އާމްދަނީ ދަށް މީހުންނަށް ހައުސިން ބެނެފިޓްގެ ގޮތުގައި މާލީ އެހީގެ ފައިސާގެ އަދަދެއް ހައުސިން މިނިސްޓަރު ކަނޑައަޅައި ދޫކުރަން ޖެހޭ ގޮތަށް ބިލެއް ހުށަހަޅައިފިއެވެ.

މި ބިލު މިއަދު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އެ ބިލުގައި ވަނީ، ފައިސާގެ އަދަދެއް މިނިސްޓަރު ކަނޑައަޅަން ޖެހޭ ކަމަށާއި އަދި ތަފާތު ގިންތިތަކަށް ތަފާތު އަދަދުތަށް ކަނޑައެޅުމުގެ ބާރު ވެސް މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ.

ތަފާތު އަދަދުތައް ކަނޑައަޅާ ހާލަތުގައި ކަނޑައެޅޭ ފައިސާގެ މިންވަރުތައް ލިބުމަށް ޝަރުތު ހަމަވާ ފަރާތްތައް ނިންމާނީ އެ ފަރާތްތައް ގިންތިތަކަކަށް ބަހާލައި ޕޮއިންޓް ދެވޭ އުސޫލުތައް ބަޔާންކޮށް، ހަދާ ގަވާއިދެއްގެ ދަށުން ކަމަށް ބިލްގައި ބަޔާންކޮށްފައިވެއެވެ. ޕޮއިންޓް ދިނުމުގެ އުސޫލު ކަނޑައެޅުމުގައި އެ ފަރާތްތަކަށް ލިބޭ އާމްދަނީ އާއި ގޭބިސީއެއްގައި ދިރިއުޅޭ ފަރާތްތަކުގެ އަދަދަށާއި އެ ގޭބިސީއެއްގެ ބޭނުންތަކަށް ބިނާކޮށް ދިރިއުޅޭ ތަނުގެ ނިދާ ކޮޓަރީގެ އަދަދުތަކަށް ރިއާޔަތް ކުރަން ވާނެ ކަމަށްވެސް ބިލްގައިވެއެވެ.

ޝަރުތު ފުރިހަމަވާ މީހުންނަށް ހައުސިން ބެނެފިޓް ދޫކުރެވޭނީ ގަވާއިދުގައި ބަޔާން ކުރާ ގޮތެއްގެ މަތީން މަހުން މަހަށް ދޫކުރެވޭ މާލީ އެހީއެއް ގޮތަށް ކަމަށާއި އެކި ގިންތީގެ ފަރާތްތަކަށް ދޫކުރެވޭ ހައުސިން ބެނެފިޓް ދޫކުރެވޭނެ ގޮތްތަކާއި އިތުރަށް ދެއްކޭ އަދަދުތައް އަޅައިކެނޑޭނެ ގޮތްތަކާއި މަދުން ދެއްކޭ އަދަދުތައް ފަހުން ދައްކާނެ ގޮތުގެ އުސޫލުތައް ވެސް ގަވާއިދުގައި ބަޔާންކުރަން ޖެހެއެވެ.

ހައުސިންގް ބެނެފިޓް ދޫކުރާނީ ދަފްތަރެއް އެކުލަވާލައިގެން ކަމަށްވާއިރު ދަފްތަރުގައި ހިމެނުމަށް އެދި ހުށަހަޅާއިރު ހިމަނަންޖެހޭ މައުލޫމާތުތައްވެސް ވަނީ އެކުލަވާލާފައެވެ. އެގޮތުން ގަވާއިދުގައި ބަޔާންކުރާ، މިލްކުވެރިކަމުގެ ދަށުގައި ހުރި މުދަލާ ބެހޭ މައުލޫމާތާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އާމްދަނީގެ މައުލޫމާތާއި ބޭންކު އެކައުންޓުގެ މައުލޫމާތު، އަދި ގަވާއިދުގައި ބަޔާންކުރާ މުއްދަތެއްގެ ބޭންކު ސްޓޭޓްމަންޓްގެ އިތުރުން ކުލީގެ އެއްބަސްވުން ހުށަހަޅަން ޖެހެއެވެ.

އަދި ހަމައެހެންމެ ހާލަތު ބަދަލުވިކަން ނުވަތަ ހާލަތު ބަދަލު ވަމުންދާކަން މިނިސްޓްރީން ޔަގީން ކުރަން ޖެހެ އެވެ. ހާލަތު ބަދަލުވި ކަން ކަނޑައެޅުމުގައި ބަލަން ޖެހޭ ކަންކަންވެސް ބިލުގައި ހިމަނާފައިވެއެވެ. މީގެ އިތުރުންވެސް ގިނަ ކަންތައްތަކެއް ބިލްގައި ހިމަނާފައިވާއިރު މިއީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކުލާވަލައި މަޖިލީހަށް ފޮނުވުމަށް އަމާޒުކުރި ބިލުތަކުގެ ތެރެއިން ބިލެއްކަން ފާހަގަކޮށްލެވެއެވެ.