މި ރޯދަ މަހު އިންޑިއާގެ ގުޖުރާތުގެ ޔުނިވާސިޓީއެއްގައި މުސްލިން ދަރިވަރުންތަކެއް ނަމާދު ކުރާތީ، ރުޅިގަދަވެގެން ހަރުކަށި ހިންދޫންގެ ބަޔަކު ޔުނިވާސިޓީއަށް ގާއުކާ، އެތަނަށް ވަދެގަނެ އެ ދަރިވަރުންގެ ގައިގައި ތަޅައިގަނެ ޒަހަމްކޮށްލައިފިއެވެ.
މި ހާދިސާގެ ބައެއް ވީޑިއޯ ފްޓޭޖްވެސް އާންމުވެފައި ވާ އިރު ހަރުކަށި ހިންދޫން ޔުނިވާސިޓީ އަށް ވަދަގަނެ ހަމަލާ ދޭތަން ފެނެއެވެ.
މި މައްސަލަ ހޫނުވެފައި ވާއިރު ތަހުގީގު ކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އިންޑިއާގެ ހާރިޖީ ވުޒާރާއިން ބުނެފައި ވަނީ، އެ އަމަލު ހިންގި ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ބައެއް ދަރިވަރުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ރޯދައާ އެކު ތަރާސްވީސް ކުރުމަށް ބައެއް ދަރިވަރުން ބޯއީސް ހޮސްޓެލް އަށް އެއްވި ކަމަށާއި އެއީ ޔުނިވާސިޓީގެ ތެރޭގައި މިސްކިތެއް ނުހުންނާތީ ކަމަށެވެ.
އިރުކޮޅެއް ނުވެ ގްރޫޕަކުން ހޮސްޓަލްއަށް ވަދެގަތީ ކަމަށާއި އެމީހުންގެ އަތުގައި ވަޅިއާއި ލަޓިބުރިއާއި ގާ ހުރި ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އެމީހުން ހޮސްޓަލް އަށް ވަދެ ގަދަކަމުން އެތާނގެ ކޮތަރިތަކަށް ވަދެ ހަދާ ގެއްލުން ދީފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ.
"އަހަރެމެން 15 ވަރަކަށް ކުދިން ތިބީ ނަމާދު ކުރަން، އެހެން ތިއްބާ 3 މީހަކު އައި އަޑުގަދަ ކުރަން ފެށީ 'ޖައި ޝްރީ ރާމް' އޭ ކިޔާފައި، އަހަރެމެން ނަމާދުކުރަން އެމީހުން ހުރަސް އެޅި" ދަރިވަރަކު ބުންޏެވެ.
އެ ދަރިވަރުން ބުނީ އިރުކޮޅެއް ނުވެ ގާތްގަނޑަކަށް 250 ވަރަކަށް މީހުން 'ޖައި ޝްރީ ރާމް' ގޮވަމުން ހޮސްޓަލްގެ ތެރެއަށް ވަދެގެން އައި ކަމަށާއި ތަންތަނަށް ގެއްލުންދީ ހަލާކު ކުރަމުން ގެންދިޔަ ކަމަށެވެ.
އެއް ދަރިވަރަކު ބުނީ، އެމީހުން ކޮޓަރިތަކަށް ވަދެ ދަރިވަރުންގެ ލެޕްޓޮޕްތަކާއި މޮބައިލް ފޯނުތައް ހަލާކު ކޮށްލުމުގެ އިތުރުން ބޭރުގައި ހުރި ސައިލަކުތަކަށް ވެސް ގެއްލުން ދިން ކަމަށެވެ. އަދި ބައެއް އޭސީ ތަކާއި ތަނުގެ ސައުންޑް ސިސްޓަމަށް ވެސް ގެއްލުން ދިން ކަމަށް ބުނެފައި ވެއެވެ.
އެ ތާނގައި ކިޔަވާ އެފްރިކާގެ ދަރިވަރަކު ބުނީ، އޭނާ އިންޑިއާ އަށް އައީ ކިޔަވަން ކަމަށާއި ރޯދަ މަހު ބަޔަކު ނަމާދު ކޮށްލައިގެން މިހާވަރު ކުރުމުން 'މިގޮތަށް ދިރިއުޅެވޭކަށް ނެތް' ކަމަށެވެ. އެތާނގައި ކިޔަވާ އަފްގާނިސްތާނުގެ ދަރިވަރަކު ބުނީ، އެމީހުންގެ ސައިކަލުތައް ހަލާކު ކޮށްލާފައި ވާ ކަމަށާއި ބޮޑެތި ގެއްލުންތައް އެ ގުރޫޕުން ދިން ކަމަށެވެ.
މިހާދިސާ ހިނގި އަހުމަދުއާބާދުގެ ޕޮލިސް ކޮމިޝަނަރު ޖީއެސް މަލިކު ވިދާޅުވީ، އެތާނގައި ނަމާދު ކުރާނީ މިސްކިތަށް ދިޔުމަށާއި އެތާނގައި ނަމާދު ކުރަނީ ކީއްވެތޯ، 20-25 އަށް މީހުން އެ ދަރިވަރުންނާ ސުވާލު ކުރި ކަމަށެވެ. އެ ސުވާލުކުރުމުގެ ތެރޭގައި ޒުވާބަކަށް ބަދަލުވެ ހަމަނުޖެހުން ފެށުނީ ކަމަށެވެ. އެއާއެކު އޭނާ ބުނީ 20-25 މީހަކާ ގުޅޭ ޝަކުވާ ލިބިފައި ވާ ކަމަށާއި މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.
ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ، އެ ހާދިސާގައި އެތާ ކިޔަވާ ބޭރުގެ 2 ކުދިންނަށް އަނިޔާވި ކަމަށާއި ފަރުވާއަށް ފަހު 1 ކުއްޖަކު ދޫކޮށްލާފައި ވާ ކަމަށެވެ.