ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އަސްކަރީ ޑްރޯން ގެނެސް، ނ. މާފަރުގައި ބޭސްއެއް ހަދަމުން ދާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ރައީސް ޑރ. މުހަައްމަދު މުއިއްޒު ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ގައުމުން އުފައްދާ އަސްކަރީ އުޅަނދުތައް ބެއްލެވި އެވެ. އަދި، ރާއްޖެ އަށް އަސްކަރީ ޑްރޯން ހޯދުމަށް ތުރުކީގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ހެދިނަމަވެސް އެކަމު ގެ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑްރޯން ބޭސްއެއް އެޅުމުގެ މަސައްކަތަކަށް ބޭނުންވާ ތަކެތި މާލެ އިން އެ ރަށަށް ގެންގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. މީގެއިތުރުން ޑްރޯންތައް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ހޯދުމަށް ދިވެހި ސިފައިންގެ ހާއްސަ ޓީމެއް މިހާރު ވަނީ ތުރުކީއަށްވެސް ގޮސްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު ރ. މީދޫގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު އަމިއްލައަށް ބެލެހެއްޓުމުގެ ގާބިލްކަން މި ސަރުކާރުން ގާއިމްކުރާނެ ކަމަށާއި، މި މަސައްކަތް މި މަހު ފެށިގެންދާނެކަމަށްވެސް ވިދާޅުވެފައެވެ.

އޭރަށް އަޅުގަނޑުމެންނަށް އެ އިހްސާސްވެގެން ދަނީ އަޅުގަނޑުމެންގެ ގައުމު އަޅުގަނޑުމެންނަށް އަމިއްލަ އަށް އެބަ ބެލެހެއްޓޭކަން، އޭރަށް އަޅުގަނޑުމެންގެ އަމިއްލަ ވަންތަކަން މިނިވަންކަން އިހުސާސް ވެގެން ދާނީ،
ރައީސް ޑރ. މުއިއްޒު

ރައީސް ވިދާޅުވީ އެހެން ބައެއްގެ އެހީތެރިކަމާ ނުލާ ނުރައްކަލެއް ކުރިމަތި ވެއްޖެ ހާލަތެއްގައި އަމަލު ކުރެވޭނެ ގޮތެއް މިހާތަނަށް ނެތް ކަމަށާއި އެކަން ބަދަލުކޮށް އަމިއްލަ ފައި މައްޗަށް ތެދުވަން ޖެހޭ ކަމަށެވެ. ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، އައްޑޫގައި ތިބި އިންޑިއާގެ ސިފައިން މާދަމާގެ ނިޔަލަށް ރާއްޖެ އިން ފައިބަން ދެ ގައުމުން ވަނީ އެއްބަސްވެފަ އެވެ.

ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކުރައްވާނެ ކަމެއްގެ ގޮތުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ މިނިވަން ކަން ހިމާޔަތް ކުރުމައްޓަކައި އިސްތިގްލާލް ސަލާމަތް ކުރުމާއި މި ގައުމުގައި ބޭރުގެ ސިފައިން ތިބި ތިބުން ނިމުމަމަކަށް ގެނައުމެވެ. އައްޑޫ ސިޓީއަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ފޭދޫ އާއި ހިތަދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެކަމަކީ ރިވެތި އުސޫލުގެ މަތިން ޑިޕްލޮމަސީގެ ތެރެއިން އެ އޮންނަ ޕްރޮފެޝަނަލް މިންގަނޑުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ވާހަކަ ދެކެވިގެން ކުރެވޭނެ ކަމެއް ކަމަށެވެ.