ގާޒާ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް އިންޑިއާގެ އެކި ސަރަހައްދުތަކުގައި ބޭއްވި 668 އެއްވުމެއްގައި މުސްލިމުންނާ މެދު ނަފްރަތު އުފައްދާ ވާހަކަ ދައްކާފައި ވާ ކަމަށް ރިސާޗް ގްޫޕަކުން ބުނެފިއެވެ.

އެމެރިކާގެ ވޮޝިންޓަންގައި ހުންނަ އިންޑިއާ ހޭޓް ލެބް (އައިއެޗްއެލް) ގެ ރިޕޯޓެއްގައި ބުނީ، ގާޒާ ހަނގުރާމަ އާ ގުޅިގެންނާއި އިންޑިއާގައި ކުރިއަށް އޮތް އާންމު އިންތިހާބާ ދިމާކޮށް ހިންގާ ކެމްޕެއިން ހަރަކާތްތަކުގައި މުސްލިމުންނާ މެދު ނަފްރަތު އުފައްދާ ވާހަކަ ދެއްކުން އިތުރު ވެފައި ވާ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކުހެން އެފަދަ 2 ހާދިސާއެއް ހިނގާ ކަމަށާއި ބާއްވާ ކޮންމެ 4 ރެލީ އަކުން 3 ރެލީއެއްގައި އެފަދަ ވާހަކަ ދައްކާ ކަމަށެވެ.

އެ ގްރޫޕުން ހަދާފައި ވާ ދިރާސާ އާންމު ކޮށް ބުނެފައި ވަނީ، މުޅި އިންޑިއާގައި ބީޖޭޕީގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި، މުސްލިމުންނާ މެދު ނަފްރަތު އުފައްދާ ވާހަކަ ދެއްކުން އިތުރު ވެފައި ވާ ކަމަށާއި އެގޮތުން މިހާތަނަށް ހިނގި ހާދިސާތަކުގެ 75 ޕަސެންޓް ހިނގާފައި ވަނީ ބީޖޭޕީގެ ބާރު އޮންނަ ސަރަހައްދުތަކުގައި ކަމަށެވެ.

އައިއެޗްއެލް އިން ބުނީ، ކެމްޕެއިންތަކުގައި ނަފްރަތު އުފައްދަން ވާހަކަ ދައްކާ މީހުން ގެންގުޅޭ އެއް ޝިއާރަކީ އިޒްރޭލުން ހިންގާ ޖަރީމާ ޖާއިޒު ކަމަށް ދެއްކުމާއެކު އިންޑިއާގެ ހިންދޫންނަށް މުސްލިމުންގެ ފަރާތުން ޖެހިފައި ވަނީ ފަލަސްތީނުގެ މުސްލިމުންގެ ފަރާތުން އިޒްރޭލަށް ޖެހިފައިވާ ފަދަ 'ދުއްތުރާލެއް' ކަމަށެވެ. އެކަމެއްގައި އިންޑިއާ އޮންނަތާ 1400 އަހަރު ވެއްޖެ ކަމަށާއި އިޒްރޭލުން ފަލަސްތީނަށް ހަދަމުން ދަނީ ރަނގަޅަށް ކަމަށް ބުނަމުން ގެންދާ ކަމަށެވެ.

އިންޑިއާގައި ބީޖޭޕީގެ ކޮންޓްރޯލް ނޯންނަ ބައެއް ސަރަހައްދުތަކުގައި ވެސް ނަފްރަތު އުފެއްދުމުގެ މިފަދަ ވާހަކަތައް ހިމެނޭ އިވެންޓްތައް ބާއްވާފައި ވާ ކަމަށް އައިއެޗްއެލް އިން ބުނެއެވެ. އެގޮތުން ކޮންގްރެސް ޕާޓީގެ ކޮންޓްރޯލް އޮންނަ ނުވަތަ ބާރުގަދަ ސަރަހައްދުތަކުގައި ވެސް މިފަދަ އިވެންޓްތައް ބާއްވާފައި ވާކަމަށް ބުނެފައި ވެއެވެ.

އިންޑިއާގެ 18 ސްޓޭޓޭއްގައި މިފަދަ 668 އިވެންޓް ބާއްވާފައި ވާ އިރު 118 އިވެންޓެއް ބާއްވާފައި ވަނީ މަހާރާޝްތްރަ ސްޓޭޓްގައެވެ. އުއްތަރް ޕްރަދޭޝްގައި 104، އަދި މަދްޔަ ޕްރަދޭޝް ގައި ބޭއްވި 65 އިވެންޓެއްގައި މިފަދަ ހާދިސާތައް ވަނީ ހިނގާފައެވެ.

މިއީ އިންޑިއާގެ އިންތިހާބުތަކުގައި ވޯޓުލާ އާބާދީ އެންމެ ބޮޑު 3 ސަރަހައްދު ކަމަށް ވާއިރު މިއީ ބީޖޭޕީގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކެވެ.

ގާޒާ ހަނގުރާމަ އާ ގުޅިގެން ނުރަގަނޅު މައުލޫމާތު ފެތުރުމުގައި ވެސް އިންޑިއާ ފާހަގަ ވެފައި ވަނީ ދުނިޔޭގެ އެންމެ ކުރީގައި އޮތް ކަމަށެވެ. އައިއެޗްއެލް އިން ބުނީ، މިފަދަ ނުރަގަނޅު މައުލޫމާތު [ދޮގު މައުލޫމާތު] ފަތުރައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުން ހަމަނުޖެހުން ހިނގައި މީހުން މަރުވެފައި ވެސް ވާކަމަށާއި އެގޮތުން އިންޑިއާގެ ނޫހުގައި އެތައްހާސް ވެހިކަލަކާއި އިމާރަތްތަކެއްގައި ހުޅުޖާ ހިންގި ހަމަނުޖެހުމެއްގައި 7 މީހަކު މަރުވެ 70 މީހަކު ޒަހަމްވެފައި ވާ ކަމަށެވެ. އަދި ހަލްދަވާނީގައި ހިނގި ހަމަނުޖެހުމެއްގައި 5 މީހަކު މަރުވެފައި ވެއެވެ.

ނަފްރަތު އުފެއްދުމުގެ ރޫހެއް އިންޑިއާގައި ކުރިއަށް ދާއިރު މުސްލިމުން އަޅުކަން ކުރާ މިސްކިތްތަކަށް އަމާޒު ކޮށް އެތަންތަނުގެ ހުރުމަތް ކަނޑާލުމާއި، ގެއްލުން ދިނުމުގެ ހަރަކާތްތަކެއްވެސް ދަނީ ހިނގަމުންނެވެ.

އިންޑިއާގައި ހިނގާ މިފަދަ ކަންކަމާ ގުޅޭ މައުލޫމާތު ފަތުރާތީ އައިއެޗްއެލްގެ ވެބްސައިޓާއި އެ ޖަމާއަތުގެ ފައުންޑަރު ހިންގާ 'ދަ ހިންދުތުވާ' ސައިޓު ވަނީ ނުވަދެވޭ ގޮތަށް އިންޑިއާގައި ބްލޮކްވެސް ކޮށްފައެވެ.