މި ދުވަސްވަރު ފާނަބަސަންދު ޖެހޭ މިންވަރު އިތުރުވުމާ ގުޅިގެން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

ފާނަބަސަންދު ނުވަތަ ޗިކަންޕޮކްސް އަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އާންމު ގޮތެއްގައި މިބަލި ޖެހެނީ ކުޑަކުދިންނަށެވެ. އެހެންނަމަވެސް މިއީ ބޮޑެތި މީހުންނަށްވެސް ޖެހޭ ބައްޔެކެވެ.

ފާނަބަސަންދުގެ އަލާމާތްތައް

  • ހުން އައިސް، ނޭފަތުން ފެންއައުން
  • ގައިގައި ފެން ބިހިތަކެއް ނަގައި ވަރުދެރަވުން

ފާނަބަސަންދު ޖެހުމުން ގައިގައި ނަގާ ބިއްސަކީ ވަރަށް ގަދައަށް ހިރުވާ ބިހިތަކެކެވެ. މި ބިހިތައް ނެގުމަށްފަހު ދެތިން ދުވަސްތެރޭގައި ގައިގެ އެކި ތަންތަނަށް ފެތުރިދެއެވެ. އަދި އެހާ އަވަހަށް މި ބިހިތައް ފަޅައިގެންވެސް ދެއެވެ.

ފާނަބަސަންދަކީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިންވެސް ޖެހޭ ބައްޔަކަށް ވާއިރު ފާނަ ބަސަންދު ޖެހިގެން ފުރަތަމަ ދެދުވަހު ނޭފަތުން ފެންއައިސް ހުން އަންނަން ފަށައެވެ. އެހެންނަމަވެސް އެދުވަސްވަރު ހަށިގަނޑުން ބިހިނަގާކަށް ނުފަށާނެއެވެ. ބަލިމީހާ ކެއްސާ، ކިނބިހި އަޅާ ހަދާއިރު ކައިރީގައި ތިބޭ މީހުންނަށް އެބަލި ޖެހެއެވެ.

މީގެ އިތުރުން ބަލިމީހާގެ ގައިގައި ބިހިނަގަން ފެށުމުން އޭނާގެ ގައިގައި އަތްލުމުންނާއި އޭނާ ބޭނުންކޮށްފައި ހުންނަ ތައްޓާއި، ތުވާއްޔާއި އަންނައުނު ފަދަ ތަކެތި ބޭނުން ކުރުމުން ނުވަތަ ބީހުމުންވެސް މި ބަލި ޖެހެއެވެ. ގައިގައި ހުންނަ ބިހިތަކުގައި ކުރަމަގާލި ލާންދެން އެ ބަލި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފެތުރުމުގެ ފުރުސަތު އޮންނާނެއެވެ. އެއްފަހަރުވެސް މިބަލި ނުޖެހޭ މީހަކަށް ބަލިޖެހުމުގެ ފުރުސަތު ވަރަށް ބޮޑުއިރު، އެއްފަހަރު މި ބަލި ޖެހިފައިވާ މީހަކަށް ބަލިޖެހުމުގެ ފުރުސަތު އޮވެއެވެ.

މިބަލިން ރައްކާތެރިވުމަށްޓަކައި ބަލި ޖެހިފައިވާ މީހުންގެ ގެއަށް ޒިޔާރަތް ކުރުން ވަގުތީގޮތުން ހުއްޓާލަން ޖެހެއެވެ. ބަލިމީހާގެ ގައިގައި ނަގާފައިވާ ބިހިތަކުގައި ކުރަމަގާލި ލައި ރަނގަޅު ނުވަނީން އޭނާވެސް ބޭރަށް ނުކުމެގެން ނުވާނެއެވެ. ސްކޫލަށްދާ ކުއްޖެއްނަމަ ސްކޫލަށްވެސް ގޮސްގެން ނުވާނެއެވެ. ފާނަ ބަސަންދު ޖެހިފައިވާ މީހާ ނުވަތަ ކުއްޖާ، ގޭގެ އެހެން މީހުންނާ ވަކިކުރަން ވާނެއެވެ. އޭނާ ކާންބޯން ބޭނުންކުރާ ތަށިފަދަ ތަކެއްޗާއި ތުވާއްޔާއި އަންނައުނުވެސް ވަކިކޮށް އެހެން މީހުން އެއިން އެއްގޮތަކަށް ވެސް ބޭނުން ކޮށްގެން ނުވާނެއެވެ.