ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ފްލެޓްކައިރީ ހުރި ކުނިތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފްގެ ފަޔާ ފައިޓަރުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު، ރޭ ފަތިހު 05:09 ހާއިރު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ.

އެގޮތުން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރު ސްޓޭޝަންގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން، 07:35 ހާއިރު އަލިފާން ކޮންޓްރޯލްކޮށް، އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 07:53 ހާއިރުކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ރޭ ފަތިހު ހުޅުމާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު ރޭ 12:50 ހާއިރު ހިނގި ކ.ކާށިދޫ ބޯޓު ޔާޑުގައިވެސް ވަނީ އަލިފާން ރޮވެފައެވެ.