އިޒްރޭލުން ގާޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި "މާގިނައިން މީހުން މަރުވެއްޖެ ކަމަށާއި ހަމަލާތައް ހުއްޓާލުމަށް" އިނގިރޭސި ޝާހީ ހާންދާނުގެ ޕްރިންސް ވިލިއަމް ގޮވާލައްވައިފިއެވެ.
ޕްރިންސް ވިދާޅުވީ ގާޒާއަށް މިވަގުތު އިންސާނީ އެހީ ކޮންހެންވެސް ބޭނުންވާ ކަމަށާއި ރަހީނު ކޮށްފައި ތިބި މީހުން މިނިވަން ކުރަންވެސް ޖެހޭ ކަމަށެވެ.
ޕްރިންސް މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ، ފަލަސްތީނުގައި ތިބި ރެޑް ކްރެސެންޓުގެ މީހުންނާ ވީޑިއޯ މެދުވެރިކޮށް ބޭއްވި ބައްދަލުވުމަކަށް ފަހު އެމީހުންގެ ފަރާތުން ގާޒާގެ ހާލަތު ޕްރިންސަށް އޮޅުންފިލުވައި ދިނުމުންނެވެ.
އެމީހުން ޕްރިންސަށް ބައެއް މަންޒަރުތަކާއި ފޮޓޯ ދެއްކުމުގެ އިތުރުން ބުނެފައި ވަނީ، ބޭހާއި، ކާބޯތަކެއްޗާއި ތެލެއް ނެތް ކަމަށާއި ގާޒާ ސަހަރާއަކަށް ބަދަލުވަމުން ދާ ކަމަށެވެ. އަދި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ބޮދެތި ގޮންޖެހުންތައް ކުރިމަތިވަމުން ދާ ކަމަށާއި ހައިހޫނު ކަމުގައި ތިބި އާންމުން، އެހީގެ ތަކެތި ހޯދަން އަރައިގަތުމުގެ އިތުރުން ލޫޓުވަމުންވެސް ގެންދާ ކަމަށެވެ.
ރެޑް ކްރެސެންޓުން ބުނީ، "އެއީ ހައިވެފައި ތިބި ބައެއް، އެމީހުން އެދަނީ ބަނޑަށް މަރުވަމުން، މުޅި ގާޒާ ސަހަރާއަކަށް ބަދަލުވުމުގެ ބިރު އެބައޮތް" ކަމަށެވެ.
ހަމާސްގެ އަތްދަށުގައި ތިބި ރަހީނުން މިނިވަން ކުރުމަށްޓަކައި މަސައްކަތް ކުރުމަށް އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމަށް ވެސް އެމީހުން ޕްރިންސަށް ދަންނަވާފައި ވެއެވެ.
"މިހާރު ދިމާވެފައި ވާ އިންސާނި ކާރިސާގައި އަގު އަދާ ކުރަން ޖެހިފައި ވާ ބަޔަކީ އާންމު ރައްޔިތުން" ހާލަތު ބަޔާންކޮށްދެމުން ރެޑް ކްރެސެންތްގެ ޗީފް ބެތްރީސް ބުޝަނާ ސިޓާ ވިދާޅުވިއެވެ.
އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ބަދަލު ހިފަން އިޒްރޭލުން ގާޒާއަށް ބޮން އަޅަން ފެށިތާ މި ވީ މުއްދަތުގެ ތެރޭގައި 29،000 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. ޒަހަމްކޮށްލި މީހުންގެ އަދަދު 65،000 އިން މައްޗަށް އަރާފައި ވާ އިރު، ބަރުހަތިޔާރާއެކު ފަލަސްތީނުގެ އެކި އަވަށްތަކަށް އަރާ ގަދަބާރުން ހައްޔަރު ކޮށްގެން ގެންގޮސް އިޒްރޭލުގެ ޖަލުތަކަށް ލައިފައި ވާ މީހުންގެ އަދަދުވެސް 8000 އަށް ވަނި އަރާފައެވެ.
ޕްރިންސްގެ މި ވާހަކައަކަށް އިނގިރޭސި ސަރުކާރުން މަރުހަބާ ކިޔައި ބޮޑުވަޒީރު ރިޝީ ސޫނަކް ވިދާޅުވީ، ސަރުކާރުންވެސް އެދެނީ ހަނގުރާމަ އަވަހަށް ނިމެން ކަމަށެވެ.
ޕްރިންސްގެ ވާހަކައަށް އިޒްރޭލުންވެސް ރައްދު ދީފައި ވެއެވެ. ބުނެފައި ވަނީ، ޕްރިންސް އެދިވަޑައިގަތް ގޮތަށް އިޒްރޭލުންވެސް ބޭނުންވަނީ ހަނގުރާމަ އަވަހަށް ނިމެން ކަމަށާއި އެކަން ހާސިލުވާނީ ހަމާސްގެ އަތްދަށުގައި ތިބި 134 ރަހީނުން މިނިވަން ކުރުމާއެކު ހަމާސް ނައްތާލެވިގެން ކަމަށެވެ.