ރާއްޖޭގެ ހުރިހާ ރަށެއްގައި 2025 ވަނަ އަހަރު ނިމުމުގެ ކުރިން ކުޑަކުދިންގެ ޕާކު ގާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒެއްކަމުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވިދާޅުވީ ކުޑަކުދިންގެ ޕާކުތައް ތަރައްގީކުރުމުގެ މަސައްކަތްތައް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކޮށްފައިވާކަމަށެވެ.

ޕީއެސްއައިޕީގެ ދަށުން ކުޑަކުދިންގެ ޕާކުތައް ހެދުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވުޒާރާގެ ދަށަށް ބަދަލުކުރައްވާފައިވާކަން އިއުލާންކުރައްވަމުން ޝަރީފު ވިދާޅުވީ މުޅި މަޝްރޫއުތަކުގެ ސްޓޭޓަސް ދެނެގަނެ މަޝްރޫއު ކުރިއަށް ގެންދާނެ އިދާރީ އިންތިޒާމުތައް މިހާރު ހަމަޖައްސަވާފައިވާކަމަށެވެ.

މީގެ ކުރިން ކުޑަކުދިންގެ ޕާކުތައް ތަރައްގީކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީގެ ދަށުން ކުރަމުން އައިސްފައިވާއިރު، އެ މިނިސްޓްރީން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންގެ ޕާކު ގާއިމުކުރުމަށް ބޭނުންވާ ސާމާންތައް ހޯދާ ރަށްރަށުގެ ކައުންސިލުތަކާވެސް ހަވާލުކޮށްފައެވެ. އެހެންނަމަވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި މި މަޝްރޫއު އެންމެ އެކަށީގެން ވާ ގޮތެއްގައި ކުރިއަށް ގެންދެވިފައި ނުވާއިރު، ޕާކުތައް މަރާމާތުކޮށް ނުބެލެހެއްޓުމުގެ ސަބަބުން އެތަންތަން ވަނީ ވަރަށް ބޮޑަށް ވީރާނަވެ ހަލާކުވެގެން ގޮސްފައެވެ.