އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ނަމުގައި އިންޑިއާއިން ގާއިމު ކުރަމުން ދާ އަސްކަރީ މަރުކަޒުތަކުގެ ތެރެއިން މަރުކަޒެއް އަންނަ ބުދަދުވަހު މިނިކޯއީ [މަލިކު] ގައި ފަށާނެއެވެ.
މިއީ މިހާރުވެސް މަލިކުގައި އޮޕަރޭޓް ކުރަމުން ގެންދާ އިންޑިއާގެ ކަނޑުގެ ސިފައިންގެ ޔުނިޓް ފުޅާކޮށް ފުރިހަމަ އަސްކަރީ ބޭސް އެއްގެ ގޮތުގައި ފަށާ ފުރަތަމަ ފަހަރެވެ.
އިންޑިއާގެ ރަށްތަކެއްގެ ގޮތުގައި އޮންނަ ލަކްޝަދީޕްގެ 36 ރަށެއްގެ ތެރެއިން މަލިކުގެ އިތުރުން، ނަވަރައްޓީ އާއި އަންދްރޮތްގައި ވެސް ނޭވަލް ބޭސް އެއް އޮވެއެވެ.
ރާއްޖެއާ 130 ކިލޯމީޓަރު ދުރުމިނުގައި އޮންނަ މިނިކޯއީގައި ފުލް ފްލެޖް [ކަނޑުގެ ސިފައިންނާއި އަސްކަރިއްޔާ ހިމެނޭގޮތަށް" ނޭވަލް ބޭސްއެއް ގާއިމު ކުރާ އިރު މިއީ ރާއްޖެ ވަށައި އިންޑިއާއިން ގާއިމު ކޮށްފައި ވާ މަރުކަޒު ނުވަތަ ބޭސްތަކުގެ ތެރެއިން 10 ވަނަ ބޭސް އެވެ.
އިންޑިއާ އިން ފާރަލަނީ ރާއްޖެއަށްތަ؟
އިންޑިއާ ކަނޑުގެ 45،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައިވާ ރާއްޖެ އަކީ ފްރާންސުގެ ޕެރިހާ އެއްވަރުގެ ސަރަހައްދެއް ލިބިފައިވާ ގައުމެކެވެ. ކުދިކުދި ރަށްތަކެއްގެ މައްޗަށް ރާއްޖެ އޮތަސް، ރާއްޖެ އޮންނަ ހައްސާސް ލޮކޭޝަން [ސަރަހައްދު] އަކީ ދުނިޔޭގެ އިރާއި ހުލަނގަށް އަދި އުރުތާއި ދެކުނަށް ދަތުރުކުރާ އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރީގެ މައި މަގުގައި އޮންނަ ގައުމެކެވެ.
އިސްތިރާޖީ ގޮތުން ރާއްޖެ އޮތް ސަރަހައްދުގެ މުހިންމު ކަމުން، ދުނިޔޭގެ ލޯ ރާއްޖޭގެ މަތިން ކަސިޔާރުވެގެން ނުދާ އިރު، ރާއްޖެ އޮތީ މާސިންގާ އިންޑިއާގެ ބުޑުގައި ކަމަށް ވުނީ، އިންޑިއާ އަށް ރާއްޖެ 'ވަރަށް މުހިންމު' ވާ ސަބަބެކެވެ.
ބަވަނަ ވެފައިވާ މި ދުނިޔޭގައި ބޮޑެތި ގައުމުތަކުގެ ދެމެދުގައި އޮންނަ ވިޔަފާރި އާއި އަސްކަރީ އަދި ސިޔާސީ ވާދަވެރިކަމުގައި ރާއްޖެ އޮތީ 'ތާށިވެފަ' އެވެ. އަމިއްލަ ފުދުންތެރިކަމުން ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު އަމިއްލައަށް ބެލެހެއްޓޭކަށް ނެތެވެ.
