ޗައިނާ އާއެކު ދާދި ފަހުން ވީ އެއްބަސްވުމަކީ ދިފާއީ ބާރަށް ޓެކްނިކަލް ކެޕޭސިޓީ އިތުރުވެގެންދާނެ އެއްބަސްވުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިރޭ ދ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އަބަދުވެސް އަސްކަރީ ގުޅުން އޮންނަ ކަމަށާއި އަލަށްވީ އެއްބަސްވުމަކީ ހިލޭ އެހީގެ ދަށުން ސިފައިންގެ ކެޕޭސިޓީ އިތުރު ކުރުމަށް ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ސިފަައިންނަށް ބޭނުންވާ އެކި ކަހަލަ ތަމްރީނުތައް ހޯދުމަށާއި ނަން-ލީތަލް އެކި ކަހަލަ އާލަތްތައް ހިލޭ ފޯރުކޮށް ދިނުން ހިމެނޭ ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އޭގެ ސަބަބުން ދިފާއީ ބާރަށް ޓެކްނިކަލް ކެޕޭސިޓީ އިތުރުވެގެންދާނެ ކަމަށާއި ރާއްޖޭގެ ދިފާއީ ބާރު އިތުރަށް ވަރަުގަދަ ކުރެވޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މި ކަންކަން ކުރެވުނީ އަމިއްލަ ފައި މައްޗަށް ތެދުވުމަށްޓަކައި އަމިއްލަވަންތަ ކަމާއި މިނިވަންކަން އިތުރަށް ވަރުގަދަ ކުރުމަށް ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.

އިއްޔެ ޗައިނާ އާއެކު ރާއްޖެއިން ސޮއިކުރި އެއްބަސްވުމަކީ ރާއްޖެއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ޗައިނާގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަނުގެ ޑެޕިއުޓީ ޑިރެކްޓަރު މޭޖާ ޖެނަރަލް، ޒަން ބެއެކުންއެވެ. މި އެއްބަސްވުމުގައި ސޮއި ކުރި ނަމަވެސް ސަރުކާރުން އެ އެއްބަސްވުމުގެ އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ޗައިނާއާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފަިއވާ އިރު، ރައީސް މުއިއްޒު ގެންދަވަނީ ޗައިނާ އާއެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. ދިވެހި ސަރުކާރުގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. ޑިފެންސަށް ބޭނުންވާ ބައެއް ޑްރޯންތައް ހޯދުމަށް ތުރުކީއާއެކު ވެސް އެއްބަސްވުމަކަށް ގޮސްފައި ވާއިރު، ކަނޑުގެ ސަރަހައްދު ބަލަހައްޓަން ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމަށް އެމެރިކާއިން ފައިސާގެ އެހީއެއް ދިނުމަށް ވާހަކަ ދައްކާފައި ވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުނީ އިންޑިއާ އަސްކަރީ އެހީ ހޯދުމުގެ ސިޔާސަތެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން ރާއްޖޭގައި މިވަގުތު ތިބި އިންޑިއާގެ ސިފައިން އަންނަ މޭ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބާލަން ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.