މާލެ ސަރަހައްދުގެ މަގުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފަށައިފިއެވެ.

ޕްރޮގްރާމެއްގެ ދަށުން އެ މަސައްކަތް ކުރިއަށްގެންދާއިރު އެ ޕްރޮގްރާމަކީ މާލެ ސަރަހައްދުގައި އެއް ދުވަހުން އަނެއް ދުވަހަށް އެއްގަމުގައި ދުއްވާ އުޅަނދު ގިނަވެ މަގުމަތި ތޮއްޖެހިފައިވުމުގެ ސަބަބުން މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައިވުމާއެކު ގޮންޖެހުންތަކުން އަރައިގަނެ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ރައްޔިތުންނަށް ކަށާވަރުކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެ ޕްރޮގްރާމްކުރިއަށް ގެންދަނީ ޓްރާންސްޕޯޓް މިނިސްޓްރީއިން އިސްނެގުމާއެކު ފުލުހުންނާއި މާލެ ސިޓީ ކައުންސިލާއި އެޗްޑީސީއާއި ކަސްޓަމްސްއާއި އެމްޓީސީސީއާއި ހައުސިން މިނިސްޓްރީއާއި ވެމްކޯ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެންނެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ އެ މުހިއްމު މަސައްކަތުގެ މަގްސަދަކީ އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ ސަބަބުން މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތަކާ ގުޅިގެން މީހުންގެ ފުރާނަ ގެއްލިގެންދާ ރޭޓް ދަށްކޮށް އަދި ނުރައްކާތެރިކަމަށް ހުށަހެޅިގެންދާ ފަރާތްތައް މަދުކޮށް މާލެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ރައްކާތެރި އަމާން މާހައުލެއް ކަށަވަރުކޮށްދިނުމާއެކު ދުޅަހެޔޮ ވެއްޓެއް ގާއިމުކޮށްދިނުން ކަމަށެވެ.

އެ ޕްރޮގްރާމް ފެށުމުގެ ގޮތުން ގުޅުންހުރި އިދާރާތައް ހިމެނޭ ގޮތުން އާބްން ޓްރެފިކް ޑިކޮންޖެސްޝަން މެނޭޖްމަންޓް ކޮމެޓީއެއް އެކުލަވާލެވިފައިވާއިރު ކުރިއަށްގެންދެވުނު ކޮމިޓީގެ މަޝްވަރާތަކަށްފަހު މިކަމާ ގުޅިގެން ކުރު ރާސްތާ އަދި ދުރު ރާސްތާގައި ކުރެވޭނެ ކަންކަން ކަނޑައަޅާއި މި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލެވުނު ކަމަށްވެސް މިނިއސްޓްރީއިން ބުނެއެވެ.

އެ މަސައްކަތްތައް ކުރުމަށް ނިންމާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ކަމަށާއި އެގޮތުން މިއަދުގެ އެ ރަސްމިއްޔާތަކީ އެ މަސައްކަތުގެ ފުރަތަމަ މަރުހަލާގައި ކުރުމަށް ނިންމާފައިވާ ކަންކަމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ފުރަތަމަ މަރުހަލާގައި ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރޭގައި ހަތަރު މަސައްކަތެއް ހިމެނޭ:

  • މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަހު ބަހައްޓާފައިވާ އުޅަނދެއްގެ ގޮތުގައި ނުބެލެވޭ ކުނީގެ ގޮތުގައި ހުރި އުޅަނދުތަކުގެ ބައިތައް މަގުތަކުން ނެގުން.

މިނިސްޓްރީއިން ބުނީ އެ ހަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި މިހާރުވަނީ މާލެ އަދި ހުޅުމާލެ ހިމެނޭހެން މަގުމަތި ސާވޭކުރެވި މިފަދައިން ހުރި އުޅަނދުތަކުގެ ބައިތައް ދެނެގަނެވި ރިޕޯޓު އެކުލަވާލާފައިވާ ކަމަށެވެ.

  • ވޮލަންޓިއާކޮށް އުޅަނދު ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހަމަޖައްސައިދިނުން.

