ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން 6 ގަޑި އިރަށް ވުރެ އިތުރަށް މަސައްކަތުގައި ވަގުތު ހޭދަ ކުރާ ނަމަ، އިތުރު ގަޑީގެ ގޮތުގައި އެލަވަންސް ހަމަޖައްސައިދޭން ނިންމައިފިއެވެ.

ސިވިލް ސާވިލް ކޮމިޝަނުން ވަނީ މިގޮތަށް އަންގާ ސާކިއުލާ ތަކެއް ފޮނުވާފައެވެ. އެ ގޮތުން މޯލްޑިވްސް އިމިގްރޭޝަން އިން ހުރިހާ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައި ވަނީ، ސިވިލް ސާވިސް ކޮމިޝަނުން އަންގާފައިވާ ގޮތަށް ކުރިއަށް އޮތް ރޯދަމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރު ފަހު 1 އަށް ކަމަށެވެ.

ސިވިލް ސާވިސް އާންމު މުވައްޒަފުންގެ މަސައްކަތު ގަޑިން 2 ގަޑި އިރު އުނިކޮށްފައި ވުމުން ޝިފްޓް ޑިއުޓީގެ ގޮތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 8 ގަޑިއިރުގެ ޑިއުޓީ ގަޑިން 2 ގަޑިއިރަކީ އިތުރުގަޑީގެ ގޮތުގައި ހަމަޖެއްސުމަށް އެ ކޮމިޝަނުން އަންގާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެހެންކަމުން ޝިފްޓް ޑިއުޓީ އަދާ ކުރާ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ 8 ގަޑި އިރު ކަމަށާއި އިތުރު ގަޑި ކަމުގައި ގުނަން ފަށާނީ ޑިއުޓީ ފެށިގެން 6 ގަޑިއިރު ހަމަވުމުން ކަމަށް އިމްގްރޭޝަނުން ބުނެއެވެ.

ޝިފްޓް ޑިއުޓީ އަދާ ނުކުރާ މުވައްޒަފުންގެ ޑިއުޓީ ވަގުތަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް ވި ކަމުގައި ވިޔަސް އެ މުވައްޒަފުންނަށް ވެސް އިތުރު ގަދި ގުނޭނީ ޑިއުޓީ ފެށިގެން 6 ގަޑިއިރު ހަމަވުމުން ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ.