އަމާޒަކީ ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތުގައި ބިދޭސީންގެ ފިންގަޕްރިންޓް ނަގާ ޑޭޓާބޭހެއް އެކުލަވާލުން ކަމަށް، ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ބިދޭސީންގެ ދަފްތަރެއް އޮތުމަށް ގާނޫނުން ލާޒިމްކުރާ ކަމަށާއި، އެކަމަކު ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކަށް އެ ޑޭޓާބޭހަށް އެކްސެސް ނެތުމުން ބިދޭސީން ދަފްތަރު ނުކުރެވޭ ކަމަށެވެ.

އެހެންކަމުން ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރުގެ މުއްދަތުގައި ރާއްޖޭގައި ތިބި ބިދޭސީންގެ ފިންގަޕްރިންޓް ނަގައި އެއް ޑޭޓާބޭހަކަށް ދަފްތަރުކޮށް، ކައުންސިލްތަކަށް އެ ޑޭޓާބޭހަށް އެކްސެސް ދީ، ފިންގަޕްރިންޓް މެދުވެރިކޮށް އެއީ ކޮންބައެއްކަން ދެނެގަނެވޭނެ ވަސީލަތްތައް ކައުންސިލްތަކަށާއި ފުލުހުންނަށް ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ.

އޭރުން ރަށްރަށަށް އައިސް ގޮސް ހަދާ ބިދޭސީން ދެނެގަތުމަށް ކައުންސިލްތަކަށް ފަސޭހަވެގެން ދާނެ ކަމަށާއި، ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ބިދޭސީން ދެނެގަތުމަށް ފަސޭހަވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިތުރު ބައެއް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިހްސާން ވަނީ ރާއްޖޭގައި މިވަގުތު ތިބި ބަންގްލަދޭޝް މީހުންގެ އަދަދުތައް ވެސް ހިއްސާކުރައްވައިފައެވެ. އެގޮތުން:

  • 17 ޑިސެމްބަރުގެ ނިޔަލަށް ވަޒީފާ އަދާކުރުމަށްޓަކައި ތިބި ބަންގްލަދޭޝް މީހުން: 90،624
  • 11 ނޮވެމްބަރުން 17 ޑިސެމްބަރަށް ވިސާ ކެންސަލްކޮށް ފުރި އަދި ފޮނުވާލެވުނު ބަންގްލަދޭޝް މީހުން: 206
  • އެކްޓިވް ވޯކް ޕާމިޓްގަ ތިބި ބަންގްލަދޭޝް މީހުން: 135،149
  • އޭގެ ފަހުން 5،400 ހުއްދަ ދޫކުރެވުނު، އައީ 4،000 މީހުން

އިހްސާން ލަފާކުރެއްވި ގޮތުގައި ބަންގްލަދޭޝް މީހުން ރާއްޖޭގައި އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު ކުރިއަށް އޮތް ހަތަރު މަހެއްހާ ދުވަހުގެ ތެރޭ އެ އަދަދު އެއް ލައްކަ އަށް އަރާނެއެވެ. އެއީ އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެ އަށް ބިދޭސީން ގެނެވޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ އަދަދެވެ.

އޭނާ ވިދާޅުވީ، އެ އަދަދު އެއް ލައްކަ އަށް ނޭރުވުމަށްޓަކައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހިފައި ހައްޔަރުކޮށް އެ މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.