ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު ބިދޭސީންނާއި ކުށްތަކަށް އަރައި ގަންނަ ބިދޭސީން ހިމެނޭ ގޮތަށް 817 ބިދޭސީއަކު އެމީހުންގެ ގައުމަށް އަނބުރާ ފުރުވާލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާ މެދު ފިޔަވަޅު ނާޅާއިި ކުރީ ސަރުކާރުތަކުން އަމަލުކުރި ގޮތް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާ އެކު ނިމުމަކަށް ގެނެސް އެފަދަ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީން ނޭޝަނަލް ޓާސްކް ފޯހެއް އެކުލަވާލާފައިވާ ކަމަށެވެ.
މި ޓާސްކް ފޯސްގެ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 22 އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ. މީގެއިތުުރުން ފުލުހންނާ ގުޅިގެން އިމިގްރޭޝަން އިންޓެލިޖަންސް އިން ވަނީ 15 އޮޕަރޭޝަންއެއް ހިންގާފައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ، އެ އޮޕަރޭޝަންސްގެ ތެރެއިން މިހާތާނަށް 817 ބިދޭސީންގެ މައްސަލަ ބަލައި އެމީހުން ފުރުވާލާފައިވާ ކަމަށެވެ. އޭގެތެރެއިން 527 މީހުންނަކީ ރީއިންޓަގްރޭޝަން އޮޕަރޭޝަނުގެ ދަށުން ފުރުވާލި ބިދޭސީން ކަމަށާއި 290 މީހުންނަކީ ޑީޕޯޓްކުރީ ކަމަށެވެ. ނަމަވެސް އެއީ ކޮންކޮން ގައުމަކަށް ނިސްބަތްވާ ބިދޭސީން ކަން އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.
ފުރުވާލި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ސައްހަ ލިޔެކިޔުމާ ނުލާ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހިމެނޭ އިރު، ޑީޕޯޓް ކޮށްފައި ވަނީ އެކި ކަހަލަ ކުށްތަކަށް އަރައިގެންފައިވާ ބިދޭސީން ކަމަށް ޝައްމާން ވިދާޅުވިއެވެ. އެގޮތުން ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އާއި ހަށި ވިއްކުމުގެ ވިޔާފާރީގައި ޝާމިލުވާ ބިދޭސީން އެ އޮޕަރޭޝަނުގައި ޑީޕޯޓްކޮށްފައި ވެއެވެ.
ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށާއި، ބިދޭސީޏްގެ މައްސަލައަށް ހައްލު ހޯދުމަށް ބާރުއަލާ މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި އޮޕަރޭޝަންތައް އިތުރަށް ފުޅާކުރައްވާނެ ކަމަށް ވެސް ޝައްމާން ވިދާޅުވިއެވެ.
ގަވާއިދާ ހިލާފަށް އުލޭ ބިދޭސީންގެ މައްސަލަތަކާއި، އަދި ކުށްކުރާ ބިދޭސީންގެ މައްސަލަތައް އިތުރުވަމުން އަންނަ ކަމަކީ ރާއްޖޭގައި މި ވަގުތު އެންމެ ބޮޑަށް ކަންބޮޑުވާން ޖެހޭ އެއް އިޖްތިމާއީ މައްސަލައެވެ. ގަވައިދާ ހިލާފަށް އެތައް ބިދޭސީންތަކެއް އުޅެމުން އަންނަ އިރު، އެމީހުން ދިރިއުޅެމުން އަންނަނީ ކުދިކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން ކަމުން ސާފުތާހިރުކަމާއި ސިއްހީ ގޮތުން ރައްކާތެރިކަމެއް ނެތް ހާލުގައި އުޅޭ މި މީހުންނަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ފުރަތަމަ ފަށާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުންނެވެ.
އެ ގޮތުން ގަވައިދާ ހިލާފަށް އުޅެމުން ދިޔަ އެތައް ބިދޭސީންތަކެއް ރީރެޖިސްޓްރޭޝަން ޕްރޯގްރާމެއްގެ ދަށުން ރެޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާ އަނބުރާ ގައުމަށް ދާން ބޭނުންވެފައި ތިބި އެތައް ބިދޭސީންތަކެއް ފޮނުވާލުމުގެ މަސައްކަތް ވެސް އޭރު އެ ސަރުކާރުން ފެށިއެވެ. ނަމަވެސް ވަކި ހިސާބަކުން އެ މަސައްކަތާ ބެހޭ ގޮތުން މާ ބޮޑު ތަފްސީލެއް އެ ސަރުކާރުން ހާމައެއް ނުކުރެއެވެ.