ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި ބަންގި އާއި ގަމަތުގެ އަޑު ބޭރަށް ހުރުން ރަނގަޅު ކަމަށާއި ނަމަވެސް، ނަމާދުކުރާ އަޑު ރަނގަޅީ މިސްކިތުގެ އެތެރެއަށް ހުންނަ ގޮތަށް ބެހެއްޓުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރޭ މިނިސްޓަރު ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. "މިގޭދޮށު ގޭގޭގެ މީހުނަށް އީޝާ ނަމާދު ކޮށްލެވޭނީ މިސްކިތުން ތަރާވީހް ނަމާދުކޮށް ނިމުނީމަ. މިއީ ކޮންމެ ރޯދަމަހެއްގެވެސް ހާލު. ރީތިކޮށް ކިޔަވާނަމަވެސް ރަނގަޅު" އެކްސްގައި އިބްރާހިމް އިސްމާއީލް ވަނީ މިނިސްޓަރު ޓެގްކުރައްވާ މިހެން ވިދާޅުވެފައެވެ.

މި ޕޯސްޓާ ގުޅިގެން ޝަހީމް ވިދާޅުވީ ގޭބިސީތަކުގެ ބުޑުގައި ހުންނަ މިސްކިތްތަކުގައި އަޑުހަރުކޮށް ކިޔަވާ ނަމާދު ތަކުގައި، ތަރާވީހު ނަމާދާ އަދި ދަމު ނަމާދުގައި، މިސްކިތުގެ އެތެރެއަށް އަޑު ހުންނަ ގޮތަށް ކުރުން ރަނގަޅު ކަމަށެވެ. އަދި ކުޑަކުދިން ނިދާ ގަޑިތަކުގައި އުޒުރުވެރިން ގޭގައި ކުރާ ނަމާދުތަކަށް ދަތި ނުވާނެހެން ގެންދިއުން ރަނގަޅުކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަހީމް ވިދާޅުވީ ބަންގި އާއި ގަމަތް ބޭރަށް ހުއްޓަސް އެންމެ ރަނގަޅުކަމަށެވެ. އިތުރަށް ޝަހީމް ވިދާޅުވީ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ހެޔޮ ނަތީޖާ ފެންނާނެ ކަމަށެވެ.