ހއ. ބާރަށު ކާނިގަހުގައި ރޯކޮށްލި މައްސަލަ ބަލާ ސަގާފީ ތަރިކައިގެ ގާނޫނުން ފިޔަވަޅު އަޅާނެ ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ.
ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރުމާ ގުޅޭ ކަޅުއޮށްފުންމީގެ ރިޔާ ފައްސަވަން މުހައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު) ހއ. ބާރަށުގައި ޖެއްސެވި ކަޑައިގައި ފަޅާ ހެދުނު ކާނި ގަހުގައި ބަޔަކު ރޯކޮށްލާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ މެންދަމުގެ ވަގުތެއްގައެވެ.
އެކަމާ ގުޅިގެން އެ މަރުކަޒުން ބުނީ ދިވެހި ގައުމުގެ މުހިންމު ސަގާފީ އަދި ގުދުރަތީ ތަރިކައެއް ކަމުގައިވާ ހއ. ބާރަށުގައި ހުރި 450 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކާނިގަހުގައި ރޭ މެންދަމުގެ ވަގުތެއްގައި ހުޅުޖަހައި ގަހުގެ ބޮޑުބައެއް އަންދައިލާފައިވާކަން މި މަރުކަޒުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެކަން އެ މަރުކަޒުގެ ސަމާލުކަމަށް އައި ހިނދުން ފެށިގެން އެ މަރުކަޒުން ދަނީ ބާރަށު ކައުންސިލާއި ފުލުހުންނާ ގުޅިގެން ގަހުގައި ހުޅުޖެހި ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށާއި ރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނުއާ އެއްގޮތްވާ ގޮތުގެމަތިން އެ މައްސަލަ ބައްލައިދިނުމަށް އެދި އެ މަރުކަޒުން މިހާރު ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅޭގޮތުން އެ މަރުކަޒުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެ ކަމުގައި ޒިންމާވާ ފަރާތްތަކާމެދު ސަގާފީ ތަރިކައިގެ ގާނޫނުއާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުއެޅުމުގެ މައްސަލަ އެ މަރުކަޒުން ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެ މަރުކަޒުން ބުނީ އެ ކާނިގަސް ސަރަހައްދު ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް މިތަނުން ދެމެހެއްޓެނިވި އިޖްތިމާއީ އަދި އިގްތިސޯދީ ފައިދާތައް ލިބޭނެ ގޮތަށް ތަން ތަރައްގީކުރުމުގެ މަސައްކަތްވެސް އެ މަރުކަޒުގެ ފަރާތުން ގެންދަނީ ކުރަމުން ކަމަށެވެ. އަދި ދިވެހީންގެ ތަރީހައި ތަރިކަ އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ހަވާލުވެފައިވާ އަމާނާތަކަށް ވީ ހިނދު އެ އަމާނާތް އަދާކުރުމުގައި ފަރުދީ ފެންވަރުގައްޔާއި ކަމާ ގުޅޭ އިދާރާތަކުގެ ފެންވަރުގައި އެ މަރުކަޒަށް އެއްބާރުލުންދެއްވައި ގުޅިގެން މަސައްކަތް ކުރެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ކާނި ގަހަކީ މީލާދީން 16 ވަނަ ގަރުނުގައި ޕޯޗުގީޒުންނާ ދެކޮޅަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުގައި ބޭނުންކުރެއްވި ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ޖެއްސެވި ކަމަށްބުނާ ކަޑައަކުން ހެދިފައިވާ 400 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ގަހެކެވެ. މިގަހުގައި މީގެ ކުރިން ވެސް އަލިފާން ރޯކޮށްލި ހާދިސާއެއް ވަނީ ހިނގާފައެވެ.