ގާޒާއަށް އެހީ ހިފައިގެން ވަންނަ ޓްރަކްތަކަށް އިޒްރޭލުގެ ސިފައިންނާއި އިޒްރޭލުގެ އާންމުން ހުރަސް އެޅުމުގެ މައްސަލަ ބޮޑުވެފައި ވާއިރު، އެހީއައިގެން ވަދެވޭ ޓްރަކުތަކަށް ގާޒާގެ ރައްޔިތުން އަރައިގަންނާތީ ހާސްކަން ބޮޑުވެ އެހީގެ ޕްރޮގްރާމު ހުއްޓުމަކަށް އަތުވެއްޖެއެވެ.
ވޯލްޑް ފްޑް ޕްރޮގްރާމުގެ ފަރާތުން ގާޒާއަށް ފޯރުކޮށްދޭ ކާއެތިކޮޅަކީ ރަފާގައި މިވަގުތު ތިބި 1.4 މިލިއަން މީހުންނަށް އެއްގޮތަކަށް ވެސް ފުދޭ މިންވަރަކަށް ނުވި ނަމަވެސް އެހީއައިގެން ވަންނަ ޓްރަކަކަށް މިހާރު ސަލާމަތްތެރިކަމެއް ނެތެވެ. އެ ޕްރޮގްރާމުގެ ފަރާތުން ބުނީ، ގޮސް ހުސްވެ ހާންތިވެފައި ތިބި ރައްޔިތުންނަށް މިވަގުތު މަޖުބޫރުވެފައި ވަނީ ކޮންމެ ގޮތަކުންވެސް ކާއެތިކޮޅު ހޯދަން ކަމަށާއި އެހީގެ ޓްރަކްތަކަށް އެމީހުން އަރައިގަންނަމުން ދާ ކަމަށެވެ.
އެއްވެސް ހަމައެއް ހަމަޖެހުމެއް މިވަގުތު ނެތް ކަމަށާއި މަސްލަހަތު ގެއްލި، އެމީހަކާ އެމީހަކު ސަލާމަތް ހޯދަން އުޅެގަންނަމުން ދާ އިރު އެއީ އެ ޕްރްރޮގްރާމުގެ މުވައްޒަފުންގެ ފުރާނައަށް ވެސް ނުރައްކާވާ ހާލަތެއް ކަމަށެވެ. އަދި އެމީހުންގެ ސްޓާފުންނާ ދިމާއަށް އާންމުން ދުވެ ފަހާ ހަދާ ކަމަށާއި އަރައިގަނެ އަދި ބައެއް ފަހަރު ބަޑިން ބިރުދައްކާ ކަމަށް ވެސް ބުނެއެވެ.
އެހެން ކަމުން މިވަގުތަށް އެހީ ފޯރުކޮށްދިނުން މަޑުޖައްސާލަން މަޖުބޫރު ވެއްޖެ ކަމަށް އެޖަމާއަތުން ވަނީ ބުނެފައެވެ.
އިޒްރޭލުން ގާޒާ ހަނގުރާމަ ފަށާ، ގާޒާގެ އުތުރުން މީހުން ބާލަން ފެށުމުން ގިނަ ބަޔަކު ތިބީ ގޮސް ގާޒާގެ ދެކުނުގައެވެ. ދެވޭނެ ގޮތެއް ނެތި ތިބި މީހުންނާއި އަދި ގެދޮރު ދޫކޮށް ނުދިޔަ 300،000 އެއްހާ މީހުން ގާޒާގެ އުތުރުގައި ތިބި އިރު އެމީހުންނަށް ކާއެތިކޮޅެއް ލިބެމުން ދިޔައީ އދ ގެ އިދާރާ އަންރުވާ (ޔޫއެންޑްބްލިޔުއާރު) ގެ ފަރާތުން ފޯރުކޮށްދެމުން ދިޔަ އެތިކޮޅެކެވެ. އެ އެތިކޮޅުވެސް ގާޒާގެ އުތުރަށް ފޯރަނީ އިޒްރޭލުން ދާން ހުއްދަ ދިނީމައި ކަމަށް ވާއިރު ގިނަ ބަޔަކު އެތާނގައި ވެސް ތިބީ ބަނޑަށެވެ.
އުތުރުން ފަހާލުމުން ދެކުނުގެ ރަފާ ކޭމްޕްގައި 1.4 މިލިއަން މީހުން މިހާރު ތިބި އިރު އެމީހުނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭހާއި ބޯފެނެއްވެސް ނުލިބެއެވެ.
ޑަބްލިއުއެފްޕީ އިން ބުނީ، އެމީހުންގެ ޕްރޮގްރާމް މަޑުޖައްސާލި ނަމަވެސް މި ހަފްތާ ބަންދުގައި އަލުން އޮޕަރޭޝަން ފަށާ ދުވާލަކު މަދުވެގެން 10 ވަރަކަށް ލޮރީގެ ސާމާނު ފޮނުވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
އެ ޖަމާއަތުން ބުނީ، ހުސްވި ހަފްތާގައި ވާދީ ގާޒާ ޗެކްޕޮއިންޓުން އެ ޖަމާއަތާ ކުރިމަތިލާން ޖެހުނީ ބަނޑުހައިވެފައި ތިބި ބަޔަކާ ކަމަށާއި އެމީހުން ލޮރީތަކަށް އަރައިގަނެ ލޫޓުވާ، ބަޑިޖަހާފައި ވާ ކަމަށެވެ.
އަދި ހާން ޔޫނިސް އާއި ދައިރް އަލް ބަލާ އާ ދެމެދުން ދަތުރުކުރި ލޮރީތައްވެސް ލޫޓުވާ، ލޮރީގެ ޑްރައިވަރަކަށް އަނިޔާ ކޮށްފައި ވާކަމަށް ވެސް އެޖަމާއަތުން ބުނެފައި ވެއެވެ.