮނިގަނޑަށް ގެނައި ބަދަލާއެކު މޫސާދީދީގެ ވަޒީފާ ގެއްލިގެން ދިޔައެވެ. އެހެންނަމަވެސް އެ އަޒުމެއް ނުގެއްލެއެވެ.

އަބްދުﷲ މޫސާ (މޫސާދީދީ)

"އޭރު ޗުއްޓީއެއްގަ މާލޭގައި ހުއްޓާ އެގުނީ ވަޒީފާ ގެއްލުނުކަން. ދެން މާލޭގެ މާރުކޭޓުން ގޮޅިއެއް ހޯދައިގެން އެތަނުގައި މަޑުކޮށްލީ. އެހެންނަމަވެސް އޭރުވެސް އެ މަސައްކަތަކީ ދާއިމަށް ކުރަން ބޭނުންވި މަސައްކަތެއް ނޫން. އެހެން ހުއްޓާ އަނެއްކާވެސް ޕަބްލިކް ވޯކްސްއަށް މީހުން ނަގަން އިއުލާންކުރީ، ނަސީބު ދިމާކުރި ގޮތުން ވަަރަށް ފަސޭހައިން އެ ވަޒީފާ ހަމަޖެހިއްޖެ" އެދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެމްއާރްޑީސީ (ޕަބްލިކް ވޯކްސްގެ) ސެކިއުރިޓީއެއްގެ ވަޒީފާ އަދާކުރާ 7 ކުދިންގެ ބައްޕަ މޫސާދީދީ ބުންޏެވެ.

ޕަބްލިކް ވޯކްސްގެ ވަޒީފާއަކީ މޫސާދީދީގެ ރަސްމީ ވަޒީފާކަމުގައި ވިޔަސް މިހާރުވެސް ފަރުމަސްވެރިކަން ކުރުމަކީ އޭނާ އެންމެ ޝައުގުވެރިކަމާއެކު ކުރާ މަސައްކަތެވެ. މީގެ އިތުރުން ހުޅުދޫ އަދި މީދޫގެ ކަށްވަޅު ކޮނުމުގެ މަސައްކަތަކީ، އެ މަސައްކަތް ކުރެވޭނެ ބާރު ގައިގައި ހުރިހާ ދުވަހަކު ހުއްޓާލަން ބޭނުންވާ މަސައްކަތެއް ނޫންކަަމަށް މޫސާދީދީ ބުންޏެވެ. އެއީ އެއްވެސް ބަދަލެއް އުޖޫރައެއް ހޯދުމުގެ ބޭނުމުގައި ކުރާ މަސައްކަތެއް ނޫނެވެ. މިހާރުވެސް 75 އަށްވުރެ ގިނަ ކަށްވަޅުކޮނެފައިވާ މޫސާދީދީ ބުނީ އެއީ ބައެއް ފަހަރު ކުރަން ވަރަށް އުނދަގޫ އަދި އެހާ ހިތްދަތި މަސައްކަތެއް ކަމަށެވެ. ބައެއް ފަހަރު އާއިލާ އާއި ގާތްމީހުންގެ ވަޅު ކޮންނަ ވަގުތަކީ ހިތްދަތި ވަގުތެ އްކަމަށް މޫސާ ދީދީ ބުންޏެވެ،

ދިރިއުޅުމުގައި، މޫސާދީދީ އަށް ދިމާވި ބަދު ނަސީބު ދުވަސްތަކާ، ގިނަ ގޮންޖެހުންތަކާ، ނިކަމެތިކަމާ ހިތްދަތިކަމަށް އޭނާ ކުރިމަތިލީ ފިސާރި ކެރިގެންނެވެ. ކުޑައިރު މަންމަގެ ލޯބިން މަހުރޫމުވެ ޒިންމާތައް ބޮލުގައި އެޅުނު ދުވަހު ދަސްކުރީ އެއްވެސް މީހަކަށް ބަރޯސާނުވެ ދިރިއުޅުމަށެވެ. މިއަދު އޭނާ އެކަން ކާމިޔާބުކޮށްފިއެވެ. އެހެންނަމަވެސް އަދިވެސް ދިރިއުޅުމުގައި ދިމާވި ކޮންމެ ހިތްދަތި ދުވަހެއް އަދި ކޮންމެ އުފާވެރި ދުވަހެއްގެ ހަނދާންތައް އެބަހުއްޓެވެ.