އުމުރުން 64 އަހަރުގެ އަބޫ ޖަވާދަކީ, ގާޒާގައި މަރުވާ މީހުންގެ ކަށުކަމާ ކެމީގެ ކަންކަން ކުރުމާ ހަވާލުވެ ހުރި އެންމެ އިސް ފަރާތެވެ.
އޮކްޓޯބަރު 7, 2023 ގައި އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފެށުމުގެ މާ ކުރިން, ]ގާތްގަނޑަކަށް 27 އަހަރު[ މީހުން ވަޅުލުމުގެ ކަންކަމުގައި އުޅެމުން އައި ޖަވާދު ބުނީ, އެ ދުވަހަށް ފަހު މިއަދާ ހަމައަށް ތަޖުރިބާ ކުރަން ޖެހިފައި ވަނީ ދުވަހަކުވެސް ފެންނާނެ ކަމަށް ހިތައްވެސް އެރި ދުވަސްތަކެއް ނޫން ކަމަށެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދު ވަމުން ދާ އިރު, ޖަވާދު ބުނީ, އެންމެ މަދުން ވަޅުލާން ޖެހޭ ދުވަހަކުވެސް 30 މީހުން ވަޅުލާން ޖެހޭ ކަމަށާއި އަދި އެއް ދުވަހެއްގައި 800 މީހުން ވަޅުލާންވެސް ޖެހިފައި ވާ ކަމަށެވެ.
އޭނާ ބުނީ, އެހާ ގިނަ ބަޔަކު ވަޅުލައި ހަދަމުން ދާ އިރު, ޝަހީދުވެފައި ތިބޭ މީހުންނަށް ވެފައި އޮންނަ ވަރު ފެނި ހިތަށް ކެތް ނުވާ ކަމަށާއި ރޭގަނޑުގެ ހަމަ ނިދި ނުލިބޭތާނގައި ރަނގަޅަށް ނުވެސް ކެވޭ ކަމަށެވެ.
"އެއީ ބިރުވެރި މަންޒަރުތަކެއް, އެ މަންޒަރުތައް އަހަރެންގެ ލޯމަތިން އަބަދާ އަބަދު ފެންނަ ފަދަ, ފިލާ ނުދޭ" އޭނާ ބުންޏެވެ.
އޭނާ ބުނީ ހަނގުރާމަ ފެށިފަހުން މިހާތަނަށް އެކު ޖުމްލަ 17,000 މީހަކު ވަޅުލާފައި ވާ ކަމަށެވެ. އެ އެންމެން ވަޅުލި ކޮންމެ ދުވަހަކީ އެމީހުންގެ އާއިލާގައި ދިރިތިބި މީހުން ގަބުރު ކައިރިއަށް އައިސް ގިސްލާ ރޮމުން ދިޔަ ދުވަހެއް ކަމަށާއި އެއީ އޭނާ އަށް އަސަރު ކުރުވާ ހިތްދަތި ދުވަސްތަކެއް ކަމަށެވެ.
ކޮންމެ ދުވަހެއްގެ ފަތިހު 6 އިން އިރުއޮއްސި 6 އަށް އެހެން ކަމެއް ކުރާން ވަގުތު ނުލިބޭ ކަމަށް ބުނަމުން ޖާވިދު ބުނީ, މީހުންގެ ކަފުން ތައްޔާރު ކޮށް, ވަޅު ކޮނެ, ޖަނާޒާގެ ކަންކަން އިސްވެ ހިންގުމުގައި މުޅި ދުވަސް ދާ އިރު ބައެއް ދުވަސް ދުވަހު ރޭގަނޑާ އެކުވެސް މަސައްކަތުގައި އުޅެން ޖެހޭ ކަމަށެވެ.
10 ކުދިންގެ ބައްޕަ އަދި 116 ކާފަދަރިން ތިބި ޖާވިދުގެ އަންބަކާއި އުމުރުން 104 އަހަރުގެ މަންމަވެސް ދުނިޔޭގައި އެބައިނެވެ.
