އުރީދޫ މޯލްޑިވްސް އާއި އަމާނާ ތަކަފުލް ގުޅިގެން އެމް-ފައިސާ ޑިޖިޓަލް ޓްރެވަލް އިންސުއަރެންސް ޕެކޭޓެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ އެ ޕެކޭޖު ފަރުމާކޮށްފައިވަނީ ފަސޭހަކަމާއެކު އެމްފައިސާ މެދުވެރިކޮށް އިންޝުއަރަންސް ނެގޭނެ ގޮތަށް ކަމަށާއި އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް އަކީ ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ފޯރުކޮށްދޭ ޓްރެވަލް އިންޝުއަރެންސް ޕެކޭޖެއް ކަމަށެވެ. އަދި މި ޕެކޭޖުން ދަތުރުގައި ދިމާވާ އެކިއެކި ހާދިސާތަކުން ލިބޭ މާލީ ގެއްލުން ތަކަށް ބަދަލު ފޯރުކޮށްދެވޭނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ އެ ޕެކޭޖުން ބަދަލު ފޯރުކޮށްދޭ ކަންކަމުގެ ތެރޭގައި ދަތުރުމަތީގައި ދިމާވި އެކްސިޑެންޓެއްގައި ނިޔާވުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ 771،000 ރުފިޔާއާ ހަމައަށް ބަދަލު ފޯރުކޮށްދެވޭނެ ކަމަށާއި ކުއްލި ހާލަތްތަކުގައި (އެކްސިޑެންޓް އަދި އެމަޖެންސީ ހާލަތުގައި) ބޭސްފަރުވާގެ ހަރަދުތައް 1،542،000 ރުފިޔާއާ ހަމައަށްށް ބަދަލު ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ބަދަލު ފޯރުކޮށްދޭ އިތުރު ކަންކަމުގެ ތެރޭގައި މެދުވެރިވި ހާލަތެއްގެ ސަބަބުން ދަތުރު ކެންސަލް ކޮށްލަން ޖެހުން ނުވަތަ ދަތުރު ކުރުކޮށްލާފައި އަންނަން ޖެހިއްޖެ ހާލަތެއްގައިވެސް ބަދަލު ފޯރުކޮށްދެވޭނެ އުސޫލުތަކެއް ހިމެނިފައިވާނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ ފްލައިޓަށް އެރުވި ދަބަސް ގެއްލުން ނުވަތަ ޕާސްޕޯޓް ގެއްލުންފަދަ ހާލަތްތަކުގައިވެސް ބަދަލު ފޯރުކޮށްދޭވެ ކަމަށާއި ހަމައެހެންމެ ފުރަން އޮތް ފްލައިޓަށް ދިމާވި ކަމެއްގެ ސަބަބުން ދަތުރު ކުރެވޭގޮތްނުވުން ނުވަތަ ފުރަން އޮތް ފްލައިޓް ފުރުން 12 ގަޑިއިރަށްވުރެ ލަސްވެއްޖެނަމަ ބަދަލުދެވޭ އުސޫލުތަކެއް ހިމެނިފައިވާނެ ކަމަށެވެ.

އުރީދޫއިން ބުނީ ކަސްޓަމަރުންނަށް އެ ޕެކޭޖް 14 ދުވަހާއި 35 ދުވަހުގެ މުއްދަތަކަށް ނަންގަވާލެވޭނެ ކަމަށާއި އެ ޓްރެވަލް އިންޝުއަރެންސް ޕެކޭޖުގައި އޭޝިއާ ބައްރުގެ ގައުމުތަކަށް ދަތުރު ކުރުމަށް ހާއްސަ އެންމެ އަގުހެޔޮ އޭޝިޔާ ޕެކޭޖް ލިބެން ހުންނާނެ ކަމަށެވެ. އަދި އެމެރިކާ ނުވަތަ ކެނެޑާއަށް ދަތުރު ކުރާ ފަރާތްތަކަށްވެސް ހާއްސަ ޕެކޭޖެއްވެސް ލިބެން ހުންނާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް އަކީ މިވަގުތު މާކެޓްގައި ލިބެން ހުރި އެންމެ އަގުހެޔޮ ޓްރެވަލް އިންޝުއަރެންސް ޕެކޭޖުކަން އުފަލާއެކު ފާހަގަކޮށް އުރީދޫއިން ބުނީ އެ ޕެކޭޖުގެ އަގު ކަނޑައެޅިގެންދަނީ ނަގާ މުއްދަތަކަށާއި ދަތުރު ކުރާ ގައުމަކަށް ކަމަށެވެ. އަދި އޭޝިއާ ބައްރުގެ ގައުމަކަށް 14 ދުވަހުގެ މުއްދަތަކަށް ދަތުރު ކުރައްވާނަމަ ދައްކާލަން ޖެހިވަޑައިގަންނަވަނީ އެންމެ 117 ރުފިޔާ ކަމަށް އުރީދޫއިން ބުނެއެވެ.

