އަމިއްލަ މަސައްކަތް ކުރުމަށް ލޯބިކުރާ މީހުންގެ ތެރެއިން ތަފާތު ވައްތަރުގެ އެއްޗިސް އުފައްދައިގެން ވިއްކަމުންދާ އެތައް ބަޔަކު މިހާރު މި ދިވެހި މުޖުތަމައު ތެރެއިން ފެނެއެވެ. އެފަދަ އަޒުމެއްގައި މަސައްކަތް ކުރަމުން އަންނަ މީހުންގެ ތެރޭގައި ހީވާގި އެތައް އަންހެނުންނެއް އުޅޭ ކަމަކީ ފަހުރުވެރިވާ ވަރުގެ ކަމެކެވެ.
ދ. މާއެނބޫދޫއަށް އުފަން އުމުރުން 37 އަހަރުގެ ޒީނަތު އިބްރާހިމް އަކީ ވެސް އެފަދަ ހުނަރުވެރި އަންހެނެކެވެ. ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާ ކުރަމުން އައިސް އަމިއްލަ މަސައްކަތެއް ފެށުމުގެ ގޮތުން ބެޑްޝީޓް ފަހައިގެން ވިޔަފާރި ކުރުމުގައި އުޅުމަށްފަހު މިއަދު އޭނާގެ އުފެއްދުންތަކުގެ ތެރޭގައި ލެދަރުން ހަދާފައި ހުންނަ ދަބަސް ފަދަ ތަކެތި އިތުރުކޮށް އެ ވިޔަފާރި ފުޅާ ކުރުމުގެ ފޮނި އުންމީދުގައި މަސައްކަތް ކުރަމުން އަންނަ މީ ހީވާގި އަންހެނެކެވެ.
އޭނާގެ ފިރިމީހާގެ ރަށް ގއ. ގެމަނަފުށީގައި ދިރިއުޅެމުން ދިޔަ އިރު، ޓީޗަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރިއެވެ. 2007 އިން ފެށިގެން 2012 އާ ދެމެދު މިޑްލް ސްކޫލް ދަރިވަރުންނަށް ޖެނެރަލް ސައިންސް އަދި ހިސާބު ކިޔަވައިދޭ ޓީޗަރަކަށް އޭނާ މަސައްކަތް ކުރިއެވެ. އޭރު ދަރިފުޅު ލިބިގެން ގޭގައި މަޑުކުރަން އަމިއްލަ އަށް ބޭނުންވެގެން ވަޒީފާއިން ވަކިވެގެން ހުރުމަށް ފަހު އަމިއްލަ މަސައްކަތެއް ކުރުމުގެ ފޮނި އުންމީދުގައި ހުރި ޒީނަތު 2013 ވަނަ އަހަރު ފަހަން ފެށިއެވެ.
އެ ގޮތުން އޭނާ އެންމެ ފުރަތަމަ މަސައްކަތަކަށް ވީ ބޭޑްޝީޓް ސެޓްތައް ހަދައިގެން ވިއްކުމެވެ. އޯޑަރަށް އެތައް ބަޔަކަށް ބެޑްޝީޓް ފަހައިދެމުން އައި އިރު ގއ އަތޮޅުގައި ދިރިއުޅެމުން ދިއުން ވެގެން ދިޔައީ ބައެއް ހުރަސްތަކާ ކުރިމަތިލާން ޖެހުނު ކަމެއްގެ ގޮތުގައި ޒީނާތު ފާހަގަ ކުރިއެވެ. ސަބަބަކަށް ވީ މާލެއާ ދުރު ހިސާބެއްގައި ހުރުމުން ބައެއް ތަކެތި ހޯދުމުގައި އުނދަގޫތަކާ ކުރިމަތިލާން ޖެހުމެވެ.
