ގއ. ކޫއްޑޫގައި މާދަމާ ވެސް އިހުތިޖާޖު ކުރާނެ ކަމަށާއި މާދަމާ ބަނޑުހައި ހޫނުކަމުގެ ހަލުތާލެއް ކުރަން ނިންމާފައިވާ ކަަމަށް އިހުތިޖާޖުގައި ބައިވެރިވާ މަސްވެރިން ބުނެފިއެވެ.
މި އިހްތިޖާޖުގައި ބައިވެރިވި މަސްވެރިއަކު ބުނި ގޮތުގައި މިއަދު ވެސް ކޫއްޑޫގައި މަސްވެރިން ވަނީ އިހުތިޖާޖު ކޮށްފައެވެ. ކޫއްޑޫގައި މަސްވެރިން އިހުތިޖާޖު ކޮށްފައިވާ އިރު މިއަދު މަސްވެރިން ތިބީ މިފްކޯގެ ސީއީއޯއާ ބައްދަލުކޮށް ސީއީއޯގެ ބަހެއް ހޯދާށެވެ.
މަސްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ މަސްވެރިންނާ ބާނާ މަހަށް ލިބެން ޖެހޭ ފައިސާ ނުލިބި ލަސްވެ ދިގުލައިގެން ދިއުމެވެ. މިކަމުގެ ސަބަބުން ދިރިއުޅުމުގެ ކަންކަން ބަލަހައްޓަން ބޭނުންވާ ފައިސާ ނުލިބި ލަސްވެ ވަރަށް ދަތި ހާލުގައި އުޅެން ޖެހޭ ކަމަށް މަސްވެރިން ބުނެއެވެ.
އެހެންކަމުން މާދަމާ ވެސް އިހުތިޖާޖު ކުރާނެ ކަމަށާއި މާދަމާ ކުރިއަށް ގެންދާނީ ބަނޑުހައިހޫނު ކަމުގެ ހަލުތާލެއް ކަމަށް މަސްވެރިން ބުނެއެވެ. އަދި މަސްވެރިންނަށް ފައިސާ ލިބެން ދެން އިހުތިޖާޖު ކުރުން ނުހުއްޓާ ކުރިއަށް ގެންދާނެ ކަމަށް ވެސް މަސްވެރިން ބުނެއެވެ.
ކޫއްޑޫގައި މަސްވެރިން އިހުތިޖާޖު ކުރަމުން އަންނަ އިރު، އައްޔެ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރި ދަތުރުފުޅުގައި ވަނީ މަސްވެރިންނަށް ފައިސާ ދޭން ނިންމާފައިވާ ކަން އިއުލާން ކުރައްވާފައެވެ. އެގޮތުން މަސްވެރިންނަށް ދޭން ޖެހޭ 300 މިލިއަނެއްހާ ރުފިޔާ އަންނަ ރޯދަ މަހުގެ ކުރިން ދޭނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މަސްވެރިންނަށް ފައިސާ ނުދޭ މައްސަލައަކީ މި ސަރުކާރު އައި ފަހުން ވާ ކަމެއް ނޫން ކަމަށާއި މި ސަރުކާރު ވެރިކަމަށް އައި އިރު ވެސް 260 މިލިއަނެއްހާ ރުފިޔާ ނުދީ އޮތް ކަން މުއިއްޒު ވަނީ ފާހަގަ ކުރައްވާފައެވެ.
އެގޮތުން ވޭތުވެދިޔަ 3 މަސް ދުވަސް ތެރޭގައި 442 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާ ކަން މުއިއްޒު ވަނީ ފާހަގަ ކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިންނަށް ފައިސާ ދެވޭނެ ނިޒާމެއް ގާމް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.