އެ ކައުންސިލުން މިހެން އެދިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫ ކައުންސިލާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީއާ ބައްދަލުކުރައްވައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ބ. ކެންދޫ ކައުންސިލުގެ އިދާރާގައެވެ.

ކަމަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކަމަދޫއަށް އިގްތިސޯދީ މަންފާ ލިބޭ ގޮތަށް ބ. މަދިރިވާދޫ ކަމަދޫގެ ކައުންސިލަށް ލިބޭގޮތަށް ހަމަޖައްސައި ދިނުމާއި ރަށުގެ އިޖުތިމާއީ ތަރައްގީއަށް މުހިންމު ކަންތައްތައް ފާހަގަ ކުރިއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ކޮމިޓީއަށް އެކަށީގެންވާ ބަޖެޓު ނުލިބޭތީ ކުރިމަތިވާ ދަތިތައް ވެސް ހިއްސާކޮށްފައެވެ.

މީގެ އިތުރުން ރަށް ގިރުމުގެ މައްސަލައާ ކަރަންޓުގެ ހާލަތާމެދު އޮތް ކަންބޮޑުވުމާއި ރަށުގައި ލޯކަލް ޓޫރިޒަމް ތަރައްގީވެ ގިނަ ބަޔަކު ރަށުގައި ދިރިއުޅުނު ނަމަވެސް ރަށަކީ އާބާދީ މަދު ރަށެއްކަމުގައި ވާތީ އެރަށަށް ލިބޭ ވަސީލަތްތައް މަދުވީމާ ކުރިމަތިވާ ގޮންޖެހުންތައް ވެސް ކައުންސިލުން ފާހަގަ ކުރިއެވެ. މީގެ އިތުރުން ރަށުގައި ތާރުއަޅައިގެން މަގުހެދުމުގެ ބަދަލުގައި ރަށުގެ މަގުތަކުގައި ފެންހެދޭ މައްސަލަ ހައްލުކޮށް، މަގުގެ ބޭނުން ހިފޭގޮތަށް މަސައްކަތް ކޮށްދިނުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމަދޫ ކައުންސިލުން އެދުނު ކަންކަމަށް ސަމާލުކަން ދެއްވައިގެން އެކަންކަން ކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ރައީސް މުއިއްޒު މިހާރު ރަށްރަށްރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާޅޮސްމަޑުލު އުތުރުބުރި އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅު މިރޭ ވަނީ ނިންމަވާލައްވައި މާލެއަށް ވަޑައިގެންފައެވެ. 6 ދުވަހުގެ މި ދަތުރުފުޅު ނިންމަވާލެއްވި އިރު، އެ މަނިކުޔފާނު ވަޑައިގެން ރަށްރަށުގެ ކައުންސިލްތަކާ ބައްދަލު ކުރައްވާ ރަށްރަށުގެ ރައްޔިތުން ބޭނުންތަކާއި ކައުންސިލުން އެދޒެ ބަދަލުތަކާއި ތަރައްގީގެ ވާހަކަތައް މުއިއްޒު ވަނީ އަޑުއައްސަވާފައެވެ.