ޗައިނާގެ ޖާސޫސީ އުޅަނދު ޝިއާންގް ޔަންގް ހޮންގް 3، ރާއްޖެއަށް އަންނާތީ އިންޑިއާއިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެ ބޯޓު މާލޭގައި ބަނދަރު ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.
ތުލުސްދޫއާ ދިމާ ބޭރުގައި އެ ބޯޓު މިހާރު އޮތް އިރު މާލެއާ ހަމައަށް ފޯރާނެ ވަގުތު އިންޑިއާއިން ބަދަލުން ދާ އިރު އެ ގައުމުން ބުނެފައި ވަނީ އެ އުޅަނދުގެ ހުރިހާ ކަމެއް ބަލާނެ ކަމަށާއި އެއީ ކަނޑު އަޑި ސްކޭން ކުރުމުގެ ގާބިލުކަން ހުރި ބޯޓެއް ކަމަށާއި އަސްކަރީ ހަރަކާތްތަކެއް ހިންގުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެ ބޯޓުން އެއްކުރާ މައުލޫމާތުގެ އަލީގައި އިންޑިއާ ކަނޑުގައި ސަބްމެރީން ފަދަ އުޅަނދުތައް ދުއްވުމުގައި ޗައިނާއަށް މަގު އަލިވާނެ ކަމަށާއި އެއީ ބަލައިގަންނާނޭ ކަމެއް ނޫން ކަމަށް ބުނެފައި ވެއެވެ.
މި އުޅަނދު މީގެ ކުރިން 2 ފަހަރަކު ލަންކާގައި ބަނދަރު ކޮށްފައި ވާ އިރު، ރާއްޖެއަށް އައި މިދަތުރުގެ ކުރިންވެސް ދާން އޮތީ ލަންކާއަށެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ނުރުހޭތީ މިފަހަރު އެ އުޅަނދަށް ލަންކާއިން ހުއްދަ ނުދިނުމުން މިސްރާބު ބަދަލުކޮށް ދިވެހި ސަރުކާރުން ހުއްދަ ހޯދައިގެން ރާއްޖެ ވަނީއެވެ.
އެ އުޅަނދު އަންނާތީ އާއި ރާއްޖެ އާއި ޗައިނާގެ ގުޅުން ބަދަހި ވަމުން ދާ މައްސަލައިގައި އިންޑިއާ އާއި ރާއްޖެ އާ ދެމެދު ސިޔާސީ ނުތަނަވަސްކަން އުފެދިފައި ވާ އިރު، އިންޑިއާ އިން ވަނީ، ރާއްޖެ އާއި އިންޑިއާ ގުޅޭ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ރާއްޖޭގެ 3 އުޅަނދަކަށް ވެސް އަރާފައެވެ.
ބަޑި ހިފައިގެން ތިބި އިންޑިއާގެ ސިފައިން އެއުޅަނދުތަކަށް އަރާ، މަސްވެރިންނަށް ބިރު ދެއްކި ކަމަށް ބޮޑުކަންނެލި ޔޫނިއަނުން މަސްވެރިންނާ ހަވާލާދީ މީގެ ކުރިން ބުނެފައި ވެއެވެ. އަދި އެ މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ކޮށް، އިންޑިއާއިން އެކަން ކުރި ސަބަބު އޮޅުން ފިލުވަން ރަސްމީކޮށް އެދުމުން، އެކަމުގެ ޖަވާބު ދިވެހި ސަރުކާރަށް ދީފައި ވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެފައި ވެއެވެ.
މި އުޅަނދާ ގުޅޭގޮތުން ދިވެހި ސަރުކާރުން ބުނެފައި ވަނީ، އެ އުޅަނދު ރާއްޖެ ވަނަސް ރިސާޗް ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ.
މި މައްސަލައިގައި ޗައިނާއިން ވެސް ވާހަކަ ދައްކާފައި ވެއެވެ. އެ ގައުމުން ބުނެފައި ވަނީ، އިންޑިއާ ކަނޑަކީ ހަމައެކަނި އިންޑިއާގެ ތަނެއް ނޫން ކަމަށާއި، އެހެން އުޅަނދުތައް ދަތުރުފަތުރު ކުރާ ގޮތަށް އަދި އެކިއެކި ބަދނަރުތަކަށް ޖައްސާ ތެޔޮ އަޅާ ހަދާ ގޮތަށް ޗައިނާގެ އުޅަނދުވެސް ބަނދަރުކޮށް ހަދާނެ ކަމަށެވެ.
މި އުޅަނދު ޗައިނާއިން ނައްޓާލީންސުރެ އިންޑިއާއިން ފާރަލަމުން ދިޔަ އިރު، މި އުޅަނދު ވަނީ އިންޑިއާ، ލަންކާ އަދި ރާއްޖެ ނުފޯރާ ހިސާބުގެ ބައިނަލްއަގުވާމީ ސަރަހައްދުގައި ދިރާސާތަކެއް ކޮށްފައެވެ.