އިންޑިއާ އިން ވާދަކުރަމުން ދަނީ، ދުނިޔޭގެ 2 ވަނަ އިގުތިސޯދު ޗައިނާ އާ ކަމަށް ވާ އިރު ޗައިނާއިން ދުނިޔެގެ ވަށާ ހިންގަމުން ގެންދާ ސިލްކް ރޫޓް [ވިޔަފާރީގެ މަގު] ބަލަހައްޓާ ހިމާޔަތް ކުރުމަށް ޗައިނާ އަށް ވެސް ރާއްޖެ މުހިންމު ވެއެވެ.
ޗައިނާގެ ބާރު ކަނޑުވާލުމަށް ދުނިޔޭގެ ސުޕާ ޕަވަރު، އެމެރިކާއިން ކުރަމުން ދާ މަސައްކަތުގައި އެގައުމަށް ވެސް ރާއްޖެ މުހިންމު ވެއެވެ. އަދި ވަށައިގެން ހުރި ގައުމުތަކަކީވެސް އެ 3 ގައުމަށް މުހިންމު ގައުމުތަކެވެ.
އިންޑިއާއިން ރާއްޖެ ވަށާ ގާއިމު ކޮށްފައި ވާ ހުރިހާ އަސްކަރީ މަރުކަޒުތަކަކީ ރާއްޖެއަށް ފާރަލާން ހަދާފައި ވާ ތަންތަނެއް ނޫނެވެ. އެ ގައުމުގެ އެންމެ ބޮޑު ބޭނުމަކީ އިންޑޯ ޕެސިފިކް ކަނޑުގައި ޗައިނާއިން ހިންގާ ހަރަކާތްތަކަށް ފާރަލައި އެމެރިކާ އާ ގުޅިގެން ޗައިނާ ހުއްޓުވުމަށް މަސައްކަތް ކުރުމެވެ. ނަމަވެސް ރާއްޖޭގެ ސަރުކާރުތަކުގެ ސިޔާސަތުތަކަށް އަންނަ ބަދަލާ އެކު ރާއްޖެއިން ޗައިނާ އާ ގާތްކަން އުފައްދާ ކޮންމެ ފަހަރަކީ އިންޑިއާގެ ފާރަވެރިކަން ވަރުގަދަ ކުރާ ފަހަރެކެވެ.
މިނިކޯއީ ނޭވަލް ބޭސް
މިނިކޯއީގައި ހުރި މަރުކަޒު ބޭސް އަކަށް ބަދަލުކުރާ އިރު މިނިކޯއީ އާ މާ ދުރުނޫން ކަވަރައްޓީ ކިޔާ ރަށުގައި ވެސް އިންޑިއާގެ އަސްކަރީ ބޭސް އެއް އޮވެއެވެ. އެއީ ލަކްޝަދީޕްގެ ރަށްތަކުގެ މެދުގައި އޮންނަ ރަށެކެވެ. އޭގެ އިތުރުން އިންޑިއާގެ ކޮޗިންއާ ކައިރިއަށް އޮންނަ އަންދްރޮތް ގައިވެސް އިންޑިއާ އިން ވަނީ ނޭވަލް ބޭސް އެއް ހަދާފައެވެ.
މިކޯއީގެ މަރުކަޒު ބޭސް އަކަށް ބަދަލުކުރާކަން އިންޑިއާއިން އިއުލާން ކުރީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ޗައިނާ އާ ގުޅުން ބަދަހިކޮށް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާކަން އިއުލާން ކުރެއްވުމާއި، އިންޑިއާ އަށް ބަރޯސާވުން ދޫކޮށްލައި މެދުއިރުމައްޗަށް މިސްރާބު ބަދަލު ކުރެއްވުމުންނެވެ.
