އިންޑިއާ ސިފައިންގެ ބަދަލުގައި އެ ގައުމުން އަންނަ ފުރަތަމަ ޓީމު ރާއްޖެ އަތުވެއްޖެއެވެ.

އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތުގެ އެންމެފަހުގެ އަޕްޑޭޓް ހިއްސާ ކުރުމަށް ދިފެންސް މިނިސްތްރީން ނެރުނު ބަޔާނެއްގައި ބުނީ، ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ގާއިމްވެގެން ތިބުމަކީ ދިވެހިން އެދޭ ކަމެއް ނޫންކަން ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަށާއި ރާއްޖޭގައި ގާއިމްކޮށްފައިވާ އިންޑިއާގެ 3 އޭވިއޭޝަން ޕްލެޓްފޯމްގެ ތެރެއިން 1 ޕްލެޓްފޯމްގައި ތިބި އިންޑިއާ ސިފައިން 10 މާޗްގައި ފޮނުވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

އެ ގޮތުން ސ. ގަމުގައި ސްޓޭޝަން ކުރެވިފައިވާ ހެލިކޮޕްޓަރު ދުއްވުމަށް މިހާރު އައްޑޫގައި ތިބި ސިފައިންގެ ބަދަލުގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން އަންނަ ސިވިލިއަން ކްރޫ މިއަދު ރާއްޖެ އައިސްފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

މިއަދު ހަވީރު ރާއްޖެއަށް އައި މި ޓީމް މިރޭގެ ވަގުތެއްގައި އައްޑުއަށް ދާނެ ކަމަށާއި އެ ހިސާބުން މަސައްކަތްތައް ހަވާލުކުރުމާއި ބަދަލު ކުރުމުގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް އެތަނުގައި ތިބި ސިފައިން ފޮނުވާލެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

އައްޑޫގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތުގެ ތެރެއިން އެތަނުގައި ސްޓޭޝަންކޮށްފައިވާ ހެލިކަޕްޓަރެއް މަރާމާތު ކުރުމަށް އިންޑިއާއަށް ފޮނުވާލުމަށް މާދަމާގެ ވަގުތެއްގައި ޓެސްޓް ފްލައިޓްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް ޑިފެންސުން ބުނެއެވެ. އެ ހެލިކޮޕްޓަރު ގެންދިއުމުން އޭގެ ބަދަލުގައި ގެންނަ ހެލިކަޕްޓަރު ހިފައިގެން އަންނަ މަނަވަރު އަންނަ ބުދަ ދުވަހު އައްޑުއަށް ދާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ލ. ކައްދޫ އާއި، ހދ. ހަނިމާދޫގައި ސްޓޭޝަން ކޮށްފައިވާ 2 ޕްލެޓްފޯމްގައި ތިބި އިންޑިއާ ސިފައިން 10 މެއިގެ ކުރިން ފޮނުވާލުމުގެ ކަންކަން އޮމާންކަމާއެކު ފުރިހަމަ ކޟާއެކު ނިންމާލުމަށް މަޝްވަރާ ކުރަން ޖެހޭ ކަންކަން ދަނީ މަޝްވަރާ ކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.