މާލޭ މަގުމަތިން އިއްޔެއާއި ރޭ އެކަނިވެސް 39.6 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެ އަދަދަށް މާލޭގެ މަގުތަކުން ކުނި ނަގާފައިވަނީ ރޯދައަށް ގެއަށް އާ ފަރުނީޗަރު ވެއްދުމަށްފަހު މަގުމައްޗަށް ނެރެފައިވާ ބާ ފަރުނީޗަރާއި އެހެނިހެން ހިފާ ގެންގުޅޭ ސާމާނުތަކުން މާލޭގެ މަގުމަތި ގޮނޑުކޮށްލާފައިވާތީ ސިޓީ ކައުންސިލުން ފަށާފައިވާ ސާފުކުރުމުގެ މަސައްކަތުގެ ދަށުންނެވެ.
އިއްޔެއާއި ރޭ އެކަނި މާލޭގެ މަގުމަތިން ނެގުނު ކުނީގެ އަދަދު:
- 4 ޓަނުގެ 2 ޕިކަޕު
- 2 ޓަނުގެ 7 ޕިކަޕު
- 1.5 ޓަނުގެ 8 ޕިކަޕު
- 350 ކިލޯގެ 16 ޕިކަޕު
އިއްޔެ މާލެ ސިޓީ ކައުންސިލުން ވަނީ މަޖީދީމަގު ވައިނުޖެހޭގެ ކައިރި ބަހައްޓާފައި ހުރި ކުނިތައް ނަގާ ސާފުކޮށްފައެވެ.
މާލެތެރެއަށް ކުނި އަޅާ މީހުންނަށް ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ އިއްޔެ ފުލުހުން އަންގާފައިވާއިރު އެ ފަރާތުން ވަނީ މާލެ ތެރެއަށް ކުނި އަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ބުނެފައެވެ. އަދި ކުނި އަޅާ މީހުން ނުވަތަ ބަޔަކު ދެނެގަނެވިއްޖެނަަމަ އެފަދަ މީހުން ލައްވާ ކުނިތައް ނަގުވާ މަގު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.