އިންޑިއާގެ މިނިކޯއީ ބޭސް އަންނަ ބުދަދުވަހު ރަސްމީކޮށް ފަށާއިރު، އެތާނގައި ސިފައިންނާއި ނޭވަލް އޮޕަރޭޝަންތަކާއި ސާވައިލަންސް ހަރަކާތްތަކާއި ފާރަލުމުގެ ހަރަކާތްތައް ހިންގާނެއެވެ. އަސްކަރީ ރަންވޭއަކާއެކު މަރުކަޒު ހަދާފައިވާ މިނިކޯއީ ވެގެން ދާނީ، ރާއްޖެއާއި އިންޑިއާ އާ ދެމެދުގެ ކަނޑުގެ ސަރަހައްދު އިންޑިއާގެ ރާޑަރުގައި 24 ގަޑިއިރު ކުރަހާލާނެ މަރުކަޒަކަށެވެ.
މި މަރުކަޒުގެ އިތުރުން، އިންޑިއާއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމު ކޮށްފައި ވާ ރާޑަރު ތަކަކީވެސް ފާރަވެރި އާލާތްތަކެކެވެ. ސެޓެލައިޓުގެ އެހީގައި ވެސް އިންޑިއާއިން ރާއްޖެ ބަލަމުން ގެންދެއެވެ. އިންޑިއާގައި ގާއިމު ކޮށްފައި ހުންނަ ފާރަލާ މަރުކަޒުގައި ރާއްޖޭގެ އަސްކަރީ އޮފިޝަލަކު ހިމެނޭހެން މިހާރުވެސް ބަލައި މޮނިޓާ ކުރަމުން ގެންދެއެވެ. ހާއްސަކޮށް ކަނޑުގެ ސަރަހައްދުގައި ހިނގާ ކަންކަމާއި ހިންގާ މަނީލޯންޑަރިން، ޑްރަގް ޓެރެފިކިން އަދި ކަނޑުމަތީގެ ތަފާތު ހާދިސާތައް އެ ސެންޓަރަށް ބަރާބަރަށް އެނގޭނެއެވެ.
ތަޖިކިސްތާންގައި އޮންނަ އެއާ ބޭސް
ތަޖިކް އެއާ ފޯސް އާއި އިންޑިއާ އެއާފޯސް ގުޅިގެން ހިންގާ ފަހޯރު އެއާބޭސް އަކީ އިންޑިއާއިން ގައުމުން ބޭރުގައި ގާއިމު ކުރި ފުރަތަމަ ބޭސް އެވެ. އެ ބޭސް އަށް އީރާނުގެ ޗަބާރުގައި އޮންނަ ބަނދަރުން އަފްގާނިސްތާން ތެރެއިން ލައިފައި މުދާ ގެންދަން ފަސޭހަވެގެން ދެއެވެ.
ތަޖިކިސްތާންގެ ވެރިރަށާ 10 ކިލޯމީޓަރު ދުރުގައި އަސްކަރީ ބޭހެއްވެސް އިންޑިއާއިން ގާއިމު ކޮށްފައި އޮވެއެވެ. މިތާނގައި ހެލިކޮޕްޓަރުތަކާއި ބޮން އަޅާބޯޓުތަކުގެ އިތުރުން ބަރުހަތިޔާރު ބަހައްޓާފައި ހުރެއެވެ.
ނޭޕާލްގެ އެއާ ސްޓްރިޕް
އިންޑިއާއާ އަވަށްޓެރި ނޭޕާލުގެ ސުރުކެތްގައި އިންޑިއާ އިން އޮޕަރޭޓް ކުރާ އެއާ ސްޓްރިޕެއް އޮވެއެވެ. މިތަނުގައި މަދު މިންވަރެއްގެ އަސްކަރީ އާލާތާއެކު އިންޑިއާ ސިފައިން ހަރަކާތްތެރިވާ އިރު، ނޭޕާލް ބެލެހެއްޓުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއެވެ.
