ރާއްޖޭގެ އިގުތިސޯދު ހަމައެކަނި ޓޫރިޒަމް އިންޑަސްޓްރީގެ މައްޗަށް ބަރޯސާވެފައި އޮތުން ނިމުމަކަށް ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ޔުނައިޓެޑް އަރަބިސް އެމިރޭޓްސްގެ (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ ވޯލްޑް ގަވަންމަންޓްސް ފޯރަމްގައި މިއަދު އެމަނިކުފާނު ދެއްވި ތަގުރީރެއްގައެވެ. އެގޮތުން ރާއްޖޭގެ އިގުތިސޯދު އެހެން ދާއިރާތަކަށް ޑައިވާސިފައި ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޓްރާންޝިޕްމެންޓު ބަނދަރެއްގެ މަސައްކަތުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި، އާބަން ސެންޓަރެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކުރަން ފަށާފައިވާކަމަށެވެ. ރައީސް ވިދާޅުވީ މިފަދަ މަޝްރޫއުތަކަށް ޔޫއޭއީ ކަހަލަ ގައުމުތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ މި ޒަމާނުގައި އެފިޝެންސީ އިތުރުކުރުމަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފަން ޖެހޭނެ ކަމަށާއި، އެ މަނިކުފާނުގެ އަމާޒަކީ ޒަމާނީ އެފަދަ ޓެކްނޮލޮޖީތަކުގެ އެހީގައި ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރުވައި، އިންވެސްޓަރުން ގަޔާވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުން ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅަކީ ޔޫއޭއީ ގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫއޭއީގެ މިނިސްޓާ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ސަމިޓުގައި ސަރުކާރު ތަކުންނާއި ބައިނަލްއަގްވާމީ އެކިއެކި ޖަމިއްޔާ ޖަމާއަތްތަކާއި ޕްރައިވެޓް ސެކްޓާ އަދި އެކި ދާއިރާތަކަށް ހާއްސަ ލީޑަރުން ބައިވެރިވެ މުސްތަގްބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ޖީލުތަކުގައި އަންނަ ސަރުކާރުތައް ބާރުވެރިކުރުމަށް ކުރަންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.