ޗައިނާގެ ޖާސޫސީ އުޅަނދު "ޒިއާންގް ޔަންގް ހޮންގް 3" ރާއްޖެ އަންނަކަން އިއުލާން ކުރީއްސުރެ އިންޑިއާއިން ދަނީ ކަންބޮޑުވުން ފާޅުކޮށް އެކަމަކާ އިހުތިޖާޖު ކުރަމުންނެވެ.

ޝެޑިއުލްގައި އޮތް ގޮތުން އެ އުޅަނދު ރާއްޖޭގައި ބަނދަރުކުރާނީ މާދަމާ ނޫން އަނެއް ދުވަހުއެވެ.

އުޅަނދުގެ މިހާރުގެ މިސްރާބަށް ބަލާއިރު، އިންޑިއާ އާއި ރާއްޖެ އާއި ލަންކާ ގުޅޭ ތިނެސްކަން ހަމަލާ ބައިނަލްއަގުވާމީ ކަނޑުގައި ގެންދަނީ ދިރާސާތަކެއް ކުރަމުންނެވެ.

އުޅަނދުގެ ސަބަބުން އިންޑިއާއިން ކަންބޮޑުވެ ފާރަލާނެ ކަމަށް ބުނެފައި ވާ އިރު އެގައުމުގެ އަސްކަރީ ސަބްމެރީން އެއް މިހާރު ވަނީ ލަންކާގައި ބަނދަރުކޮށްފައެވެ. މިއީ ޗައިނާގެ އުޅަނދުން ހިންގާ ހަރަކާތްތައް ދެނެގަތުމަށް އިންޑިއާއިން އަޅާފައި ވާ ފިޔަވަޅެކެވެ.

މި އުޅަނދާ ބެހޭ ގޮތުން ވާހަކަ ދައްވަމުން ޗައިނާގެ ލިބަރޭޝަން އާމީގެ ކުރީގެ ޗީފް ކާނަލް ޒޯ ބޯ ވިދާޅުވީ، އެ އުޅަނދަކީ އިންޑިއާ ކަނޑުގައި ރިސާޗް މަސައްކަތްތަކެއް ކުރާ އުޅަނދެއް ކަމަށާއި ފުން ކަނޑުތަކުގައި އެ އުޅަނދުން ހިންގާ ދިރާސާތަކީ ބައިނަލްއަގުވާމީ ގާނޫނީ އިމުގެ ތެރޭގައި ހިންގާ ދިރާސާތަކެއް ކަމަށެވެ.

"އިންޑިއާ ކަނޑަކީ އިންޑިއާގެ ކަނޑެއް ނޫން، އެމީހުން ކަންތައްބޮޑުކުރަން ވީ ކިއްވެ، ބޯޓު އެހެން ދަތުރު ކުރާ އިރު ކާބޯތަކެއްޗާއި ތެޔޮ އަޅަން 3 ވަނަ ބަނދަރެއްގައި ބަނދަރު ކުރުމަކީ އާންމު ކަމެއް، އެކަމާ އިންޑިއާ ހާސްވާކަށް ނުޖެހޭނެ"
ކާނަލް ޒޯ ބޯ

ނަމަވެސް މިއީ އިންޑިއާ އާއި ޗައިނާ އާ ދެމެދުގައި އޮންނަ ވާދަވެރިކަމުގައި ކުރިަމތިލާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން މި އުޅަނދު ލަންކާއަށް ވަންނަން އުޅުމުންވެސް އިންޑިއާ އިން ދެކޮޅު ހެދިއެވެ. ނަމަވެސް އޭރު ލަންކާގެ ވެރިކަމުގައި ހުންނެވި ރަނިލް ވިކްރަމަ ސިންގަ ދެއްވި ހުއްދައެއްގެ ދަށުން އެ އުޅަނދު ލަންކާގައި ބަނދަރުކޮށް ހަފްތާއެއްހާ ދުވަހު އޮތެވެ. މިގަހަރު އެ އުޅަނދު ރާއްޖެ އައުމުގެ ހުއްދައަށް އެދުމުގެ ކުރިންވެސް ލަންކާގައި ބަނދަރުކުރަން ހުއްދައަށް އެދުނެވެ. ނަމަވެސް މިފަހަރު އިންޑިއާގެ ފިއްތުމާއެކު ލަންކާއިން ވަނީ ހުއްދަ ނުދީފައެވެ.

އޭގެ ކުރިން 2014 ގައި ވެސް ޗައިނާގެ 2 ސަބްމެރީން އެއް ލަންކާގައި ބަނދަރު ކުރިއެވެ. އެ ފަހަރުވެސް އިންޑިއާ އިން ނުރުހުން ފާޅު ކުރިނަމަވެސް ޗައިނާއިން އެކުރާކަމެއް ކުރުމަށް ފަހު އުޅަނދުތައް ވަނީ ގޮސްފައެވެ. އެ އުޅަނދުތައް ލަންކާގައި ބަނދަރު ކުރުމުގެ ހުއްދަ ދިން އިރު އޭރު ލަންކާއިން ބުނެފައި ވަނީ، ޗައިނާގެ ރިސާޗް އުޅަނދާއެކު މަސައްކަތް ކުރުމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް ފުރުސަތު ލިބިގެން ދިޔުމަކީ އެގައުމުގެ ގާބިލްކަމާއި ޓެކްނޮލޮޖީގެ ދާއިރާ ކުރިއެރުމުވަށް ލިބިގެން ދިޔަ ފުރުސަތެއްގެ އިތުރުން އެމީހުނާއެކު ރިސާޗްގައި ބައިވެރިވެވުމުން އިތުރު ތަޖުރިބާއެއް ވެސް ލިބިގެން ދިޔަ ކަމެއް ކަމަށެވެ.

ނަމަވެސް މިފަހަރު ލަންކާއިން ހުއްދަ ނުދިނުމުގައި އިންޑިއާއިން ސީދާ އެކަމާ ދެކޮޅު ހެދުމާއި ލަންކާގެ ހީނަރުވެފައި ވާ އިގުތިސޯދަށް އެހީވުމަށް މާލީ ގޮތުން އެންމެ ބޮޑު އެހިއެއް ދީފައި ވަނީ އިންޑިއާ ކަމުން އެ ގައުމު ރުޅިއަރުވާލަން ބޭނުން ނުވުން ހިމެނެއެވެ.

މި ކަމުގައި ލަންކާއާއި ރާއްޖެ މިފަހަރު ތަފާތު ވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގަތީ "އިންޑިއާ އައުޓް" ހަރަކާތެއްގެ ތެރެއިން ވަޑައިގެންނެވި ބޭފުޅަކަށް ވުމާއި، އިންޑިއާ އާ މެދު ގެންގުޅޭ ސިޔާސަތު އާ ސަރުކާރުގައި ބަދަލުވެފައި ވުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކަށް ވީ އިންޑިއާ އާ ފެޔަށް ޖެހިވަޑައިގެން ޗައިނާ އާ ގާތް ގުޅުމެއް އުފެއްދެވުން ކަމަށް ވުމާއި، އިންޑިއާއިން ރާއްޖެއަށް ނުފޫޒު ފޯރުވުމަށް ކުރާ ކަންކަމަށް ފާޅުގައި ދެކޮޅު ހެއްދެވުމުގެ ސިޔާސަތެއް ކަމުން އެ އުޅަނދު ރާއްޖެ އައުމަށް މަގުފަހިވެގެން ދިޔައީއެވެ.