އުމުރުން 11 އަހަރުގައި ޤުރުއާން ހިތުދަސްކުރި އިޒްކާން އަޖީބް ހުސައިން އެދުނީ އިމާމުވެ ތަރާވީސްކުރުމުގެ ފުރުސަތަކަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް ވިދާޅުވީ އުމުރުން 11 އަހަރުގެ އިޒްކާން ކީރިތި ޤުރުއާން ހިތުދަސްކޮށް އިމްތިހާނު ހަދައި ނިންމުމުން އޭނާއާއި އޭނާގެ މަންމައާއި ބައްޕައާއި ބައްދަލުކޮށްލުމަކީ އުފާވިކަމެއް ކަމަށެވެ. އަދި އިޒްކާން އެދުނީ ރޯދަ މަހު އިމާމުވެ ތަރާވީސްކުރުމުގެ ފުރުސަތު ދެއްވުމަށްކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އެ ފުރުސަތު އިޒްކާނަށް ލިބިގެންދާނެ ކަމަށެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީއިން ބުނީ ކުރިއަށް އޮތް ރަމަޟާން މަހު ނޫރު މިސްކިތުގައި އިމާމުވެ ތަރާވީހު ކުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޝަހީމް އިޒްކާނަށް ދެއްވާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ގްރޭޑް 10, 11، 12 ގައި ކިޔަވާ ދަރިވަރުންނާއި ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދައަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އަދި އެ މިނިސްޓްރީން ވަނީ އެ ފުރުސަތުގައި "ޒުވާން ހަތީބު" ޕްރޮގުރާމަށް ކުރިމަތިލި 160 ޒުވާނެއްގެ އިންޓަވިއު ކުރިއަށް ގެންގޮސްފައެވެ.

ޝަހީމް ވިދާޅުވީ ޒުވާން ހަތީބުން ތަމްރީން ކުރުމުގެ މަޝްރޫއުއަކީ ވަރަށް މާތް މަގުސަދެއްގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކުން އެންމެބޮޑަށް ފާހަގަކޮށްފައިވާ އެއްކަމަކީ ރަށްރަށުގައި ހަތީބުން މަދުވުންކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ އެ ޕްރޮގްރާމްއަކީ މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.