ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އިން ހަރަދު ކުރެވޭނީ ވަކި އުސޫލެއްގެ ދަށުން ކަމަށް ސަރުކާރުން މިއަދު މަޖިލީހަށް ފޮނުވި އެސްޑީއެފް ބިލުގައި ހިމަނައިފިއެވެ.
އެ ބިލު މިއަދު މަޖިލީހަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އެވެ. ބިލުގައިވާ ގޮތުން ސޮވަރިން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވޭނީ އެ ގާނޫނުގައި ކަނޑައަޅާ ގޮތުގެ މަތިން، ގަވަނިން ކައުންސިލްގެ ލަފަޔާ އެކު ރައީސްގެ ހުއްދަ ލިބިގެންނެވެ. އަދި ފަންޑަށް ޖަމާވާ އާމްދަނީ ބަޖެޓުގައި ހިމަނަން ޖެހޭނެ ކަމަށާއި އެއްވެސް ހަރަދެއް ކުރަންވާނީ ވެސް ބަޖެޓުގައި ހިމަނައިގެން ކަމަށް ބިލުގައި ބުނެފައި ވެއެވެ.
ސޮވަރިން ފަންޑަށް ޖަމާކުރެވޭ 4 ބާވަތެއްގެ ފައިސާ ވަނީ އެކުލަވާލާފައެވެ. އެގޮތުން ސޮވަރިން ގެރެންޓީ ފީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ދައްކާ ޑިވިޑެންޑްގެ 10 ޕަސެންޓުގެ އިތުރުން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބޭ ފައިސާ އަދި ގަވަނިން ކައުންސިލްގެ ލަފާގެ މަތިން ފަންޑަށް ޖަމާކުރަން ރައީސް ކަނޑައަޅުއްވާ އެހެނިހެން ފައިސާ ހިމެނެއެވެ.
ސޮވަރިން ފަންޑުން ހަރަދުކުރެވޭނެ ބޭނުންތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައި ވަނީ ގައުމަށް ކުރިމަތިވާ އާދަޔާހިލާފު އިގްތިސާދީ ލޮޅުމަކުން އަރައިގަތުމަށް ބަޖެޓު ޑެފިސިޓަށް ބޭނުންވާ ފައިސާ ހަމަޖައްސެމުގެ އިތުރުން ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓުން ދަރަނި ދެއްކެން ނެތް ހާލަތުގައި ދަރަނި އަދާކުރުމަށެވެ.
އަދި ހަމައެހެންމެ އެ ފަންޑުގެ އަހަރީ ރިޕޯޓެއް ތައްޔާރުކުރުމުގެ އިތުރުން ކޮންމެ ތިން މަހުން އެއް ފަހަރު ފަންޑުގެ ރިޕޯޓެއް އެ އޮފީހުގެ ސީއީއޯ ގަވަނިން ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ. އަދި މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ސޮވަރިން ފަންޑު ބަލަހައްޓަން 'ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް އެޑްމިނިސްޓްރޭޝަން އޮފީސް'ގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އޮފީހެއް އުފެއްދުމަށް ވަނީ ހިމަނާފައެވެ.
މި ފަންޑު އުވާލެވޭނީ، ގަވަނިން ކައުންސިލްގެ ލަފަޔާ އެކު ރައީސް އެ ގޮތަށް ނިންމަވާ ހާލަތްތަކުގައި، މަޖިލީހުގެ ރުހުމާއެކުއެވެ. އަދި އެފަދަ ހާލަތެއްގައި ފަންޑުގައި ހުރި ފައިސާ ޖަމާކުރާނީ ދައުލަތުގެ ބަޖެޓަށެވެ.
އެސްޑީއެފްއަކީ ހާއްސަކޮށް ލޯނު ދެއްކުމަށް 2015 ވަނަ އަހަރު ތައާރަފު ކުރި ސޭވިން ފަންޑެކެވެ. 2018 ނިމުނު އިރު އެ ފްންޑުގައި 250 މިލިއަން ޑޮލަރު ހުއްޓެވެ. އެސްޑީއެފް އުފެއްދުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުން ނަގާފައިވާ ލޯނުތައް ދެއްކޭނެ މަގު ފަހިކުރުމެވެ.