ސްނޯކްލިންއަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ އަރިއަތޮޅު ރިސޯޓެއްގައި ސްނޯކްލް ކުރަން އުޅުނު ފަތުރުވެރިއެއް ގެއްލިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން އޭނާ ހޯދުމަށް ކޯސްޓްގާޑުން ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އޭނާ ގެއްލުނު އިރެއް އަދި ގެއްލުނު ސަރަހައްދެއްގެ މައުލޫމާތެއް އަދި ސާފުވާގޮތެއް ނުވެއެވެ.

އެ ހާދިސާ އާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ސުވާލު ކުރުމުން އެމްއެންޑީއެފްގެ އޮފިޝަލުން އަދި ޖަވާބެއް ދީފައި ނުވާތީ އެއީ ކޮން ގައުމެއްގެ ކޮން އުމުރެއްގެ ފަތުރުވެރިއެއްކަން ވެސް އަދި ސާފުވާ ގޮތެއް ނުވެއެވެ.

ރާއްޖެ އަންނަ ބައެއް ފަތުރުވެރިން މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން މަރުވާ މިފަދަ އެތައް ހާދިސާއެއް މީގެ ކުރިން ވެސް ވަނީ ހިނގާފައެވެ.

ފަތުރުވެރިޔަކު ގެއްލިގެން ހޯދަމުން ދާއިރު، ‏ޑައިވިން އަށް ދާ މީހުން ގެއްލުމާއި ފަތުރުވެރިން މަރުވުމުގެ ހާދިސާތައް ހިނގަމުންދާ މިންވަރު ރާއްޖޭގައި އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.