އެމެރިކާގެ ވައިޓްހައުސްގައި 'އެސްޓީ ޕެޓްރިކްސް ޑޭ' ފާހަގަ ކުރަން ބޭއްވި ހަފްލާއެއްގައި ތަގުރީރު ކުރައްވަމުން އަޔަލޭންޑްގެ ބޮޑުވަޒީރު ލިއޯ ވަރްދްކާ, ބައިޑަން ކުރެއްވި ހުވާ ހަނދާން ކޮށްދެއްވުމުން ބައިޑަންގެ ލޮލުން ކަރުނަ ފާއްދާލައިފިއެވެ.
އިޒްރޭލުން ގާޒާއަށް އަރާ ދެމުން ގެންދާ އުދުވާނީ ހަމަލާތަކާ ދެކޮޅަށް އެންމެ ފާޅުކަން ބޮޑުގޮތެއްގައި ވާހަކަ ދައްކާ ހުޅަނގުގެ ގައުމު ކަމަށް ވާ އަޔަލޭންޑްގެ ބޮޑުވަޒީރު ލިއޯ ދެއްވި އަސަރުގަދަ ތަގުރީރުގައި ފަލަސްތީނަށް ޖެހިފައިވާ ހާލާއި ކުޑަކުދިން މަރުވަމުން ދާ ވާހަކަ އާއި ކާނާއާއި ބޯފެނަށް ޖެހިފައި ވާ އިރު ލީޑަރުންގެ ހައިސިއްޔަތުން އިންސާނިއްޔަތު ކަމުގެ އަތެއް ދިއްކޮށްލުމަކީ އޭނާވެސް ހިމެނިވަޑައިގަންނަވާހެން ކޮންމެ ލީޑަރަކުވެސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވެއެވެ. އެ މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން އޭނާ ވަނީ ބައިޑަންގެ ތަގުރީރުތަކުގައި ވިދާޅުވާ މުހިންމު ވާހަކައެއް ތަރުކާރު ކުރައްވާފައެވެ. އެއީ "އަހަރެމެން އެންމެންވެސް މުގައްދަސް ހުވާ ކުރަނީ އެންމެނަށް ރަނގަޅު މުސްތަގުބެއް ހޯދައި ދިނުމަށް ކަމަށާއި އަހަރެމެންގެ ދަރިންނަށް ކާމިޔާބު ރަނގަޅު މުސްތަގުމެއް ލިބެން ޖެހޭނެ" ކަމަށް ބައިޑަން ވިދާޅުވާ ވާހަކައެވެ.
މިވާހަކައާ އެކު ބައިޑަން އިސްދަށަށް ޖައްސަވައި ލޮލުން ކަރުނަ ފާއްދާލައެވެ.
މި ހަފްލާގައި ލޮއޯ ވަނީ އެމެރިކާގެ ކުރީގެ މަޝްހޫރު ރައީސް އެއް ކަމަށް ވާ ޖޯން އެފް ކެނެޑީ ދައްކަވާފައި ވާ ވާހަކައެއް ވެސް ތަކުރާރު ކުރައްވާފައެވެ. އެއީ ޖޫން 28, 1963 ގައި އައިރިޝް (އަޔަލޭންޑް) ގެ ގާނޫނު ހަދާ މަޖިލީހުގައި ކެނެޑީ ދެއްކެވި ވާހަކަފުޅެކެވެ. އެ ވާހަކަފުޅުގައި އޭނާ ވިދާޅުވަނީ, "އަރަލޭންޑަކީ އެންމެ ނިކަމެތި އަދި އެންމެ ކުދި ގައުމުތަކުގެ ފާރަވެރިޔާ ނުވަތަ ހައްގުތައް ރައްކާތެރިކުރާ ފަރާތް" ކަމަށް ވިދާޅުވެ ޗެލެންޖެއް ދެއްވި ކަމަށެވެ. އެ ދުވަހު ކެނެޑީ ދެއްވީ އެއްމީދެއް ކަމަށާއި އެ އުއްމީދަކީ ކޮންމެވެސް އެއް ދުވަހަކުން ދުނިޔޭގެ ހަމަޖެހުމަށް ވަކާލާތު ކުރުމަށް ފުރުސަތު ލިބިގެން ދިޔުން ކަމަށާއި މިއަދަކީ އެދުވަސް ކަމަށެވެ.
"އެ ދުވަހު ކެނެޑީ ވިދާޅުވި, ކޯކް އިން ފެށިގެން ކޮންގޯއަށް, ގޯލްވޭ އިން ފެށިގެން ގާޒާ ސްޓްރިޕް އަށް" ސުލްހަ މަސަލަސްކަން ގެންނަން ޖެހޭ ކަމަށެވެ.
ގާޒާ މައްސަލައިގައި އެކަށީގެން ވާ މަސައްކަތެއް ލިއޯ ނުކުރައްވާ ކަމަށް ބުނެ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައާއި އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުން ދަނިކޮށް ވައިޓް ހައުސް އަށް ވަޑައިގެން ބައިޑަންގެ ކުރިފުޅުމަތީގައި މި ދެއްވި ތަގުރީރުން ދުނިޔޭގެ ސަމާލުކަން އޭނާ ހޯއްދެވި އިރު ބައިޑަން ހުންނެވީ ބަސްހުއްޓިފައެވެ.
އޭނާ ވިދާޅުވީ މިއަދު ގާޒާއަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ ހަނގުރާމަ ހުއްޓުން ކަމަށާއި އެކަން ދެފަރާތުން (ހަމާސް އާއި އިޒްރޭލުން) ވެސް ކުރަން ޖެހޭ ކަމަށެވެ. އަދި ބޮން އެޅުން ހުއްޓާ, އިންސާނީ އެހީ ގާޒާއަށް ދޭން ޖެހޭ ކަމަށެވެ.
މިވާހަކަތަކާއެކު އޯޑިއަންސްގައި ތިބި އޮފިޝަލުންނާއެކު އޭނާގެ ވާހަކަ ގަބޫލުކުރައްވާ މޭރުމަކުން ބައިޑަންވެސް އަތްތަލިބަޑި ޖައްސަވައެވެ.
މިއީ އެމެރިކާގެ މުހިންމު ލީޑަރުންގެ ވާހަކައިން ހަނދާން އާކޮށް ދެއްވަމުން ގާޒާ ހަނގުރާމަ ހުއްޓުވުމަށް ބައިޑަން އަށް ބާރު އެޅުއްވުމަށް އޭނާ ދެއްވި މުހިންމު ތަގުރީރެކެވެ.
މި ތަގުރީރަށް ފަހު އެނބުރި ގައުމަށް ވަޑައިގެން ބޮޑުވަޒީރުކަމުން އޭނާ އިސްއިތުފާ ދެއްވާފައި ވާ އިރު އަޔަލޭންޑްގެ އާންމުން ބުނަމުން ދަނީ ބޮޑުވަޒީރުގެ ވާހަކަ ފުރިހަމަ ކަމަށާއި އޭނާ އާ މެދު ފަހުރުވެރިވާ ކަމަށެވެ.
އިސްތިއުފާ ދެއްވާ ލިއޯ ވިދާޅުވީ އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާއި ސިޔާސީ ސަބަބުތަކާ ހުރެ ކަމަށާއި ބޮޑަށް ސިޔާސީ ސަބަބުތަކާ ހުރެކަމަށެވެ. ނަމަވެސް އެއީ އޭނާ ވައިޓްހައުސްގައި ދެއްވި ތަގުރީރާ ގުޅިގެން ކަމަކަށް ވިދާޅެއް ނުވެއެވެ.