ދިވެހި ސިފައިންގެ ތެރޭގައި ވައިގެ ސިފައިންގެ ހިދުމަތް އަދި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ނުވަތަ އަސްކަރީ ޑްރޯންގެ ހިދުމަތް ސިފައިންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ އިފްތިތާހްކޮށް ދެއްވައިފިއެވެ.

ރައީސް މުއިއްޒު މި ހިދުމަތް އިފްތިތާހް ކޮށްދެއްވީ މި ކަމަށް ހާއްސަކޮށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވައިގެ ސިފައިންގެ ހިދުމަތް ތައާރަފް ކޮށްފައި ވަނީ "އެމްއެންޑީއެފް އެއާ ކޯ" ގެ ނަމުގައެވެ. މި ރަސްމިއްޔާތުގައި ވަނީ އެމްއެންޑީއެފް އެއާ ކޯގެ ލޯގޯ ވެސް އިފްތިތާހް ކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް އެއާ ކޯގެ ހިދުމަތް އިފުތިތާހު ކުރުމާ އެކު، އެންމެ ފުރަތަމަ ވައިގެ ސިފައިންގެ ތެރެއަށް ތައާރަފުކުރީ އަސްކަރީ ޑްރޯން ނުވަތަ "އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ) ކަމަށެވެ. ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބަލަހައްޓަން ތުރުކީން ގަނެގެން ރާއްޖެ ގެނައީ އަސްކަރީ ދެ ޑްރޯން އެވެ. އެކަމަކު، ކުރި މަގުގައި އިތުރު ޑްރޯން ގެންނަން ވަނީ ނިންމާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަސްކަރީ ދެ ޑްރޯން މިރޭ އިފުތިތާހު ކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި "އަންމޭންޑް" އަދި "މޭންޑް" ސިސްޓަމްތައް ދިވެހި ސިފައިންގެ ތެރެއަށް ތައާރަފު ކުރާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި ދައުލަތުގެ ބަޖެޓް ތަންދިން ވަރަކުން ވައިގެ ސިފައިންގެ ހިދުމަތަށް އިތުރު ސާމާނު ގެންނާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިރޭގެ މި ރަސްމިއްޔާތު ބޭއްވި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ޑްރޯން އޮޕަރޭޝަންތަކުގެ ބޭސް އަކަށް ވެސް ވަނީ ކަނޑައަޅާފައެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ތުރުކީ އިން ގެނެސްފައި ވަނީ އެ ގައުމުން އުފައްދާފައިވާ "ބައިރަކްތާރު ޓީބީ2" ގެ ދެ ޑްރޯން އެވެ.

ދިވެހި އަސްކަރިއްޔާގެ ހިދުމަތަށް ތައާރަފް ކުރި މި ޑްރޯން ތަކަކީ މީޑިއަމް އެލްޓިޓިއުޑް ލޯންގް އެންޑިއުރެންސް، ޓެކްޓިކަލް އާމަޑް ޑްރޯން ތަކެކެވެ. މި ޑްރޯން ތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރަށް ދުއްވުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ. މިއީ އިންޓެލިޖެންސް އޮޕަރޭޝަން، ސާވައިލެންސް އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ ގާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ.