މިޔަރެއްގެ ހަމަލާއިން ޒަހަމްވި މީހާގެ އަތުން ލޭ މަނާނުވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލައިފިއެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް މުހައްމަދު މޫސާ ވިދާޅުވީ މިޔަރެއްގެ ހަމަލާއިން ޒަހަމްވެފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ މީހާއަށް މިހާރު ފަރުވާދެނީ އޮބްޒަވޭޝަންގައި ކަމަށް މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ އެ މީހާ ކުޅުދުއްފުށި ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 12 އާއި މެންދުރުފަހު 1 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

އެ މީހާގެ އަތަށް ޒަހަމްވެފައިވާކަން ފާހަގަކުރައްވާ މުހައްމަދު ވިދާޅުވީ އެ މީހާގެ އަތަށް 6 ސެންޓިމީޓާ ވަރުގެ ޒަހަމްވެފައިވެފައިވާ ކަމަށާއި އެ ހޮސްޕިޓަލަށް ފޮނުވާލާފައިވަނީ ހއ. ހޯރަފުށީ ހެލްތް ސެންޓަރުގައި ފަރުވާ ދިނުމަށްފަހު ލޭ މަނާ ނުވެގެން ކަމަށެވެ.

މުހައްމަދު ވިދާޅުވީ އެ ހޮސްޕިޓަލްގެ އޮޕަރޭޝަން ޑޮކްޓަރު ދަނީ ބަލަމުން ކަމަށާއި އަދި ވަކި ގޮތެއް ނުނުނިންމަވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަކީ ހއ އަތޮޅުގައި ފާާނަ މަސްވެރިކަމުގައި ހަރަކާތްތެރިވަމުންދިޔަ ފ. ފީއަލި ދޯންޏެއްގެ މަސްވެރިއެކެވެ.