އިންތިހާބެއް ބާއްވާ ތާރީހު ރަމަޟާން މަހާ ދިމާވާ ނަމަ ރަމަޟާން މަސް ނިމުމުން އިންތިހާބު ބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރާނީ އެ އިސްލާހު ގާނޫނަކަށް ވުމުން ކަމަށް، އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރަމަޟާން މަހާ ދިމާވާތީ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަން ޖެހޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ރައްޔިތުންގެ މަޖިލީހުން މި މަހުގެ 11 ވަނަ ދުވަހު ފާސްކޮށް، 12 ވަނަ ދުވަހު އެ ބިލު ތަސްދީގުކުރުމަށް ވަނީ ފޮނުވައިފައެވެ.

އެއަށްފަހު އިންތިހާބުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތަކާ މެދު އަލުން ވިސްނާވަޑައިގަތުމަށް އެދިވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލު މަޖިލީހަށް އަނބުރާ ފޮނުވާލެއްވުމުން ވެސް ދެވަނަ ފަހަރަށް އެ ބިލު ވަނީ ފާސްކޮށްފައެވެ. ދެވަނަ ފަހަރަށް އެ ބިލު ފާސްކުރީ އެއްވެސް އުނިއިތުރެއް ނުގެނެސް، މަޖިލީހަށް އަނބުރާ ރައްދުކުރިއިރު ވެސް އޮތް ގޮތަށެވެ.

އެހެންކަމުން 'ދަ ޕްރެސް' އިން މިކަމާ ގުޅިގެން ސުވާލުކުރުމުން، އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އިންތިހާބާ ބެހޭ އާންމު ގާނޫނަށް ގެނައި އިސްލާހު ގާނޫނަކަށް ނުވާހާ ހިނދަކު އިންތިހާބު އޮންނާނީ މި ފެށޭ މާޗް މަހުގެ 17 ވަނަ ދުވަހުގައި ކަމަށާއި، ކޮމިޝަނުން މަސައްކަތްކުރަމުން ދަނީ އެ ތާރީހަށް ތައްޔާރުވުމަށް ކަމަށެވެ.

ހަބީބް ވިދާޅުވީ، އެ އިސްލާހު ގާނޫނަކަށްވުމުން އިލެކްޝަންސް ކޮމިޝަނުން ދެން އެކަމުގައި އަމަލުކުރާނެ ގޮތެއް ނިންމާނެ ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީގް ވަނީ، ރަމަޟާން މަސް ފެށުމުގެ ކުރިން މަޖިލީހުގެ އިންތިހާބު ބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށް ހުށަހަޅުއްވައިފައެވެ. އަދި މިއަދު ނ. ކެނދިކުޅުދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ، ރަމަޟާން މަހުގެ ކުރިން މަޖިލީހުގެ އިންތިހާބު ބާއްވަން ބޭނުންފުޅުވެވަޑައިގެންނެވިކަން ހާމަކުރައްވައިފައެވެ.

އަދި މިއަދު ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ އަދަދު ކަނޑައަޅާ ގޮތުގެ މައްސަލައަށް ކުރި ހުކުމާ ގުޅިގެން ބަންޑާރަނައިބު އަހްމަދު އުޝާމްގެ ލަފަޔަކަށް އެދިވަޑައިގެންފައިވާ ކަމަށާއި، ގޮތެއް ނިންމެވޭނީ އުޝާމްގެ ލަފާގެ މަތިން ކަމަށް ވިދާޅުވެ، ރައީސް ވަނީ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރަން އުޝާމް ލަފާ ދެއްވައިފިނަމަ އެގޮތަށް އަމަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި އުޝާމް ވިދާޅުވީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައި ބިލު ތަސްދީގުކުރުމާ މެދު މިއަދު ރައީސަށް ލަފާ އަރުއްވާނެ ކަމަށެވެ.

ގާނޫނުއަސާސީގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުން ދެވަނަ ފަހަރަށް އެ ބިލެއް ފާސްކޮށްފި ނަމަ، އެ ބިލެއް ތަސްދީގުކޮށް ގެޒެޓުގައި އާންމުކުރަން ރައީސަށް މަޖުބޫރުވާނެއެވެ.