މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭނަމަ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ގއ. ކޫއްޑޫގައި އިހުތިޖާޖު ކުރަމުންދާ މަސްވެރިން ދީފިއެެވެ.
މަސްވެރިން ބާނާ މަހަށްވާ ފައިސާ ނުދޭ ކަމަށްބުނެ ކޫއްޑޫގައި މަސްވެރިން ދަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އިހުތިޖާޖު ކުރަމުންނެވެ.
ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ މަސްވެރިން ކޫއްޑޫގެ އިންޖީނުގެއަށް ވަދެ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ. އަދި އިހުތިޖާޖުގެ ބައިވެރިވެރިން ކައިރީ ފުލުހުން ހަރަކާތްތެރިވަމުންދާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
އިހުތިޖާޖުގެ ބައިވެރިން ގޮވާލަމުންދަނީ އެމީހުންނަށް ނުލިބި ހުރި ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށެވެ. މީގެ އިތުރުން މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބުމުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދާނެ ގޮތެއް ނެތްކަމަށް ބުނެ އިހުތިޖާޖުގެ ބައިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދާއިރު މިކަމުގައި ސަރުކާރުން ވަކި ގޮތެއް ނުނިންމަނީސް އިހްތިޖާޖު ހުއްޓާނުލާނެ ކަމަށް މަސްވެރިން ވަނީ ބުނެފައެވެ.
ކޫއްޑޫގައި ކުރަމުންދާ އިހުތިޖާޖުގެ ބައިވެރިންނާ ބައްދަލު ކުރުމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ އާދީއްތަ ދުވަހު އެ ރަށަށް ވަޑައިގެންފައެވެ. ޝިޔާމް ވިދާޅުވީ ސަރުކާރު ބަދަލުވީ އިރު މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 250 ވަރަކަށް މިލިޔަން ރުފިޔާ ނުދީ އޮތް ކަމަށާއި މިހާރު ނުދެވިހުރި ޖުމްލަ 280 މިލިޔަން ރުފިޔާގެ ބެކްލޮގު އެއްކޮށް މާޗު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ދައްކާ ނިންމާނެ ކަމަށެވެ.
މަސްވެރިން ބާނާ މަހަށްވާ ފައިސާ ނުދޭ ކަމަށް ބުނެ އައްޑޫ ޕިޝަރީސް ކޮމްޕްލެކްސް (އޭއެފްސީ)ގައި ވެސް މަސްވެރިން ވަނީ އިހުތިޖާޖު އިއްޔެ އިހުތިޖާޖު ކޮށްފައެވެ. އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އިއްޔެ މެންދުރުފަހު ފެށި އެ އިހުތިޖާޖުގައި އެ ސިޓީގެ ގިނަ އަދަދެއްގެ މަސްވެރިން ވަނީ ބައިވެރިވެފައެވެ.
މަސްވެރިން ބާނާ މަހަށްވާ ފައިސާ ނުލިބި ގިނަ ދުވަސްވުމުން މީގެ ކުރިންވެސް މަސްވެރިން އިހުތިޖާޖު ކޮށްފައި ވެއެވެ. އަދި އެފަދަ މީހުންގެ ކަންބޮޑުވުންތައް އައްސަވާ، ރައީސް ވަނީ ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހަމަޖައްސާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.