ބޫޓާން
ބޫޓާނުގެ ހުޅަނގު ބިތުގެ ހާޑިޒޮންގް ގައި އިންޑިއާ އިން ވަނީ އިންޑިއާ މިލިޓަރީ ޓްރެއިނިން ޓީމް (އައިއެމްޓީއާރުއޭޓީ) ގާއިމު ކޮށްފައެވެ. އެއީ ބޫޓާނުގެ ރޯރަލް އާމީ ފޯސް އާއި ރޯޔަލް ބޮޑިގާޑް ފޯސް ތަމްރީނު ކުރުމުގެ ނަމުގައި އިންޑިއާއިން ގާއިމު ކޮށްފައި ވާ ބޭސް އެކެވެ.
މޮރިޝަސް
މޮރިޝަންގެ އުތުރު ބިތުގައި އޮންނަ އަގަލެގާ އައިލޭންޑްގައި އިންޑިއާއިން އަސްކަރި ބޭސް އެއް ގާއިމު ކޮށްފައި ވާ އިރު އެތަން ތަރައްގީ ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދެއެވެ. އެ ރަށަކީ އިންޑިއާގެ އަސްކަރީ ބޭސް ހަދާ ތަރައްގީ ކުރުމަށް އެގައުމުގެ އާމީންނަށް މޮރިޝަސް އިން ކުށްޔަށް ދީފައި ވާ ރަށެކެވެ.
މަޑަގަސްކަރަ
މިއީ އިންޑިއާއިން ހިންގާ ސިއްރުން އަޑުއެހުމުގެ އޮޕަރޭޝަންތަކަށް ހާއްސަ މަރުކަޒެއް ގާއިމު ކޮށްފައި ވާ ތަކެވެ. މި މަރުކަޒުގައި ތިބެގެން ކަނޑުމަތީގެ ހަރަކާތްތައް ބަލައި މޮނިޓާ ކުރުމުގެ އިތުރުން ބޯޓު ފަހަރުގައި ހިންގާ މުއާމަލާތްތައް ވަގަށް އަޑުއެހުމުގެ ގާއިބިލުކަން އިންޑިއާއިން ގާއިމު ކޮށްފައި ވެއެވެ.
ދިވެހިރާއްޖެ
ރާއްޖޭގައި އިންޑިއާއިން ރާޑާރު ސިސްޓަމްތަކެއް ހަރުކޮށް މުޅި ސަރަހައްދު ބަލައި މޮނިޓާ ކުރުމުގެ މަސައްކަތް ކުރަމުން ގެންދެއެވެ. ކަނޑުމަތީގެ ކަންކަން ބެލުމަށް ހާއްސަކޮށް މި އާލާތްތައް ހަރުކޮށްފައި ވާ އިރު، ނިމިދިޔަ ސަރުކާރުގައި އިންޑިއާއިން ވަނީ، ދިވެހި ސިފައިންގެ މަރުކަޒެއް ކަމަށް ވާ އުތުރު ތިލަފަޅު ތަރައްގީ ކޮށް އެތާނގައި މަސައްކަތްތަކެއް ކުރުމަށް މަސައްކަތް ކޮށްފައެވެ. އެއްބަސް ވުމެއްގެ ދަށުން އެކަން ކުރާ އިރު ދިވެހި ސަރުކާރާއި އިންޑިއާއިން ބުނެފައި ވަނީ، އެތާގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށާއި އެއީ ޑޮކްޔާޑެއް ކަމަށެވެ. ނަމަވެސް ޔޫޓީއެފްގެ އެގްރީމަންޓާ ގުޅޭ ގޮތުން ތަފާތު އެކި ވާހަކަތައް ދެކެވެމުން ދާ އިރު ކުރީގެ ސަރުކާރުންވެސް އަދި ހިނގަމުން ދާ ސަރުކާރުންވެސް އެ އެގްރީމަންޓް ހާމައެއް ނުކުރެއެވެ.
