ހަގީގީ ބާރުވެރި ކަމަކީ މާލީ ގޮތުން ކައުންސިލްތަކަށް ލިބޭ ބާރުވެރިކަންކަމުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައިސުލްޖުމްހޫރިއްޔާ ބޮޑު ތިލަދުންމައްޗަށް ކުރައްވާ ދަތުރުފުޅުގައި ހއ. ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ތާރީހުގައިވެސް ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި މިހާރު މަސައްކަތް ކޮށްފައިވާ ވަރަށް ކުރާނެ ވެރިއެއް މިހާތަނަށް އެއްވެސް ކައުންސިލަކަށް ފެނިފައި ނޯންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ހަގީގީ ބާރުވެރި ކަމަކީ މާލީ ގޮތުން ކައުންސިލްތަކަށް ލިބޭ ބާރުވެރިކަން ކަމުގައި ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ގާނޫނީ ތަރަހައިގެ ތެރެއިން ކޮންމެ ކައުންސިލަކަށް ވެސް ބޭނުންވާނަމަ، ފަޅުރަށެއް ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށެވެ.

ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތީ ގައުމު އަރަގުވެގެންދާ ހިސާބުގައިކަން ފާހަގަކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސް މަސައްކަތްކުރައްވަމުން ގެންދަވަނީ އިގްތިސާދު ރަނގަޅުކުރުމަށް ކަމަށެވެ.

މި ވެރިކަން ފެށިގެން މިހާ ހިސާބަށް އައި އިރު އިދިކޮޅު ފަރާތްތަކަށް އެއްވެސް އުދަގުލެއްކޮށްފިނުވާއިރުވެސް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުއަށް އެތައް އުދުގޫތައްކޮށް، ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް އެ މަނިކުފާނު މަސައްކަތްކުރައްވަނީ ކެތްތެރިކަމާއެކުގައި ކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވަނީ އެމަނިކުފާނުގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް އެއްބާރުލުންދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ.