ދުނިޔެ ތަރައްގީވެ ކުރި އަރަމުން އަންނަ ވަރަކަށް އިލްމުފުޅާވެ ތަނަވަސްވަމުން އަންނައިރު ދިވެހިންނަކީ އަބަދު ވެސް އިލްމަށް ލޯބި ކުރާ އިލްމު ހޯދުމަށް މަސައްކަތް ކުރި އަދި ކުރަމުންދާ ބައެކެވެ. އެ ޒަމާނެއްގައި ލިބެން ހުރި ވަސީލަތްތަކުގެ ބޭނުންކޮށް އިލްމު ހޯދުމަށް ދިވެހިން ވަނީ މަސައްކަތްކޮށްފައެވެ.

އިލްމު އުނގަންނައިދޭ މުއްދައްރިސުން ނުވަތަ އެދުރުންނަކީ ހާއްސަ ބައެކެވެ. ރާއްޖޭގައި ސްކޫލުތައް ގާއިމްކުރެވިފައި ނެތް ޒަމާނުގައި ރަށްރަށުގައި ކިޔަވާގޭގޭގައި ކިޔަވައިދެމުން ދިޔަ އެދުރުންނަކީ ދިވެހިން ހާއްސަ އިހްތިރާމެއް ކުރާ ބައެކެވެ. އެގޮތުން ބަލާއިރު ހއ. ބާރަށުގެ ރައްޔިތުންގެ އެދުރުބެ ގދ. ތިނަދޫއަށް އުފަން އަބްދުﷲ އަލީ އަކީ އެ ރަށުގެ ރައްޔިތުންގެ ލޯބި ހޯދާފައިވާ ފަރާތެކެވެ.

ބާރަށުގެ ރައްޔިތެއްގެ ކައިރީ "އެދުރުބެ" އޭ ބުނެފިނަމަ، އެއީ އަބްދުﷲ އަލީކަން އެނގޭނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މިހާރު އުމުރުން 67 އަހަރުގެ އެދުރުބެ ބުނި ގޮތުގައި އޭނާ ބާރަށުގެ ކުދިންނަށް ކިޔަވައިދޭން ފެށީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދައުރުގައި އޭނާ ކުށްވެރިވެގެން އެ ރަށަށް އަރުވާލުމާ ގުޅިގެންނެވެ. އޭގެ ކުރިން އަމިއްލަ ރަށް ތިނަދޫގެ ކުދިންނަށް ކިޔަވައިދިންކަން އޭނާ ފާހަގަ ކުރެއެވެ.

ބާރަށަށް އަރުވާލުމާއެކު އެ ރަށު ރައްޔިތުންގެ އެދުމަށް އޭރު އެ ރަށުގައި ހުރި މަކުތަބުގައި ކިޔަވައިދޭން ފެށި އެދުރުބެ ކިޔަވައިދިނީ އެންމެ މާއްދާއެއް ނޫނެވެ. އެ ދުވަސްވަރު އުޅުނު އެދުރުން އާންމުކޮށް ކިޔައިވައިދިނީ ޤުރުއާން އެކަނި ކަމުގައިވިޔަސް އެދުރުބެ ވަނީ ޤުރުއާން، އިސްލާމް އަދި ދިވެހި ވެސް ކިޔަވައިދީފައެވެ.

އަބްދުﷲ އަލީ (އެދުރުބެ) ދަ ޕްރެސްއަށް އިންޓަވިއު ދެނީ/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

މަކުތަބުގައި ދުވަހުގެ ގިނަ ބައި ހޭދަ ކުރާ އެދުރުބެ ކިޔައިދިން ގޮތުގައި އޭރު އެ ތަނުގައި ޓީޗަރެއްގެ ނުވަތަ އެދުރެއްގެ ގޮތުގައި ކިޔަވައިދެމުން ދިޔައީ އޭނާ އެކަންޏެވެ. އެހެންނަމަވެސް ހެނދުނުން ފެށިގެން އިރުއޮއްސެންދެން ކިޔަވައިދޭން ޖެހޭ ކަމަށް އޭނާ ފާހަގަ ކުރެއެވެ. އެދުރުބު ބުނި ގޮތުގައި އޭރު އޭނާ ވަނީ 87 ދަރިވަރުންނަށް ކިޔަވާ ދީފައެވެ.

އަދުގެ ކްލާސްރޫމްތަކާއި ހިލާފަށް އޭރު ކިޔަވައިދޭން ބޭނުން ކުރާ މާ ގިނަ ވަސީލަތްތަކެއް ނުހުންނަކަން އެދުރުބެ ފާހަގަ ކުރެއެވެ. އެދުރުބެ ބުނީ އޭރު ކިޔަވައިދޭން ބޭނުން ކުރަނީ ބޯޑެއް ކަމަށެވެ. އަދި ކިޔަވައިދެނީ އެ ބޯޑުގައި އަކުރު އަޅައި، އަކުރު ދައްކައިގެން ކަމަށް އެދުރުބެ ބުނެއެވެ.

އެދުރުބެ ބުނީ އޭރު ބޯޑެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔައީ 4 ފޫޓުގެ ފިލާ ކޮޅެއް ކަމަށާއި ދުވާލަކަށް އެންމެ ޗޯކެއް ލިބޭއިރު މުޅި ދުވަހުގެ ކިޔަވައިދިނުން ކުރިއަށް ގެންދަނީ އެ ޗޯކުން ލިޔެވޭ ވަރަށް ވިސްނައިގެންކަން ކަމަށެވެ. އޭރު އެދުރުބެގެ ކިޔަވައިދިނުން ހެނދުނު ފަށައިގެން އިރުއޮއްސުމާ ހަމައަށް ކިޔަވައި ދިނުން ކުރިއަށް ގެންގޮސްފައި ވަނީ ދުވާލަކު ޗޯކެއް ބޭނުން ކޮށްގެންނެވެ.

