ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށް ދިވެހިންނަށް ކާއްޓާއި ކަރާ އަދި ފިޔާ ޗަމްޕާ ބްރަދާސް އިން ހަދިޔާކޮށްފިއެވެ.

ރާއްޖޭގައި ރިސޯޓު ވިޔަފާރީގައި މަޝްހޫރު ޗަމްޕާ ބްރަދާސްއިން މިއަހަރު ހަދިޔާ ކުރަން ނިންމާފައިވާނީ 50،000 ކާއްޓާއި 50 ޓަނުގެ ކަރާގެ އިތުރުން 10 ޓަނުގެ ފިޔާއެވެ.

މި ތަކެތި ރައްޔިތުންނަށް ބެހުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއަށް ހަވާލުކުރުމަށް ނިންމާފައިވާއިރު ރޯދަމަސް ފެށުމުގެ ކުރިން ނުވަތަ ރޯދަ މަހުގެ ދެވަނަ ދުވަހުގެ ކުރިން އެތަކެތި ހަވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ޗަމްޕާ ބްރަދާސް އިން ކާއްޓާއި ކަރާ ބަހާފައިވާއިރު އެއަހަރު އެ ތަކެތި ބަހާފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނިއެވެ. ނަމަވެސް މި ފަހަރު ލޯކަލް ގަވަނެންސް މިނިސްޓްރީއާ ހަވާލުކުރީ ރަށްރަށަށް ވެސް އެ ތަކެތި ގެންދިއުމަށް ފަސޭހަވާނެތީ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސިޓީ ކައުންސިލުން މިދިޔަ އަހަރު ރައްޔިތުންނަށް މިތަކެތި ހަވާލުކުރުން ކުރިއަށް ގެންދިޔައީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އިސްކަންދީގެންނެވެ. އަދި ހަމައެހެންމެ މާލޭގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ވެސް ކާށި ވަނީ ބަހާފައެވެ.

ފުރަތަމަ 5 ކާށީގެ ރޭޓުން ބަހަމުން ދިޔަ ނަމަވެސް ފަހުން ރޭޓަށް ބަދަލު ގެނެސް 10 ކާށީގެ ރޭޓުން ކައުންސިލުން ވަނީ ކާށި ބަހާފައެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށޭނީ އަންނަ ހޯމަ ދުވަހު އެވެ.