2013 ގައި ފެށި އެ މަސައްކަތަށް އިތުރު ޖޯޝަކާއި ހިތްވަރެއް ލިބިގެން ދިޔައީ 2014 ގައި އޭނާގެ ދިރިއުޅުން އަވައްޓެރި ސްރީލަންކާއަށް ބަދަލު ކުރި ހިސާބުން ކަމަށް އޭނާ ބުނެއެވެ. ލަންކާއަށް ދިރިއުޅުން ބަދަލު ކުރި ހިސާބުން އޭނާއަށް އެންމެ ބޮޑު ފަސޭހައަކަށް ވީ ބޭނުންވާ މެޓީރިއަލްގެ ފޮތި ހޯދަން ފަސޭހަވުމެވެ. ނަމަވެސް 2019 ގައި ލަންކާގައި ހިނގި ބޮމުގެ ހާދިސާއަށް ފަހު ޒީނަތު ދިރިއުޅުން ރާއްޖެއަށް ބަދަލު ކުރިއެވެ. އެ ގޮތުން އޭނާ އޭރު ރާއްޖެ އައިސް ދިރިއުޅެން ފެށީ ދ. ކުޑަހުވަދޫގައެވެ.
ކުޑަހުވަދޫއަށް ބަދަލުވެ އަނެއްކާ ވެސް ޓީޗަރެއްގެ ގޮތުގައި އޭނާ މަސައްކަތް ފެށީ 2021 ވަނަ އަހަރު ދ. ކުޑަހުވަދޫ ސްކޫލްގައެވެ. ކުޑަހުވަދޫގައި 2023 އާ ހަަމައަށް އޭނާ ޕްރައިމަރީ ޓީޗަރެއްގެ މަގާމުގައި މަސައްކަތް ކުރިއެވެ. އަދި އަމިއްލަ މަސައްކަތް ފުޅާ ކުރުމުގެ މަގްސަދުގައި 2023 ގައި އޭނާ ވަޒީފާއިން ވަކިވެ، މުޅިން މި މަސައްކަތަށް ހުސްވިއެވެ.
އޭރުވެސް މަދުމަދުން ބެޑްޝީޓް އޯޑަރަށް ފަހައިދެމުން ދިޔަ ނަމަވެސް ޒީނަތުގެ މަސައްކަތުގެ ތެރެއިން އޭނާ ދަބަހާއި ޕާސް އަދި އިންޓަވަލް ބޭގާއި ވޮލެޓް ފަދަ ތަކެތި ހެދުމުގެ ޝައުގުވެރިކަން އުފެދުނު ކަމަށް ޒީނާތު ބުންޏެވެ. އެ ގޮތުން އެންމެ ފުރަތަމަ ކޮޓަން ކޯޑް ބޭނުން ކޮށްގެން ދަބަސް ހަދަން އުޅުނު ކަމަށާއި އެގޮތަށް ހަދާ ދަބަސް ކިތަންމެ ރީތި ކަމުގައި ވިޔަސް އެ މަސައްކަތަކީ ބުރަ އަދި މެޓީރިއަލް ހޯދަން އުނދަގޫ މަސައްކަތެއްގެ ގޮތުގައި ޒީނާތު ފާހަގަ ކުރިއެވެ. މާލެއިން ބޭނުންވާ ވަރަށް މެޓީރިއަލް ނުލިބުމާއި މެޓީރިއަލް އަގު ބޮޑުވުން އެއީ ދިމާވާ ހުރަސްތަކެވެ. އެހެންކަމުން ދެން އޭނާ ބޭނުންވީ ލެދަރުން ދަބަސް ހެދޭތޯ ބަލާށެވެ.
އެގޮތުން އަލީ އެކްސްޕްރެސް އިން ލެދާ ގެނެސްގެން އެންމެ ފުރަތަމަ މަސައްކަތް ކުރި ކަމަށާއި ލެދާ އިން ދަބަސް ރީއްޗަށް ހެދޭތީ، އެ މަސައްކަތް ފެށީ އެހިސާބުން ކަމަށް އޭނާ ބުނެއެވެ. އަދި ލެދާ އަކީ ފަސޭހައިން މާލެއިން ވެސް ލިބޭ މެޓީރިއަލެއް ކަމުން އެ ހިތްހަމަޖެހުމާ އެކު ދަބަސް ފެހުމުގެ މަސައްކަތް ދެން އޭނާ މަޑުމަޑުން ފުޅާ ކުރެވޭތޯ ބެލިއެވެ.
