އެއާ އެމްބިއުލާންސްއަށް ހާއްސަކޮށް 5 ޑޮކްޓަރުން، 5 ނަރުހުން އަދި 5 ޓެކްނީޝަނުން ތަމްރީންކޮށްފިއެވެ.

ރައީސް މުއިއްޒުގެ 14 ހަފްތާ މަގުޗާޓުގައި ހިމަނުއްވާފައިވާ ކަންކަމުގެ ތެރެއިން ހެލްތް މިނިސްޓްރީއިންކޮށްފައިވާ މަސައްކަތްތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައ ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވަނީ މިކަން އިއުލާން ކުރައްވާފައެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުން މާދަމާ ފެށުމަށް ހަމަޖެހިފައި ވާއިރު އެ ހިދުމަތް ދިނުމަށް ބޭނުން ކުރާނީ 2 ބޯޓު ކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ. އެއީ އެއާޕޯޓްތަކަށް ޖައްސާ ޑޭޝް-8ގެ މަތިންދާބޯޓެއްގެ އިތުރުން ސީ ޕްލޭންއެއް ކަމަށް އޭނާ ވިދާޅުވިއެވެ. ސީޕްލޭނެއް ބޭނުން ކުރުމުން އެއާޕޯޓް ނެތް އަދި އެއާޕޯޓާ ދުރު ރަށްރަށުގެ ބަލި މީހުން އުފުލަން ޖެހޭ ހާލަތްތަކުގައި އެކަން ފަސޭހަ ކަމާއެކު ކުރެވޭނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ބޯޓުގެ އެތެރޭގައި ހަރުކުރަންޖެހޭ އާލާތްތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިހާރު އެ މަސައްކަތްތައް ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށާއި މިއަދުގ ެނިޔަލަށް ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

އެއާ އެމްބިއުލާންސްގެ މަސައްކަތް ފަށާއިރު ޑޭސް-8ގެ ބޯޓުގައި 2 ބަލި މީހުން އުފުލޭނެ ކަމަށް ހަލީލް ވިދާޅުވިއެވެ. އެ ބޯޓަކީ 38 މީހުން އުފުލޭ ވަރުގެ ކެޕޭސިޓީ ހުރި ބޯޓެއް ކަމަށާއި އިތުރު ބަލި މީހުން އުފުލާނަމަ ބޯޓުގައި ސްޓްރެޗާ ހަރުކުރަން ޖެހޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެމަޖެންސީ ހާލަތުގައި ބޭނުންވާނެ ހުރިހާ ހިދުމަތެއް އެއާ އެމްބިއުލާންސްއިން ލިބެން ހުންނާނެ ކަމަށް މިނިސްޓަރު ހަލީލް ވިދާޅުވިއެވެ. އެގޮތުން އޮކްސިޖަން އަދި އެމަޖެންސީގައި ދޭން ޖެހޭ އިންޖެކްޝަން ފަދަ ހުރިހާ ހިދުމަތެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަލީލް އިތުރަށް ވިދާޅުވީ އެއާ އެމްބިއުލާންސްއަށް ހާއްސަކޮށް 5 ނަރުހުންނާއި 5 ޑޮކްޓަރުންނާއި އަދި 5 ޓެކްނީޝަނުން ތަމްރީނުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ތަމްރީނު ކުރުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސީޓީއާ ގުޅިގެން ކަމަށާއި ޑިމާންޑަށް ބަލާފައި އިތުރުކުރަން ޖެހުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.