މާލޭ ފަޅުތެރޭގައި ހުންނަ ފައްތިޔާދޯނިތައް ނަގަން އަންގާ މައްސަލައަށް ހައްލު ހޯދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ތ.މަޑިފުށީ، ތަރިވިދާގޭ، އަހްމަދު އިބްރާހީމް، އަމާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އަހްމަދު އިބްރާހީމް ވަނީ މާލޭ ފަޅުތެރޭގައި ހުންނަ ފައްތިޔާދޯނިތައް ނަގަން އަންގާތީ، އެކަމުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ރައީސްއަށް ސުވާލު އަމާޒުކޮށްފައެވެ.

އެގޮތުން އަހްމަދު ފާހަގަ ވަނީ އޭނާއަކީ އޮޑިދޯނި ފަހަރު ދުއްވައިގެން ކައިބޮއި އުޅޭ ނުވަތަ އާމްދަނީ ހޯދާ މީހެއްކަން ފާހަގަކޮށްފައެވެ. އަދި މާލޭ ފަޅު ތެރޭފައި ހުން ފައްތިޔާދޯނިތައް ނަގަން އަންގާއިރު އެ ދޯނިތައް ދެން ގެންދާނެ ތަނެއް އެއްވެސް ސަރުކާރަކުން ދައްކާފައިނުވާ ކަމަށް އޭނާ ވަނީ ބުނެފައެެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ދޯނިތައް އެތަނުން ނަގަން އަންގާއިރު، ދެން ދޯނިތައް ބަހައްޓާނޭ ތަނެއް ނުދެއްކުމަކީ އެންމެ ބޮޑު ކަންބޮޑުވުމެވެ.

އަހްމަދުގެ މި ކަންބޮޑުވުންތައް އަޑުއައްސެވުމަށްފަހު، ރައީސް ވިދާޅުވީ މަޑިފުއްޓަކީ އޮޑިދޯނި ފަހަރު ދުއްވާ ވަރަށް ގިނަ ފަރާތްތައް ދިރިއުޅޭ ރަށެއް ކަމަށެވެ. އަދި މާލޭގެ ފަޅު ތެރޭގައި މަޑިފުށީގެ ދޯނިތަކުގެ އިތުރުން ގިނަ ދޯނިތައް ހުރިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.

ފަޅު ތެރެއިން އެހެން ޖާގައެއް ހަމަނުޖައްސާ ފަޅުން ނުކުންނަށް ޖެހި، ދާނެ ތަނެއް ނެތިގެން އުޅެން ޖެހުނަ ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މައްސަލައަށް ހައްލު ހޯދުމުގެ މާލެ ސިޓީ ކައުންސިލާ މަޝްވަރާ ކުރައްވާނެ ކަމަށާއި ފަޅު ތެރޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ އެހެން ތަނަކަށް ދޯނިތައް ބަދަލު ކުރާނަމަ އެކަން ކުރާނީ މަސައްކަތް ކުރާ މީހުންނާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ. އަދި ކުއްލިއަކަށް އެފަދަ ކަންބޮޑުވުންތައް ކުރިމަތިވާ ގޮތަށް ކަންކަން ކުރިއަށް ނުގެންދާނެ ކަމަށެވެ.