ތައުލީމީ ދާއިރާއަށް 50 އަހަރު ހިދުމަތްކުރި އެދުރުބެ ވަނީ އެ ދާއިރާގެ ގިނަ ބަދަލުތަކެއް ދެކެފައި!

ބާރަށުގައި ކިޔަވައިދިނުމުގައި 50 އަހަރު ހޭދަކޮށްފައިވާ އެދުރުބެ ވަނީ އެ ރަށު ސްކޫލުގައި ވެސް ކިޔަވައިދީފައެވެ، އެދުރުބެ ކިޔަވައި ދިނުމާ ދުރަށް ގޮސްފައި ވަނީ 2007 ވަނަ އަހަރުއެވެ. އެދުރުބެ ވަނީ ޓެކްނޮލޮޖީ ކުރިއަރާފައި ނެތް އޭރާއި ޓެކްނޮލޮޖީގެ މިހާރުގެ ތަފާތު ވަރަށް ގާތުން ދެކެފައެވެ.

ކުރިން ޓެސްޓު ޕޭޕަރުތައް ހަދައި އުޅުނީ ސްޓެންސިލްގައި އަމިއްލައަށް ލިޔެގެން (އަތުން ލިޔެގެން) ޗާޕު ކުރާ މެޝިންގައި އެ ސްޓެންސިލް އަޅުވައިގެން އަމިއްލަ އަތުން އަނބުރައިގެންކަން އެދުރުބެ ފާހަގަ ކުރެއެވެ. އަދި އެ މަސައްކަތް ނިމޭއިރު މުޅި ގައިގައި އޮންނަނީ ދެލި ކަމަށް ވެސް އެދުރުބެ ބުނެއެވެ. އެއާ ހިލާފަށް ޓެކްނޮލޮޖީއާއެކު އެ މަސައްކަތައް ފަސޭހަވެގެން ދިޔަކަން އެދުރުބެ ފާހަގަ ކުރެއެވެ.

އަބްދުﷲ އަލީ (އެދުރުބެ) ދަ ޕްރެސްއަށް އިންޓަވިއު ދެނީ/ ފޮޓޯ: މުހައްމަދު މިހާޒް - ދަ ޕްރެސް

މިހާރުގެ ސިސްޓަމްގައި ވެސް މަސައްކަތް ކުރަން ލިބުނު ކަމަށާއި ކިޔެވައިދިނުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއެކު ވެސް އެއްވެސް ކަހަލަ އުނދަގުލަކާ ކުރިމަތި ނުވާކަމަށް އެދުރުބެ ބުނެއެވެ. ސްކޫލުގައި ކިޔަވައިދިނުމުގެ މަސައްކަތުގައި އެދުރުބެ ހަރަކާތްތެރިވިއިރު އޭނާ ވަނީ ތަފާތު ޓްރެއިނިން ސެޝަންތަކުގައި ވެސް ބައިވެރިވެފައެވެ.

ސްކޫލުގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި އިރު އެދުރުބެ ވަނީ ގްރޭޑް 7 ގެ ދަރިވަރުންނާ ހިސާބަށް ކިޔަވައިދީފައެވެ. ކިޔަވައިދިނުމަށް އެދުރުބެގެ ޝައުގުވެރިކަމާއި ކަމާއެކު އޭނާ ވަނީ ދަރިވަރުންނާއެކު ދުވަހުގެ ގިނަ ވަގުތުތަކެއް ހޭދަކޮށްފައެވެ. ސްކޫލުގައި ކިޔަވައިދިން ދުވަސްވަރު ކުދިންނާއެކު ރޭގަނޑު 10 ޖަހަންދެން ވެސް އޭނާ ވަނީ މަސައްކަތްކޮށްފައެވެ.

ކިޔަވައިދިނުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް އެދުރުބެ ހޭދަކޮށްފައިވާއިރު، އޭނާ އެންމެ ދެކެން ބޭނުންވާ ދުވަސް މިހާރު ވަނީ ފެނިފައެވެ. އެއީ ބާރަށު ސްކޫލުން ޖީސީއީ އޯ ލެވެލް ހެދައިގެން ކުދިން ނުކުންނަ ތަން ފެނުމެވެ.

މީގެ އިތުރުން އެދުރުބެއަކީ ދަނޑުވެރިއެކެވެ. އަދި ރާނާ ސިމެންތި ޖެހުމުގެ މަސައްކަތް ވެސް ކުރި ކުޅަދާނަ މީހެކެވެ. އެދުރުބެ ބުނި ގޮތުގައި އޭނާއަކީ މީގެ ކުރިން ދަނޑުވެރިކަން ވެސް ކުރި މީހެކެވެ. އަދި އަގަށް ގޭގެއަށް ގޮސް ރާނާ ސިމެންތި ޖަހުމުގެ މަސައްކަތް ނުކުރު ނަމަވެސް އެ މަސަކަތް ވެސް ދަންނަ ހީވާގި މީހެކެވެ. އެގޮތުން އަމިއްލަ ގެ ރާނާފައި ވަނީ އެދުރުބެ އަމިއްލައަށެވެ.