މިނިސްޓްރީއިން ބުނީ ގިނަ ދުވަހު ބޭނުންނުކޮށް މާލެ އަދި ހުޅުމާލެ މަގުމަތީގައި ބަހައްޓާފައިވާ އުޅަނދުތަކުގެ ތެރެއިން އުޅަނދުގެ ވެރިފަރާތުން އެ އުޅަނދެއް ނައްތާލަން ބޭނުންވެ އެހެންނަމަވެސް އެ ފުރުސަތު މިހާރު ލިބިފައިނުވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިހާރުވަނީ އުޅަނދު ނައްތާލުމުގެ ވޮލަންޓިއާ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އެ ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 އިން މި އަންނަ މަހުގެ 4 ގެ ނިޔަލަށް ކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.

  • މާލެއަދި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ގިނަ ދުވަހު ބަހައްޓާފައިވާ އުޅަނދުތައް ދެނެގަނެ މި އުޅަނދުތައް އެއްގައމު ދަތުރުފަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ޓޯކޮށް ނައްތާލުން.

މިނިސްޓްރީއިން ބުނީ އެ ހަރަކާތުގެ މަސައްކަތުގެ ތެރެއިން މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަހު ބަހައްޓާފައިވާ އުޅަނދުތައް ދެނެގަތުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ މަގުފާރަވެރިންނާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ކަމާ ގުޅުންހުރި މުވައްޒަފުން މެދުވެރިވެ ސާވޭކުރުމަށްފަހު އެކުލަވާލި ރިޕޯޓްތައް ކޮމެޓީއަށް ހުށަހަޅައި ކޮމިޓީގެ ރިވިއުއަށްފަހު ރިޕޯޓުގައިވާ އުޅަނދުތަކުގެ ތެރެއިން ޓޯކޮށް ނައްތާލަންޖެހޭ އުޅަނދުތަކާއި ވަގުތުން ނައްތާލެވޭ ހާލަތުގައިވާ އުޅަނދުތައް މިހާރުވަނީ ދެނެގަނެވިފައިވާ ކަމަށެވެ.

މިފަދައިން ހުރި އުޅަނދުތައް މަގުމަތިން ނަގަން ފަށާނެ ކަމަށް މިހާރު ވަނީ އާންމުކޮށް އިއުލާންކުރެވިފައިވާ ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދުތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތްތަކާ އެއްގޮތައް އަމަލުކޮށް އެ މާއްދާގެ ބަޔާންކުރާ 60 ދުވަހުގެ މުހުލަތު އުޅަނދާ ހަވާލުވުމަށް އުޅަނދުގެ ވެރިފަރާތަށް ދިނުމަށްފަހު ފުލުހުންނަށް ލިބިދޭ އިހުތިޔާރުގެ ދަށުން އުޅަނދު ނައްތާލުން ނުވަތަ ނީލަންކިއުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

  • ރަޖިސްޓަރީނުކޮށް މަގުމަތީގައި ބަހައްޓާފައިހުރި އުޅަނދުތައް މަގުމަތިން ނެގުން.

މިނިސްޓްރީއިން ބުނީ މިފަދަ އުޅަނދުތައް ރަޖިސްޓްރީ ކުރެވެންދެން ބެހެއްޓުމަށްޓަކައި ދާއިމީ ބިމެއް ހަމަޖައްސައި ކަނޑައަޅާ އުސޫލެއްގެ ދަށުން އެ ފުރުސަތު އުޅަނދުތަކުގެ ވެރިފަރާތްތަކަށް ހޯދައިދިނުމަކީ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ބިމެއް ހަމަޖެހެންދެން ވަގުތީ ގޮތުން އެކަމަށް ބިމެއް ކަނޑައަޅައި އެ ބިމަށް މިފަދަ އެޅަނދުތައް ގެންދިއުމަށްޓަކައި ހަމަޖެހޭ އުސޫލެއްގެ ދަޑުން ހުޅުވާލެވޭނެ ކަމަށެވެ.