މިހާރު އޭނާ ތައްޔާރު ކުރާ ތަކެތީގެ ލިސްޓަށް ބަލާލިއަސް މަސައްކަތުގެ ކުރިއެރުން ލިބިފައިވާ މިންވަރު ފެނެއެވެ. މިހާރު އޭނާ ހަދާ ތަކެތީގެ ތެރޭގައި ޕާސް، ކްރަންޗީސް، ވޮލެޓް، އިންޓަވަލް ބޭގް، އަތް ދަބަސް، ބުކް މާކްސް ހިމެނެއެވެ. ދަބަސް ހަދަން ފެށިތާ 8 ވަރަކަށް މަސް ވެފައިވާ އިރު، އެ މަސައްކަތަށް ހޭދަވި މުއްދަތާ ބަލާފައި ވިޔަފާރި ރަނގަޅު ކަމަށް ޒީނާތު ބުނެއެވެ. ދ. އަތޮޅުން ވެސް އޭނާއަށް އޯޑަރު ލިބޭ އިރު، މާލެއިން ވެސް އަދި އެހެނިހެން ރަށްރަށުން ގިނަ ބަޔަކު އޭނާގެ އުފެއްދުންތަކަށް އޮޑަރު ދެއެވެ.
މި މަސައްކަތް އޭނާ ދަސްކުރާކަށް ވަކި ހާއްސަ ކޯހެއް ނުހަދައެވެ. މި މަސައްކަތް އޭނާ ދަސްކުރީ ސޯޝަލް މީޑިއާއިންނެވެ. ޔޫޓިއުބް އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ދަބަސް ފަދަ ތަކެތި ހަދާ ގޮތުގެ ވީޑިއޯތައް ބަލައިގެން އެ ތަކެތި އެ ގޮތަށް ހެދޭތޯ އޭނާ މަސައްކަތް ކުރަނީއެވެ.
މި މަސައްކަތުގައި އެންމެ ބޮޑު ހިތްވަރެއް ލިބެނީ އޭނާ އުފައްދާ ތަކެތި ގަންނަ ކަސްޓަމަރުންގެ ފަރާތުން ކަމަށް ޒީނަތު ބުނެއެވެ. ކަސްޓަމަރުން ނެތި މި މަސައްކަތް ފުޅާ ވެގެން ނުދާނެ ކަމަށާއި ހުރިހާ ކަސްޓަމަރުންނަށް ވެސް ހާއްސަ ޝުކުރެއް އަދާކުރަން ބޭނުންވާ ކަމަށް ޒީނަތު ބުނެއެވެ.
ކުރިއަށް އޮތް ތަނުގައި މި މަސައްކަތުގައި އިތުރު ޕްރޮޑަކްޓްސްތައް އުފެއްދުމުގެ ފޮނި އުންމީދުގައި ހުރި ޒީނަތު ދެކޭ އެންމެ ބޮޑު ހުވަފެނަކީ އޭނާގެ ތަކެތި ވިއްކަން ރީޓެއިލް ފިހާރައެއް ހުޅުވުމެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމުގެ އަޒުމުގައި ހުރި ޒީނަތު ބުނީ، ވަޒީފާއަށް ދާ އަދި ގޭގައި ތިބޭ އަންހެނުންގެ ތެރޭގައި ވެސް އަމިއްލަ މަސައްކަތެއް ފެށުމުގެ ހުވަފެން ދެކޭ ނަމަ މަޑު ނުކުރުމަށެވެ. ފުރަތަމަ މަސައްކަތް ފަށައިރު އެންމެ މޮޅު މީހާއަށް ތިމާ ނުވެދާނެ ކަމަށާއި ނަމަވެސް މަސައްކަތް ފެށުމުން ގިން ކަންކަން ދަސްވެ ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ބުނެއެވެ.