ލަކްޝަދީޕްގެ އަގަޓީ އާއި މިނިކޯއި (މަލިކު) ގައި އިންޑިއާގެ ކަނޑުގެ ސިފައިންގެ މަރުކަޒެއް ގާއިމް ކުރުމަށް ނިންމައިފިއެވެ.

'އައިއެންއެސް ޖަޓަޔޫ' ގެ ނަމުން ނަން ދީގެން މަލިކުގައި ގާއިމް ކުރާ އަސްކަރީ މަރުކަޒު އިފްތިތާހު ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހު އެވެ.

މި ރަސްމިއްޔާތު އިފްތިތާހު ކޮށްދިނުމަށް އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންގް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެ ގައުމުގެ އެންމެ ބޮޑު މަނަވަރު ކަމަށްވާ އައިއެންއެސް ވިކްރަމަދިތުޔާގައި އިންޑިއާގެ ރިޕޯޓުތައް ބުނެއެވެ.

ދާދިފަހުން ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އަގަޓީ އާއި މަލިކުގައި ކަނޑުގެ ސިފައިންގެ ބާރު ގަދަކޮށް އެ ސަރަހައްދުގައި އޮންނަ ކަނޑުދަތުރުގެ މުހިންމު މަގާއި އެ މަގުގެ މުއާސަލާތީ ކަންކަން ހިމާޔަތްކުރުމަށް އިސްކަންދެއްވާނެކަން ހާމަކޮށްފައެވެ.

އިންޑިއާގެ ހިންދުސްތާން ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުން ސިފައިންގެ މި މަރުކަޒުގެ ސަބަބުން އިންޑިއާ ކަނޑުގައި އިތުރުވަމުން އަންނަ ޗައިިނާގެ އަސްކަރިއްޔާ އާއި އެކަމަށް މަދަދުވެރިވާ ފަރާތްތަކުގެ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރެވޭނެއެވެ.

އަދި ހަމައެހެންމެ ލަކްޝަދީބާއި މިނިކޮއި އައިލެންޑްސް އަޕްގްރޭޑް ކުރުމުގެ ސަބަބުން ކޮމާޝަލް ޝިޕިން ހިމާޔަތްކުރުމުގެ އިތުރުން އެ ރަށްރަށުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރުމާއި ފަތުރުވެރިކަމުގެ ދާއިރާވެސް ފުޅާވެގެންދާނެ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

މިނިކޮއި އައިލެންޑްސް އަކީ ރާއްޖެއާ އެންމެ 524 ކިލޯމީޓަރު ދުރުގައި އޮންނަ ރަށަކަށްވާއިރު މި ނިންމުމަކީ، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އެހީތެރިވުމުގެ ގޮތުން، އެ ގައުމުގެ ޖަޒީރާ ސަރަހައްދުތައް ބޭނުންކޮށްގެން، އެ ސަރަހައްދުގެ ބާރުތައް ޕްރޮޖެކްޓް ކުރުމަށް މޯދީ ގެ ސަރުކާރުން ގެންގުޅުއްވާ ސްޓްރެޓެޖީގެ ދަށުން ކުރާ ކަމެއްގެ ގޮތުގައި ބެލެވެއެވެ.