ކ. ކާށިދޫގެ ބޯޓްޔާޑެއްގައި އަލިފާން ރޯވެ، ދެ ދޯނި އަނދައި ހުލިވެއްޖެއެވެ.

ރޭ 12:50 ހާއިރު ހިނގި މި ހާދިސާގައި ދެ ދޯންޏެއް އަނދާފައިވާކަމުގެ މައުލޫމާތު ލިބިފައިވާއިރު، މި ތަނުގައި ސީދާ ރޯވި ސަބަބު އެނގިފައެއް ނުވެއެވެ. ކ. ކާށިދޫ ކައުންސިލުން ވަނީ އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއްކަމުގައި ތުހުމަތުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އަލިފާން ރޯވެފައިވަނީ ދޯނި އެހެލާ ސަރަހައްދުގައި ގިނަދުވަސްތަކެއް ވަންދެން އެހެލާފައި ހުރި ދޯނިތަކެއްގައެވެ. މި ގޮތުން އެ ތަނުގައި ކައިރިކައިރީގައި، ޖެހިޖެހިގެން ދެ ދޯނި އެހެލާފައި ބާއްވައިފައި އޮތް އިރު އެއް ދޯނިގައި ހުޅުހިފައި، އަލިފާންގަނޑު ކޮންޓްރޯލު ނުކުރެވި ދެވަނަ ދޯނީގައި ވެސް އަލިފާން ވަނީ ހިފާފައެވެ.

މި އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް އެ ރަށު ރައްޔިތުންނާ، ފުލުހުންނާ އަދި އެމްއެންޑީއެފް ގުޅިގެން މަސައްކަތްކޮށްފައިވާއިރު، މި ހާދިސާ އާއި ގުޅިގެން އަދި ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ނުލިބެއެވެ.