ގާޒާގެ މެދުތެރޭގެ ދެއިރް އަލް ބަލާގެ ރެފިއުޖީ ކޭމްޕްގައި ދިރިއުޅެމުން އަންނަ ޖާވިދު ބުނީ, އޭނާގެ އެމަސައްކަތުގައި އެހީތެރިވެ ދެނީވެސް އިޒްރޭލުގެ އުދުވާނުގައި އާއިލާ ގެއްލިފައި ތިބި 4 މީހަކު ކަމަށެވެ. އަދި އެ އެންމެންވެސް އެ މަސައްކަތް ކޮށްދެނީ ހިލޭ ސާބަހަށް ކަމަށާއި, މީހުންގެ ޖަނާޒާގެ ކަންކަން ކޮށްދޭތީ އެކިއެކި ފަރާތްތަކުން ކާބޯތަކެއްޗާއި އެހީ ހުށަހެޅި ނަމަވެސް އެތަކެތީގައި ނުހިފާ ކަމަށެވެ.
ޖަވާދު ބުނީ, ހުސްވި ނޮވެމްބަރު މަހުގެ ތެރޭގައި ހަމަލާތައް ހުއްޓާލި ވަގުތުގައި އެއް ފަހަރާ 800 މީހުން ވަޅުލާން ޖެހުނު އިރު އެއީ ހިތް ފަޅަފަޅައިގެން ދިޔަ ވަގުތެއް ކަމަށާއި އެ 800 މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ތިބި އިރު އެ ކުދިންގެ ހަށީގަނޑުތައް ހުރީ ކުދިކުދި ވެފައި ކަމަށެވެ.
"ބައެއް ހަށިގަނޑުތައް ފެންނަން ހުރީ ފިހެފައި ހުރި އަލުވިތަކެއް ފަދައިން, އަނެއްބައި ހަށިގަނޑުތައް ހުރީ ކުދިކުދިވެސް ޗިސްޗިސް ވެފައި, އަނެއްބައި ކުދިންގެ ހަށިގަނޑުގައި ހުރީ ބޮޑެތި ލޯވަޅުތައް, ހީވަނީ އިޒްރޭލުގެ ސްނައިޕަރުން ބަޑިޖަހަން ފަރިތަ ކޮށްފައި ހުރިހެން" އޭނާ ބުނެފައި ވެއެވެ.
އިތުރަށް އޭނާ ބުނީ, ބައެއް މީހުންނަކީ ކޮންބައެއްކަން ވަކިކުރަންވެސް ނޭނގޭ ވަރަށް ޒަހަމްވެފައި ހުންނަ ކަމަށާއި ބައެއް ފަހަރު 30 ފޫޓުގެ ބޮޑެތި ވަޅުގަނޑުގަނޑު ކޮނެ އެންމެން އެއްކޮށް ވަޅުލާން ޖެހިފައި ވާ ކަމަށެވެ.
ޖަވާދު ބުނީ, އޭނާ ގަބޫލު ކުރަނީ މަރުވެ ދިޔަ އެންމެންނަކީ ވެސް ދިރިތިބި މީހުން ކަމަށާއި "މަރުވެފައި ތިބި ބަޔަކީ އެމީހުން ]ޖަވާދު[ މެން" ކަމަށެވެ. އެއީ, އެމީހުން މަޑުމަޑުން އެ ދަނީ މަރުވަމުން ކަމަށާއި އެ ހިތްދަތިކަމުގައި ފާއިތުވާ ކޮންމެ ދުވަހަކީ މަރާ ކައިރިވާ ދުވަހެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އޭނާ އިތުރަށް ބުނީ, އޭނާގެ ގެއަކީ މިހާރު ސަރަހާ ކަމަށާއި ވަޅުލާފައި ވާ މީހުންގެ އާއިލާގެ އެކިއެކި މެންބަރުން މަހާނަ ކައިރީ ގިސްލާ ރޯން ތިބޭ މަންޒަރުން އިތުރު ހިތްދަތިކަން ލިބުނަސް އެއީ ވަކިކުރެވެން ނެތް މިވަގުތު ހަގީގަތަށް ވެފައި ވާ ކަމަށެވެ.
އޭނާ ބުނީ, ކިތަންމެ ހިތްދަތިކަމެއް ލިބުނަސް އެ ހިދުމަތް ހުއްޓާލުމެއް ނެތް ކަމަށާއި އަދި ހުއްޓާ ނުވެސް ލެވޭނެ ކަމަށެވެ.
ނިންމާލަމުން އޭނާ ބުނީ, "ގަތުލު އާންމު ހުއްޓާލައި, އަހަރެމެންވެސް އަމާންކަމާއެކު ދިރިއުޅެން ބޭނުންވޭ, ހައިހޫނު ކަމާއި ހަނގުރާމަ އާ އެއްވަގުތަކު ކުރިމަތިލާކަށް ބޭނުމެއް ނޫން" ކަމަށެވެ.