އިންޑިއާއަށް ހިޖުރަ ކުރާ ފަރާތްތަކުގެ ތެރެއިން މުސްލިމަކަށް ވާނަމަ ރައްވެރިކަން ނިގުޅައިގަންނަ ގާނޫނު އިންޑިއާގައި ތަންފީޒު ކުރަން ފަށައިފިއެވެ.
ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުގެ މެޖޯރިޓީއާ އެކު 2019 ގައި ފާސްކުރި މި ގާނޫނުގެ ދަށުން އިންޑިއާގައި ދިރިއުޅޭ 200 މިލިއަން މުސްލިމުންނަށް ވެސް ބިރު އޮތް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ޖަމްއިއްޔާ ތަކާއި އިންޑިއާގެ މުސްލިމް ބައެއް ކޮމިއުނިޓީތަކުން ބުނެއެވެ. އެގޮތުން ލިޔެކިޔުމެއް ނެތި އިންޑިއާގެ ބައެއް ސްޓޭޓުތަކުގައި ދިރިއުޅޭ މުސްލިމުންގެ ރައްޔިތު ކަމުގެ ހައްގު ނިގުޅައިގަނެދާނެ ކަމުގެ ބިރު އޮތް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
ނަމަވެސް ސަރުކާރުން ބުނަނީ އެ ގާނޫނަކީ މުސްލިމުންނާ ދެކޮޅު ގާނޫނެއް ނޫން ކަމަށާއި އެފަދަ ޖަމާއަތްތަކުން ދައްކާ ވާހަކަތައް ދޮގު ކުރާ ކަމަށެވެ.
ސަރުކާރުން ބުނަނީ އެ ގާނޫނުގެ މަފްހޫމަކީ އަދި ބޭނުމަކީ ރައްވެހިކަން ދިނުން ކަމަށާއި ނިގުޅައިގަތުން ނޫން ކަމަށެވެ.
އާ ގާނޫނުގައި ކައިރި ގައުމުތަކުން އިންޑިއާ އަށް ހިޖުރަ ކުރާ ހިންދޫން, ފާރިސީން, ސިކުން, ބުޑިސްޓުން, ޖައިންސް އަދި ކްރިސްޓިއަނުންނަށް ރަށްވެހިކަން ދިނުމުގެ ވާހަކަ ހިމަނާފައި ވެއެވެ. އެ ލިސްޓުގައި އެފަދަ ގައުމަކުން ހިޖުރަ ކުރާ މުސްލިމުންގެ ނަމެއް ނެތެވެ. އެ ގާނޫނު ވުޖޫދުވެގެން އައި އިރު އިންޑިއާގއި ބޮޑެތި މުޒާހަރާތައް ވެސް ބާއްވާފައި ވެއެވެ. މުސްލިމް ކޮމިއުނިޓީތަކުންނާއި ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އޭރުވެސް ގޮވާލަމުން ދިޔައީ އެ ގާނޫނުގެ ސަބަބުން އިންޑިއާގެ ތެރޭގައި މުސްލިމުންނަށް އިތުރަށް ނުރައްކާ ތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި އެ ގާނޫނު ނެތް އިތުވެސް މުސްލިމުންނަށް އެކިއެކި ގޯނާތަކާ އެގައުމުގައި ކުރިމަތިވަމުން ދާ ކަމަށެވެ.
އެ ގާނޫނު ބުނާގޮތުން އަފްގާނިސްތާން, ބަންގްލަދޭޝް އަދި ޕާކިސްތާނުން އިންޑިއާއަށް ޑިސެމްބަރު 31, 2014 ގެ ކުރިން ހިޖުރަ ކުރި ހިންދޫން, ފާރިސީން, ސިކުން, ބުޑިސްޓުން, ޖައިންސް އަދި ކްރިސްޓިއަނުންނަށް ރައްވެހިކަން ހޯދުމުގެ ފުރުސަތު ލިބެއެވެ.
އިންޑިއާގައި މުސްލިމުންނާ ދެކޮޅު އޮއިވަރެއް ހިނގަމުން އަންނަ އިރު މިސްލުމުންގެ ގެދޮރާއި މުދަލަށް ގެއްލުން ދިނުމުގެ އިތުރުން މުސްލިމުން އަޅުކަމަށް ދާ ބައެއް މިސްކިތްތައް ވެސް ހަލާކު ކޮށްފައި ވެއެވެ. އަދި އިންޑިއާގެ ހިންދޫންގެ މެދުގައި މުގައްދަސް ޖަނަވާރެއް ކަމަށް ބަލައި ގެރި ކަތިލައި އޭގެ މަސް ބޭނުން ކުރާ ކަމުގެ ތުހުމަތުކޮށް އެތައް ސަރަހައްދުތަކެއްގައި މުސްލިމުންނަށް ހަމަލާ ދީ ފުރާނައަށް ގެއްލުން ދީފައި ވާ ހާދިސާތައް ވެސް މިފަހުން ހިނގާފައި ވެއެވެ. އަދި ނަފްރަތު އުފެއްދުމުގެ މޭރުމުން އެކިއެކި އެއްވުންތަކުގައި ވާހަކަ ދެއްކުން ފަދަ ހަރަކާތްތައްވެސް މިފަހުން ވަނީ އިތުރުވެފައެވެ.