ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ހަމަލާދިން މައްސަލައިގައި 22 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރު ކުރި މި މީހާގެ ބަންދައް ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަށް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ޕީޖީ ޝަމީމަށް ހަމަލާ ދީފައިވަނީ މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު ހެނދުނު މާލޭ މަގުމަތިން ޝަމީމް ކަސްރަތަށް ނުކުމެ އުޅުއްވަނިކޮށެވެ. ހަމަލާ ދީފައިވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުން ކޮށްގެންނެވެ.

އޭނާއަށް ހަމަލާ ދިން މައްސަލައިގައި މީގެ ކުރިންވެސް 2 މީހަކު ހައްޔަރު ކޮށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ.

މި ހަމަލާ ކުށްވެރިކޮށް މީގެ ކުރިން ދަ ޑިމޮކްރެޓްސްއިންގެ އިތުރުން އެމްޑީޕީއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެގޮތުން ދަ ޑިމޮކްރެޓްސް އިން ބުނީ ޝަމީމަށް ދިން ހަމަލާ އެންމެ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ. އަދި ޝަމީމަށް ހަމަލާދީފައިވަނީ މަރުތޭލަކުން ކަމަށް އެގިފައިވާ ކަމަށާއި އެ ހަމަލާ ޝަމީމަށް އަމާޒުކޮށްފައިވަނީ މަގުމަތިންކަމަށްވާތީ އެ ހަމަލާއަކީ ދުރާލައި ރާވައިގެން ދިން ހަމަލާއެއް ކަމަށެވެ.

މީގެއިތުރުން ޝަމީމަށް ދިން ހަމަލާ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ޓެރަރިސްޓް އަދި އަނިޔާވެރި މިފަދަ އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާ އިހްތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާއެކު މަސައްކަތްކުރަމުން ދާނެ ކަމަށް ވަނީ ބުނެފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އަކީ، ދައުލަތުގެ ފަރާތުން ދައުވާ ކުރަން ޖެހޭ ހުރިހާ މައްސަލައެއްގެ ބެލެނިވެރި ފަރާތް ކަމަށް ވާއިރު، ކުށުގެ ވެއްޓާ ގުޅުން ހުރި ތަފާތު މައްސަލަތަކުގައި ކޮންމެ ދުވަހަކު ޕީޖީގެ ވަކީލުން ގެންދަނީ ކޯޓުތަކުގައި ވަކާލާތު ކުރަމުން ކަންވެސް ފާހަގަ ކޮށްލެވެއެވެ.