އިޒްރޭލަށް ޖާސޫސް ކޮށްދިނުމުގެ ތުހުމަތުގައި ގަތަރުގައި ހައްޔަރުކޮށް މަރަން ހުކުމް ކުރި އިންޑިއާގެ ނޭވީގެ ކުރީގެ 8 މީހަކު ދޫކޮށްލުމުގައި ފިލްމް ސްޓާރު ޝާހުރުކްހާންގެ އަތެއް ވާކަމަށް ބުނެ ސުބުރަމާނިއަން ސްވާމީ ވާހަކަތައެއް ދައްކައިފިއެވެ.

ރާއްޖެ ހިފާށާއި ރާއްޖެއާ މެދު ބަދު ބަސްތައް ބުނަމުން ގެންދާ ސްބުރަމާނިއަން މިހެން ބުނެ ދައްކާފައި ވާހަކަ ޝާހު ދޮގުކޮށް ބުނެފައި ވަނީ އެ 8 މީހުން ދޫކޮށްލުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ.

ސުބުރަމާނިއަން ބުނެފައި ވަނީ, އެ 8 މީހުން ދޫކޮށްލުމަށޤ ގަތަރު ސަރުކާރަށް ބާރު އެޅި އެކަކީ ޝާހު ކަމަށާއި ޝާހު އާއި ގަތަރުގެ ވެރިންނާ އޮންނަ ގާތްކަމުގެ ތެރެއިން އެކަން އޭނާ ކޮށްފައި ވާ ކަމަށެވެ.

އޭނާ ބުނީ, އެ 8 މީހުން މިނިވަން ކުރުމުގައި އިންޑިއާގެ ހާރިޖީ ވުޒާރާއިން ކުރި މަސައްކަތުން އަލިމަގެއް ނުފެނި ދިގުލައިގެން ދިޔަ ކަމަށާއި އެހެން ކަމުން އިންޑިއާ ސަރުކާރުން ޝާހުގެ އެހީތެރިކަމަށް އެދުނު ކަމަށެވެ.

ޝާހު މިވާހަކަތައް ދޮގު ކުރި ނަމަވެސް އިންޑިއާގެ ރަސްމީ އެއްވެސް އިދާރާއަކުން މިކަމަށް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ދާދި ފަހުން ޝާހު ވަނީ ގަތަރުގައި އޮތް އޭއެފްސީ ފައިނަލް ގެ ގެސްޓް އޮފް އޮނަރުގެ ގޮތުގައި ބައިވެރިވެސް ވެފައެވެ. އޭނާއަށް މަރުހަބާ ވިދާޅުވީ ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ތާނީއެވެ.

އިޒްރޭލުގެ އިންޓެލިޖަންސަށް ޖާސޫސް ކޮށްދޭ ކަމުގެ ތުހުމަތުގައި ގަތަރުން ހައްޔަރު ކުރި 8 މީހުންގެ ތެރެއިން 7 މީހަކު މިހާރު ވަނީ އިންޑިއާ އަށް ގޮސްފައެވެ.

އޮގަސްޓް 2022 ގައި މި މީހުން ހައްޔަރު ކުރި އިރު ފެންމަތިވި މައުލޫމާތު ތަކަށް ބަލާއިރު، އެމީހުން އިޒްރޭލަށް ފޯރުކޮށް ދިނީ ގަތަރުން ކުރިއަށް ގެންދާ ސަބްމެރީން މަޝްރޫއަކާ ގުޅޭ މައުލޫމާތު ކަމަށް މީޑިއާތަކުގައި ބުނެފައި ވެއެވެ.

އެއާއެކު އެމީހުން މަރަން ގަތަރުގެ ކޯޓުން ހުކުމް ކުރުމުން އިންޑިއާ އިން ވަނީ އެތައް ފަހަރެއްގެ މަތިން ގަތަރު ސަރުކާރާ މުއާމަލާތުތައް ކޮށް މަރުގެ ހުކުމް ބަދަލުކޮށްދޭތޯ އާދޭސް ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމީހުން ދޫކޮށްލަން ގަތަރުން އެއްބަސްވެ އެންމެން ދޫކޮށްލި މި ދަނޑިވަޅަކީ ވޯލްޑް ގަވަރުމަންޓް ސަމިޓު ގަތަރުގައި ހިނގާ ދަނޑިވަޅުވެސް މެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ބައިވެރިވެވަޑައިގަންނަވާ މި ސަމިޓުގައި ޗެއާ ކުރައްވާ 3 ބޭފުޅުންގެ ތެރެއިން 1 ބޭފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީއެވެ.