ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ސިފައިން ފޮނުވާލުމުގެ ކަންކަން ދަނީ ތަރުތީބުން ކަމަށް ސަރުކާރުން ބުނެފިއެވެ.

ސިފައިން ފޮނުވާލުމުގެ ކަންކަން ވިލަރެސް ކުރުމަށް ރާއްޖެ އާއި އިންޑިއާ ހިމެނޭ ހައިލެވަލް ކޮމިޓީގެ 3 ވަނަ ބައްދަލުވުން މިއަދު ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބާއްވާފައި ވާ އިރު, މިހާތަނަށް ކަންކަން ކުރެވިފައި ވާ ގޮތާ ގުޅޭ ގޮތުން ދެގައުމުން ވާހަކަ ދައްކާފައި ވެއެވެ.

އެގޮތުން އެއްބަސްވި ތާވަލާ އެއްގޮތަށް ސިފައިންގެ ފުރަތަމަ ބެޗް ފޮނުވާލައި ބަދަލުގައި ސިވިލިއަނުން (އާންމުން) ގެނެސް އައްޑޫގައި ވަނީ ގާއިމު ކޮށްފައެވެ.

ރާއްޖޭގައި އޮޕަރޭޓް ކުރާ އިންޑިއާގެ ޑޯނިއާ އާއި 2 ހެލިކޮޕްޓަރު ދުއްވާ މެއިންޓެނަންސް މަސައްކަތުގައި އިންޑިއާގެ 78 ސިފައިން ހަރަކާތްތެރިވާ އިރު އައްޑޫގައި 26 ސިފައިން ތިއްބެއެވެ. އެންމެ ފުރަތަމަ ބަދަލު ކުރީ އައްޑޫގައި ތިބި ސިފައިންނެވެ.

ބާކީ ތިބި ސިފައިން ތިބީ ލ އަތޮޅުގައާއި ހަނިމާދޫގައެވެ. އެމީހުން ގެންގޮސް ބަދަލުގައި ގެންނަ ސިވިލިއަނުން 2 ތާވަލަކަށް ގެންނަން އެއްބަސް ވެފައި ވާ އިރު 2 ވަނަ ބެޗްގައި ފޮނުވާލާ މީހުން އޭޕްރީލް 10 އަދި 3 ވަނަ ބެޗް ތާވަލާ އެއްގޮތަށް މެއި 10 އެއްގައި ފޮނުވާލާނެއެވެ.

ހައިލެވަލް ކޮމިޓީގެ ބައްދަލުވުމުގައި ސިފައިން ފޮނުވާލުމުގެ އިތުރުން އިންޑިއާ އިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިޔުމާ ބެހޭގޮތުން ވެސް މަޝްވަރާ ކޮށްފައި ވެއެވެ.

އިންޑިއާ އަކީ ރާއްޖޭގެ ސަރުކާރުން ބޭނުންވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާ ގައުމަކަށް ވާއިރު ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 800 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީއެއް ހޯދާފައެވެ. މި އެހީގެ ދަށުން ރާއްޖޭގައި އިންޑިއާ އިން ހަދާ ބްރިޖާއި އައްޑޫގައި ހަންގެނޑެ ސަރަހައްދުގައި ހަދާ ބްރިޖާއި މަގުތަކުގެ އިތުރުން ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއު ފަދަ ބޮޑެތި ޕްރޮޖެކްޓުތައް ހިމެނެއެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެކިއެކި ރަށްރަށުގައި ހިންގާ ކުދިކުދި މަސައްކަތް ތަކަށް މި ލޯނު ފައިސާގެ ތެރެއިން ހަރަދު ކުރެއެވެ. މިލޯނުން އަދި ބޮޑު އަދަދެއްގެ ފައިސާ ނުލިބި ވާ އިރު އޭގެ ތެރޭގައި މިދިޔަ ސަރުކާރުން ފަށަން ބުނެ ނުފެށި އޮތް ކްރިކެޓް ސްޓޭޑިއަމް ފަދަ ބޮޑެތި ބައެއް މަޝްރޫއުތައް ހިމެނެއެވެ.

ރާއްޖޭގައި ހެލިކޮޕްޓަރާއި ޑޯނިއާ އޮޕަރޭޓް ކުރަން ތިބި 78 ސިފައިންގެ އިތުރުން އަސްކަރީ ހޮސްޕިޓަލް ސެނަހިޔާގައި ސިއްހީ ފަރުވާދޭން ތިބި 12 ޑޮކްޓަރުންނާއި މެޑިކަލް އޮފިޝަލުން ހިމެނެއެވެ.