އެކަމާ ގުޅިގެން އަމާނާ ތަކަފުލްގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ރިޔާޒު ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން އިންޝުއަރެންސް ދާއިރާއަށް ގިނަ ފުރުސަތުތަކެއް ހުޅުވި، ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތަކެއް ހުޅުވެމުންދާނެ ކަމަށާއި ކަމެއްގެ ހައްލު ތިލަކޮށް ނުދެވޭނަމަ މީހުންނަށް އެމީހުން ބޭނުންވާ އެއްޗެއް ނޭނގޭ ކަމަށެވެ. އަދި އުރީދޫ ފަދަ ރައްޔިތުން އިތުބާރުކުރާ ކުންފުންޏަކާއި އަމާނާ ތަކަފުލް ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ފުރިހަމަ ޓްރެވަލް އިންޝުއަރަންސެއް ޖީބަށްކަތާވަރުގެ އަގެއްގައި އުރީދޫގެ އެމް-ފައިސާ ފަދަ ޕްލެޓްފޯމަކުން ލިބެންހުރުމަކީ މިފަދަ ޕްރަޑަކްޓެއް ބަލައިގަތުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ރިޔާޒު ވަނީ ވިދާޅުވިއެވެ.

"އަމާނަ ތަކަފުލްއާއެކު މިއަދު އަޅުގަނޑުމެން މި ލޯންޗުކުރީ އެމް-ފައިސާ އަށް ހާއްސަ ޑިޖިޓަލް އިންޝުއަރަންސް ހިދުމަތެއް. އެމް-ފައިސާ ބެނުންކޮށްގެން ފަސޭހަކަމާއެކު އުރީދޫ ސުޕައެޕް މެދުވެރިކޮށް މި އިންޝުއަރަންސް ޕްލޭން ބައްލަވައިގަނެވޭނެ. ޑިޖިޓަލް މޯލްޑިވްސް އަކަށް ބޭނުންވާނެ ހިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެވޭނެ އިތުރު ގޮތްތައް އުރީދޫއިން އަބަދުވެސް މިދަނީ ހޯދަމުން. އަމާނާ ތަކަފުލް އާއެކު އިތުރު ޑިޖިޓަލް އިންޝުއަރަންސް ޕްލޭންތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް މިހާރުވެސް މިދަނީ މަސައްކަތްކުރަމުން."
ހުސައިން ނިޔާޒު، ޗީފް ކޮމާޝަލް އޮފިސަރު، އުރީދޫ މޯލްޑިވްސް

އުރީދޫއިން ބުނީ އެ ޕެކޭޖް 65 އަހަރުން ދަށުގެ ކޮންމެ ފަރާތަކަށްވެސް ނެގޭނެ ކަމަށާއި އެހެންކަމުން އެއްކޮށް ދަތުރު ކުރާ ފަރާތްތަކުން ވަކި ވަކި ޕެކޭޖު ގަތުމުގެ ބަދަލުގައި އެއްޕެކޭޖުގައި ހުރިހާ ފަރާތްތައް ހިމެނުމުން ފަސޭހަވެގެންދާނެ ކަމަށެވެ.

އުރީދޫއިން ބުނީ އެ ޕެކޭޖުން ބަދަލު ހޯއްދެވުމަށްޓަކައި އެކްސިޑެންޓެއް ދިމާވުމުން ވީހާވެސް އަވަހަކަށް އަމާނަ ތަކަފުލް މޯލްޑިވްސް އާއި ހިއްސާ ކުރުމަށްފަހު ހަރަދުވި ބިލްތައް ހުށައެޅުމުން ބަދަލު ފޯރުކޯށްދެވޭނެ ކަމަށާއި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެމެޖެންސީ ހާލަތުގައި ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށްޓަކައި އަމާނަ ތަކަފުލް މޯލްޑިވްސްގެ ތާޑްޕާޓީ އެޖެންޓުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި އެކި ސަރަހައްދުތަކުގައި ތިބޭނެ ކަމަށެވެ.