ސީޝެލްސް
ސީޝެލްސްގައި އިންޑިއާއިން 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް އެގައުމަށް ދީ އަސްކަރީ ބޭހެއް އިންޑިއާއިން ވަނީ ގާއިމު ކޮށްފައެވެ. އެތާނގައި ރާއްޖެ އަށް ދިން ކަހަލަ ޑޯނިއާ މަތިންދާބޯޓާއި އަސްކަރީ މަނަވަރުތައް ބޭނުން ކުރަމުން ގެންދެއެވެ. އަދި ކަނޑުގެ ސަރަހައްދު ބަލަހައްޓާ ރާޑަރު ސިސްޓަމެއްވެސް އެތާނގައި އޮޕަރޭޓް ކުރެއެވެ.
އޮމާން
އޮމާންގެ ރަސް އަލް ހަދް ގައި އިންޑިއާއިން ވަނީ ވަގަށް އަޑުއަހާ ސްޓޭޝަނަކާއި ހާބަރެއް ހަދާ އަސްކަރީ ފެސިލިޓީއެއް ގާއިމު ކޮށްފައެވެ. އަދި އޮމާންގެ ދުގުމްގައި އިންޑިއާ މިލިޓަރީ ބޭސް އެއްވެސް އޮވެއެވެ.
އީރާން
އިރާނުގެ ޗައްބާރުގައި އިންޑިއާއިން ވަނީ މާސިންގާ ވިޔަފާރި ބަނދަރެއް ހަދާފައެވެ. އިންޑިއާ އާއި މެދުއިރުމަތި އަދި ޔޫރަޕް ގުޅާލުމަށް ހިންގާ މާސިންގާ މަޝްރޫއެއްގެ މައި ހަބެއްގެ ގޮތުގައި އެ ބަނދަރު ބޭނުން ކުރަމުން ދާ އިރު އެ ބަނދަރާ ހަމައަށް ދިޔުމަށް އިންޑިއާއިން މިހާރު ވަނީ 2 ބިލިއަން ޑޮލަރުގެ ރެއިލްވޭ ޕްރޮޖެކްޓެއްގެ މަސައްކަތް ފަށާފައެވެ.
މޮޒަމްބީކް
މޮޒަމްބީކްގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ އިންޑިއާއިން ވަނީ އެގައުމުގައި ވެސް މަރުކަޒެއް ހަދާފައެވެ. 2003 އިން ފެށިގެން ކުރިއަށް ދާ އެ އޮޕަރޭޝަނާއެކު އިންޑިއާ ކަނޑުގެ ވަށައިގެން ހުރި އިސްތިރާޖީ ސަރަހައްދުތަކުގައި އިންޑިއާއިން ވަނީ އަސްކަރީ ގޮތުން ގާއިމު ވެފައެވެ.
މިހުރިހާ ސަރަހައްދިގެ މެދުގައި ރާއްޖެ އޮންނަ އިރު، ރާއްޖެއަށް އިންޑިއާ އާ ނުބައްސާ ޗައިނާގެ ބެލެނިވެރިކަމުގައި އޮވެވޭނެ ގޮތެއް ނެތެވެ.
އިންޑިއާގެ އިތުރުން ޗައިނާއިން ވެސް މިސަރަހައްދުގެ ބައެއް ގައުމުތަކާ ގުޅުން ބަދަހިކޮށް އަސްކަރީ ގުޅުންތައް ގާއިމު ކުރަން މަސައްކަތް ކުރާ އިރު، އަފްގާނިސްތާނާއި ޕާކިސްތާނާއި ލަންކާގައި ޗައިނާއިން ވަނީ މަރުކަޒު ކޮށްފައެވެ. އެއީ އަސްކަރީ މަރުކަޒުތަކެއް ނޫން ކަމަށް ވިޔަސް، މާސިންގާ ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފައި ވާ އިރު، އެތަންތަން ބެލެހެއްޓުމަކީ ޗައިނާގެ މަސްލަހަތު އޭގެ މައްޗަށް އޮތް ކަމެކެވެ.